logo
ޚަބަރު

ކީރިތި ޤުރުއާން ކިޔެވުމުގެ ޤައުމީ މުބާރާތުގައި 1000އަށް ވުރެ ގިނަ ބައިވެރިން

އާމިނަތު ޝަފާ
2 ސެޕްޓެމްބަރު 2025 - 09:08
ކީރިތި ޤުރުއާން ކިޔެވުމުގެ  ޤައުމީ މުބާރާތުގައި 1000އަށް ވުރެ ގިނަ ބައިވެރިން

ކީރިތި ޤުރުއާން ކިޔެވުމުގެ 37 ވަނަ ޤައުމީ މުބާރާތުގައި 1000 އަށްވުރެ ގިނަ މީހުން ބައިވެރިވާނެކަމަށް ކީރިތި ޤުރުއާނާ ބެހޭ ޤައުމީ މަރުކަޒުން ބުނެފިއެވެ.

ޤުރްއާން މުބާރާތް  ބާއްވަން ތާވަލުކޮށްފައި ވަނީ، އަންނަ ސެޕްޓެމްބަރު މަހުގެ 18 ވަނަ ދުވަހުއެވެ.

Ad by Hajj Corporation

Ad by Hajj Corporation

މިފަހަރުގެ މުބާރާތުގައި ޖުމްލަ 1003 ފަރާތެއް ބައިވެރިވާއިރު އަތޮޅު ކައުންސިލްތަކުން ބަލައިގެން ކިޔެވުމުގެ ބައިން 190 ފަރާތެއް ބައިވެރިވާކަމަށާއި ނުބަލާ ކިޔެވުމުގެ ބައިން 166 ފަރާތެއް ބައިވެރިވާކަމަށް ކީރިތި ޤުރުއާނާ ބެހޭ ޤައުމީ މަރުކަޒުން މައުލޫމާތުދެއެވެ.

މީގެ އިތުރުން ސިޓީ ސްކޫލްތަކުގެ ބައިން ބަލައިގެން ކިޔެވުމުގެ ބައިން 190 ދަރިވަރުން ބައިވެރިވާއިރު ނުބަލާ ކިޔެވުމުގެ ބައިން 172 ދަރިވަރަކު ބައިވެރިވާކަމަށާއި ޙާފިޒުންގެ ބައިން 29 މީހަކު ބައިވެރިވާކަމަށް މައުލޫމާތުލިބެއެވެ.

ކީރިތި ޤުރުއާނާ ބެހޭ ޤައުމީ މަރުކަޒުން ބުނީ އެހެނިހެން ކެޓަގަރީތަކުންވެސް ބަލައިގެން ކިޔެވުމުގެ ބައިން 181 މީހުންނާއި ނުބަލާ ކިޔެވުމުގެ ބައިން 75 މީހުން ބައިވެރިވެއެވެ.

ޤުރްއާން ކިޔެވުމުގެ މުބާރާތް ކުރިއަށް ގެންދަނީ ތިން ބަޔަކަށެވެ. އެއީ ޙާފިޠުންގެ ބަޔާއި ސްކޫލް ކުދިންގެ ބަޔާއި މުއައްސަސާތަކުގެ ބައެވެ.

ޤުރުއާނާ ބެހޭ މަރުކަޒުން ބުނެފައިވާ ގޮތުގައި ޙާފިޠުންގެ ބައި ޚާއްޞަ ކޮށްފައިވަނީ، ތަޖުވީދުގެ ހަމަތަކާ އެއްގޮތްވާ ގޮތުގެމަތިން މުޅި ޤުރްއާން ހިތުދަސް ބައިވެރިންނަށެވެ. މުބާރާތުގައި ބައިވެރިވާ ކޮންމެ މުއައްސަސާއަކަށް ވެސް މި ބައިގައި ބޭނުން އަދަދަކަށް ޙާފިޠުން ބައިވެރިކުރެވޭނެއެވެ. އަދި އަމިއްލަ ގޮތުން ވެސް މި ބައިގައި ވާދަކުރެވެއެވެ. ޙާފިޠުންގެ ބައިގައި ވާދަކުރަން ސެޓްފިކެޓް ހުށައަޅަން ޖެހެއެވެ.

ސްކޫލު ކުދިންގެ ބައިގައި ބައިވެރިވާނީ، މިނިސްޓްރީ އޮފް އެޑިޔުކޭޝަންގައި ރަޖިސްޓްރީކޮށްފައިވާ ރާއްޖޭގެ ސްކޫލް މަދަރުސާތަކުގެ ފައުންޑޭޝަން ސްޓޭޖުން ފެށިގެން ކީ ސްޓޭޖް 5 އާ ދެމެދުގެ ދަރިވަރުންނަށެވެ.

މުއައްސަސާތަކުގެ ބައިގައި ވާދަކުރާނީ، ކަމާ ބެހޭ އިދާރާއެއްގައި އުނގަންނައިދިނުމަށް ރަޖިސްޓްރީކޮށްފައިވާ ޤުރްއާން ކިޔަވާދޭ ތަންތަނުންނެވެ. މީގެ ތެރޭގައި ޔުނިވަރސިޓީ ކޮލެޖްތަކާއި އިންސްޓިޓިއުޓް ނުވަތަ މަރުކަޒުތަކާއި ޤުރްއާން ކުލާސްތައް ހިމެނެއެވެ. އަދި ޤުރްއާނުގެ ދާއިރާ، ދީނީ ގޮތުން ހޭލުންތެރިކުރެވުން އެ ތަނެއްގެ މަޤްޞަދުތަކުގެ ތެރޭގައި ހިމެނޭ ކުލަބު ޖަމިއްޔާތަކަށް ވެސް މި ބައިގައި ވާދަކުރެވެއެވެ.

މި ތަންތަނުގެ ނަމުގައި މުބާރާތުގައި ބައިވެރިކުރެވޭނީ، ޤައުމީ ޤުރްއާން މުބާރާތައް އިޢުލާން ކުރުމުގެ ތިން މަސް ކުރިން އެ ތަނެއްގައި ރަޖިސްޓްރީވެ ކިޔަވަމުންދާ ކުދިންނަށެވެ.

ޤައުމީ ޤުރްއާން މުބާރާތް ކުރިއަށް ގެންދަނީ ތިން ގޮއްޕަކަށް ބަހާލައިގެންނެވެ. އެއީ ބަލައިގެން ކިޔެވުމުގެ ގޮއްޕާއި ނުބަލައި ކިޔެވުމުގެ ގޮފީގެ އިތުރުން ޙާފިޠުންގެ ގޮއްޕެވެ.

ސިޓީތަކުގެ ކޮންމެ ސްކޫލްތަކަށް ވެސް އެ ސްކޫލެއްގެ އަމިއްލަ ނަމުގައި މުބާރާތުގައި ބައިވެރިވެވެއެވެ. ސިޓީތަކުގެ ސްކޫލްތަކުގެ ތެރެއިން ކީ ސްޓޭޖް 1އާއި 2 އޮންނަ ސްލޫލެއް ނަމަ އެ ސްކޫލަކުން ޖުމްލަ ހަ ދަރިވަރުންނަށް ބައިވެރިވެވެއެވެ. އެއީ ނުބަލައި ކިޔުމުގެ ބައިން 3 ދަރިވަރުންނާއި ބަލައިގެން ކިޔުމުގެ ބައިން 3 ދަރިވަރުންނެވެ. ސިޓީ ސްކޫލްތަކުން މުބާރާތުގައި ބައިވެރިވާނީ އެ ސްކޫލެއްގެ ދަރިވަރުންގެ މެދުގައި ބޭއްވިފައިވާ ސްކޫލް މުބާރާތުން ހޮވޭ ދަރިވަރުންނެވެ.

ސިޓީ ސްކޫލްތައް ފިޔަވައި އެހެން ސްކޫލްތަކުން މި މުބާރާތުގައި ބައިވެރިވާނީ އަތޮޅު ސްކޫލްތަކުގެ މެދުގައި ބޭއްވިފައިވާ އަތޮޅު މުބާރާތުން ހޮވޭ ދަރިވަރުންނެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ކީރިތި ޤުރުއާން ކިޔެވުމުގެ ޤައުމީ މުބާރާތުގައި 1000އަށް ވުރެ ގިނަ ބައިވެރިންޚަބަރު | 2 ދުވަސް ކުރިން