ނިންމުންތައް ނިންމުމުގެ މަރުޙަލާގައި ތަރައްޤީވަމުން އަންނަ ޤައުމުތައް ހިމެނުއްވުމަށް ގޮވާލައްވައިފި
1 ސެޕްޓެމްބަރު 2025 - 16:48

ބައިނަލްއަޤުވާމީ ފެންވަރުގެ ނިންމުންތައް ނިންމުމުގެ މަރުޙަލާގައި ތަރައްޤީވަމުން އަންނަ ކުދި ޖަޒީރާ ޤައުމުތައް ހިމެނުއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ގޮވާލައްވައިފިއެވެ.
ޗައިނާގެ ޓިއަންޖިންގައި މިއަދު ބޭއްވި "އެސް.ސީ.އޯ ޕްލަސް" ބައްދަލުވުމުގައި ވާހަކަދައްކަވަމުން ރައީސް ވަނީ ގްލޯބަލް ގަވަރނަންސް އިނީޝިއެޓިވަށް ދިވެހިރާއްޖެއިން ތާއީދުކުރައްވާކަން ހާމަކުރައްވައި، ބައިނަލްއަޤުވާމީ ފެންވަރުގެ ނިންމުންތައް ނިންމުމުގެ މަރުޙަލާގައި ތަރައްޤީވަމުން އަންނަ ކުދި ޖަޒީރާ ޤައުމުތައް ހިމެނުއްވުމަށް ގޮވާލައްވާފައެވެ.

Ad by Hajj Corporation
މިއަދުގެ ބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ދެއްކެވި ވާހަކަފުޅުގައި، ޗައިނާ އާއި ދިވެހިރާއްޖޭގެ ޒަމާންވީ ގުޅުމުގެ މައްޗަށް އަލިއަޅުއްވާލެއްވިއެވެ. އަދި ދިވެހިރާއްޖެއަކީ ވިލުންތެރި، ޢަޒުމުވަރުގަދަ ޤައުމެއްގެ ގޮތުގައި ސިފަކުރައްވައި، ދިވެހިރާއްޖޭގެ މޫސުމީ ލަނޑުދަނޑިތަކާއި، މޯލްޑިވްސް 2.0 ޑިޖިޓަލައިޒޭޝަން މަސައްކަތާ ގުޅޭގޮތުން އެމަނިކުފާނު ވަނީ ވާހަކަފުޅުދައްކަވާފައެވެ.
ބައްދަލުވުން އިފްތިތާޙުކުރެއްވުމުގެ ގޮތުން ވާހަކަފުޅު ދައްކަވާފައިވަނީ ޗައިނާގެ ރައީސް ޝީ ޖިންޕިންގ އެވެ. އެމަނިކުފާނުގެ ވާހަކަފުޅުގައި ވަނީ، ޝަންހާއީ ކޯޕަރޭޝަން އޯގަނައިޒޭޝަން (އެސް.ސީ.އޯ) ގެ އިސްނެންގެވުމުގެ މަތީން، ސަރަހައްދީ ފެންވަރުގައްޔާއި ބައިނަލްއަޤުވާމީ ފެންވަރުގައި، އަމާންކަމާއި، ހަމަޖެހުމާއި ތަމައްދުނަށް މަސައްކަތްކުރެއްވުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ.
އެސް.ސީ.އޯ ޕްލަސް ބައްދަލުވުމަކީ، އެސް.ސީ.އޯގެ މެންބަރު ޤައުމުތަކާއި، ޕާޓްނަރ ޤައުމުތަކާއި، ބައިނަލްއަޤުވާމީ ޖަމުޢިއްޔާތަކުން ހިއްސާކުރާ ގޮންޖެހުންތަކާއި، ނުރައްކާތަކާއި، އިޤްތިޞާދީ އިންޓެގްރޭޝަނާއި ގްލޯބަލް ގަވަނަންސް ފަދަ މައުޟޫޢުތަކުގެ މައްޗަށް މަޝްވަރާކުރެއްވުމަށް ހުޅުވާލާފައިވާ އިތުރު މަންސައެކެވެ.