logo
ޚަބަރު

ގުޅުން އިތުރަށް ބަދަހިކުރައްވާނެކަމުގެ ޔަޤީންކަން ދެއްވަމުން، ރައީސްގެ ޗައިނާ ދަތުރުފުޅު ނިންމަވާލައްވައިފި

އާމިނަތު ޝަފާ
4 ސެޕްޓެމްބަރު 2025 - 10:54
ގުޅުން އިތުރަށް ބަދަހިކުރައްވާނެކަމުގެ ޔަޤީންކަން ދެއްވަމުން، ރައީސްގެ ޗައިނާ ދަތުރުފުޅު ނިންމަވާލައްވައިފި

ޗައިނާގެ ރައީސް، ޝީ ޖިންޕިންގ ގެ ދަޢުވަތަކަށް އެޤައުމަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު މާލެވަޑައިގަންނަވައިފިއެވެ.

ޗައިނާގެ ރައީސްގެ ދައުވަތަކަށް ރައީސް މުއިއްޒު އެ ގައުމަށް ވަޑައިގެންނެވީ ހުސްވި އޯގަސްޓުމަހުގެ 29 ވަނަ ދުވަހުއެވެ. ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ޗައިނާއަށް ކުރައްވާ މި ދަތުރުފުޅަކީ ރައީސް ޝީ ޖިންޕިންގެ ދަޢުވަތަކަށް، އެސް.ސީ.އޯ ސަމިޓުގައި ބައިވެރިވެވަޑައިގަތުމަށް ކުރެއްވި ރަސްމީ ދަތުރުފުޅެކެވެ.

Ad by Hajj Corporation

Ad by Hajj Corporation

ރައީސް މުއިއްޒާއި، ރައީސް ޝީގެ ބައްދަލުކުރެއްވުން

ދަތުރުފުޅުގެ ތެރެއިން ރައީސް މުއިއްޒު، ޕީޕަލްސް ރިޕަބްލިކް އޮފް ޗައިނާގެ ރައީސް، ޝީ ޖިންޕިންގްއާ ބައްދަލުކުރައްވާފައިވާއިރު މި ބައްދަލުކުރެއްވުމުގައި ކުރެއްވި މަޝްވަރާތަކުގައި، އިގްތިސާދީ ތަރައްޤީއާއި ވިޔަފާރިއާއި އިންވެސްޓްމަންޓާއި ސަލާމަތީ ގޮތުން އެއްބާރުލުން ދިނުމާއި، ދެ ޤައުމުގެ ދޭދޭ ރައްޔިތުންގެ މެދުގައި އޮންނަ ގުޅުންތައް ބަދަހިކުރުން ހިމެނޭހެން، އެއްބާރުލުން ދެއްވާ މުހިންމު ދާއިރާތަކަށް އަލިއަޅުއްވާލައްވާފައިވެއެވެ. މިބައްދަލުކުރެއްވުމުގައި ޗައިނާގެ ރައީސްގެ ވާހަކަފުޅުގައި، ދިވެހިރާއްޖޭގެ ޤައުމީ ތަރައްޤީގެ ލަނޑުދަނޑިތައް ހާސިލުކުރުމުގައި ދިވެހިރާއްޖެއަށް ފުރިހަމަ އެއްބާރުލުން ދެއްވުމަށް ޗައިނާއިން ވެވަޑައިގެންފައިވާ ވަޢުދު ތަކުރާރުކުރައްވައި، ނަތީޖާއަށް ބިނާކުރައްވައި ގުޅުންތައް އިތުރަށް ކުރިއަށް ގެންދެވުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުއްވާލެއްވިއެވެ. އަދި "ކޮމްޕްރިހޭންސިވް ސްޓްރެޓީޖިކް ކޯޕަރޭޓިވް ޕަރޓްނަރޝިޕް (2024 -2028)" ގެ ދަށުން، ދިވެހިރާއްޖެއާއި ޗައިނާގެ ގުޅުން، މަތީ ހަރުފަތަކަށް ގެންދެވުމަށްވެސް ދެ ޤައުމުގެ ލީޑަރުންވަނީ އެއްބަސްވެވަޑައިގެންފައެވެ.

މި ބައްދަލުކުރެއްވުން ނިންމަވާލައްވާފައިވަނީ ދެޤައުމުގެ މެދުގައި އޮތް ދޭދޭ ގުޅުންތައް އިތުރަށް ހަރުދަނާކުރައްވައި، ދެފަރާތުން ހިއްސާކުރާ، މަސްލަހަތު ހިމެނޭ ކަންކަމާއެކު ކުރިއަށްވަޑައިގަންނަވާނެކަން ކަށަވަރުކޮށްދެއްވަމުންނެވެ.

 

އެސް.ސީ.އޯ ޕްލަސް ބައްދަލުވުމުގައި ރައީސް ބަޔާނެއް ދެއްވުން

ޗައިނާގެ ޓިއަންޖިންގައި ބޭއްވި "އެސް.ސީ.އޯ ޕްލަސް" ބައްދަލުވުމުގައި ރައީސް މުއިއްޒުވަނީ ބަޔާނެއް އިއްވަވާފައެވެ.

ބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ދެއްކެވި ވާހަކަފުޅުގައި، ޗައިނާ އާއި ދިވެހިރާއްޖޭގެ ޒަމާންވީ ގުޅުމުގެ މައްޗަށް އަލިއަޅުއްވާލެއްވިއެވެ. އަދި ދިވެހިރާއްޖެއަކީ ވިލުންތެރި، ޢަޒުމުވަރުގަދަ ޤައުމެއްގެ ގޮތުގައި ސިފަކުރައްވައި، ދިވެހިރާއްޖޭގެ މޫސުމީ ލަނޑުދަނޑިތަކާއި، މޯލްޑިވްސް 2.0 ޑިޖިޓަލައިޒޭޝަން މަސައްކަތާ ގުޅޭގޮތުން އެމަނިކުފާނު ވަނީ ވާހަކަފުޅުދައްކަވާފައެވެ. އަދި ގްލޯބަލް ގަވަރނަންސް އިނީޝިއެޓިވަށް ދިވެހިރާއްޖެއިން ތާއީދުކުރައްވާކަން ހާމަކުރައްވައި، ބައިނަލްއަޤުވާމީ ފެންވަރުގެ ނިންމުންތައް ނިންމުމުގެ މަރުޙަލާގައި ތަރައްޤީވަމުން އަންނަ ކުދި ޖަޒީރާ ޤައުމުތައް ހިމެނުއްވުމަށް އެ މަނިކުފާނު ގޮވާލެއްވިއެވެ.

މީގެ އިތުރުން ފަލަސްޠީނުގެ ރައްޔިތުންނަށް އިންސާފާއި، އިންސާނީ ކަރާމާތާއި، ސުލްހަ ޤާއިމުކޮށްދިނުމަށް ވަކާލާތުކުރުމުގައި ޝަންހާއީ ކޯޕަރޭޝަން އޯގަނައިޒޭޝަން (އެސްސީއޯ) ފަދަ ޖަމާއަތްތަކާއި ޤައުމުތަކުން ގުޅިގެން މަސައްކަތް ކޮށްދިނުމަށް އެމަނިކުފާނު ގޮވާލެއްވިއެވެ. ފަލަސްޠީނުގެ ރައްޔިތުން ތަހައްމަލުކުރަމުންދާ ނިކަމެތި ހާލަތާއިމެދު ދިވެހިރާއްޖެއިން ކަންބޮޑުވާ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ. އިރުމަތީ ޤުދުސް ހިމެނޭގޮތަށް 1967 ވަނަ އަހަރުގެ ކުރިން އޮތް ބޯޑަރުތަކާ އެއްގޮތްވާ ގޮތުގެމަތިން، ފަލަސްޠީނުގެ މިނިވަން ދައުލަތެއް ޤާއިމުކުރުމަށް ރާއްޖެއިން ގޮވާލަމުންދާ ގޮވާލުން ރައީސުލްޖުމްހޫރިއްޔާ ވަނީ ތަކުރާރުކުރައްވާފައެވެ.

 

ޗައިނާއާއި ރާއްޖެއާ ދެމެދު ޖުމްލަ 1 އެއްބަސްވުމެއް

ދިވެހިރާއްޖެއާއި ޗައިނާއާ ދެމެދު އެކިދާއިރާތަކުން އެއްބާރުލުންދިނުމާބެހޭ ފަހުމުނާމާތަކުގައި ސޮއިކުރެއްވުމުގެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ މި ދަތުރުފުޅުިގެ ތެރެއިން ބައިވެރިވެވަޑައިގަންނަވައިފައެވެ.

މި ރަސްމިއްޔާތުގައި، ރާއްޖެއާއި ޗައިނާއާއި ދެމެދު އެކިދާއިރާތަކުން ގުޅުންބަދަހިކުރުމުގެ މަޤްޞަދުގައި މުހިންމު އެގާރަ ފަހުމުނާމާއެއްގައި ވަނީ ސޮއިކުރައްވާފައެވެ. އޭގެ ތެރޭގައި އިޤްތިޞާދީ ތަރައްޤީ، އުމުރާނީތަރައްޤީ އަދި އިޔާދަކުރަނިވި ހަކަތައިގެ ދާއިރާއިން ދެޤައުމުން އެއްބާރުލުން އިތުރުކުރުމާގުޅޭ ފަހުމުނާމާތައް ހިމެނެއެވެ. މި ފަހުމުނާމާތަކަކީ ކުރިއަށް އޮތް ތަނުގައި ދެޤައުމުގެމެދުގައި އޮތް ޒަމާންވީ ގުޅުން އިތުރަށް ބަދަހިވެގެންދިޔުމާއެކު، ދެމެހެއްޓެނިވި ތަރައްޤީއަށް އެޅިގެންދާ މުހިންމު ފިޔަވަޅަކަށް ވެގެންދާނެކަމަށް ސަރުކާރުން މައުލޫމާތުދެއެވެ.

 

ނޭޕާލް އަދި އަޒަރުބައިޖާންއާ އެކުވެސް މުހިންމު މަޝްވަރާތަކެއް

ޝަންހާއީ ކޯޕަރޭޝަން އޯގަނައިޒޭޝަން (އެސް.ސީ.އޯ) ސަމިޓުގެ ހަވާސާގެ ތެރެއިން ރައީސް މުއިއްޒުވަނީ ނޭޕާލްގެ ބޮޑުވަޒީރު ކޭ.ޕީ. ޝަރްމާ އޮލިއާއި އަޒަރްބައިޖާންގެ ރައީސް އިލްހާމް އަލިޔޭވްއާ ބައްދަލުކުރައްވާފައެވެ.

ނޭޕާލްގެ ބޮޑުވަޒީރާއެކު ބޭއްވި ބައްދަލުވުމުގައި ތަޢުލީމީ ދާއިރާއާއި، އިޤުތިޞާދު ސިންދަފާތުކުރުމާއި، ބައިނަލްއަޤްވާމީ މަންސަތަކުގައި އެއްބާރުލުން ދިނުމާމެދުވެސް ދެބޭފުޅުންގެ މަޝްވަރާގައި އަލިއަޅުއްވާލައްވާފައިވެއެވެ. މީގެއިތުރުން މިބައްދަލުކުރެއްވުމުގައި، ދެޤައުމުގެ ގުޅުމުގެ ތެރެއިން ސަރަހައްދީ ގުޅުންތައް ބަދަހިކުރުމާއި، ދެމެހެއްޓެނިވި ތަރައްޤީގެ އަމާޒުތައް ހާސިލުކުރުމާމެދު ދެބޭފުޅުން މަޝްވަރާކުރެއްވިއެވެ.

މީގެ އިތުރުން ޒަރްބައިޖާންގެ ރައީސްއާ އެކު ކުރެއްވި މަޝްވަރާތަކުގައި ދެ ޤައުމުގެ ރައްޔިތުންގެ މެދުގައި ދޭދޭ ގުޅުންތައް ބަދަހިކުރުމާއި، އިޤުތިޞާދީ ދާއިރާއިން އެއްބާރުލުން އިތުރުކޮށް، ދެޤައުމުގެ ވިޔަފާރިއާއި އިންވެސްޓްމަންޓްގެ ފުރުޞަތުތައް އިތުރުކުރުމަށް މަޝްވަރާކުރެއްވިއެވެ.

މީގެއިތުރުން ދެވަނަ ބޮޑު ހަނގުރާމައިގައި ޗައިނާ ރައްޔިތުންނަށް ކާމިޔާބު ލިބުނުތާ 80 އަހަރު ފުރުނު ދުވަސް ފާހަގަކުރުމަށް ބޭއްވި ރަސްމިއްޔާތުގައިވެސް ރައީސުލްޖުމްހޫރިއްޔާ ބައިވެރިވެވަޑައިގެންނެވިއެވެ.

މިއީ، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު މަގާމާއި ހަވާލުވެވަޑައިގެންނެވިފަހުން، ޗައިނާއަށް ކުރެއްވި ދެވަނަ ރަސްމީ ދަތުރުފުޅެވެ. އަދި، އެމަނިކުފާނުގެ މިދަތުރުފުޅަކީ ދެޤައުމުގެ މެދުގައި އޮތް ޒަމާންވީ ގުޅުން އިތުރަށް ހަރުދަނާވުމަށް މަގުފަހިވެގެންދިޔަ މުހިންމު ދަތުރުފުޅެއްކަމަށް ސަރުކާރުން މައުލޫމާތުދެއެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ގުޅުން އިތުރަށް ބަދަހިކުރައްވާނެކަމުގެ ޔަޤީންކަން ދެއްވަމުން، ރައީސްގެ ޗައިނާ ދަތުރުފުޅު ނިންމަވާލައްވައިފިޚަބަރު | ދުވަހެއް ކުރިންޗައިނާގެ ވިކްޓްރީ ޑޭ ފާހަގަކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ރައީސް ބައިވެރިވެވަޑައިގެންފިޚަބަރު | 2 ދުވަސް ކުރިންރާއްޖެއާއި ޗައިނާއާ ދެމެދު 11 އެއްބަސްވުމެެއްގައި ސޮއިކޮށްފި ޚަބަރު | 3 ދުވަސް ކުރިންޗައިނާގެ ކޮމިއުނިސްޓް ޕާޓީގެ ސެކްރެޓަރީ އޮފް ދަ ސެންޓްރަލް ކޮމިޝަނާއާ ރައީސް ބައްދަލުކުރައްވައިފިޚަބަރު | 3 ދުވަސް ކުރިން