ރަތްކަނޑުގައި އަޅާފައިވާ ކޭބަލްތަކެއް ބުރިވެއްޖެ
8 ސެޕްޓެމްބަރު 2025 - 07:46

ރަތް ކަނޑުގައި އަޅާފައިވާ ފައިބަރ އޮޕްޓިކް ކޭބަލްތަކެއް ބުރިވެ ދެކުނު އޭޝިޔާއާއި މެދުއިރުމަތީގެ ޤައުމުތަކުގައި އިންޓަނެޓް ޚިދުމަތަށް ބުރޫއަރައިފިއެވެ.
ކޭބަލް ބުރިވުމުގެ ސަބަބުން އިންޓަނެޓުގެ ޚިދުމަތަށް އަސަރުކޮށްފައިވާ ޤައުމުތަކުގެ ތެރޭގައި އިންޑިިޔާއާއި ޕާކިސްތާނާއި އެކުވެރި ޢަރަބި އިމާރާތް ހިމެނެއެވެ.

Ad by Hajj Corporation
ކަނޑުއަޑީގައި އަޅާފައިވާ ގިނަ ކޭބަލްތަކެއް ބުރިބެފައިވާއިރު އޭގެ ތެރޭގައި ސަޢުދީ ޢަރަބިއްޔާގެ ޖިއްދާ ކައިރީގައި އަޅާފައިވާ އެސްއެމްޑަބްލިޔު4 އަދި އައިއެމްއީޑަބްލިޔުއީ ނިޒާމު ހިމެނެއެވެ. ކޭބަލްތައް ބުރިވާން މެދުވެރިވި ސަބަބު މިހާތަނަށް ސާފުވެފައި ނުވާއިރު، މަސްރަހު ދިރާސާކުރާ ބައެއް އެނަލިސްޓުން ވަނީ ކޭބަލް ބުރިވުމާ ސަރަޙައްދީ ހަމަނުޖެހުންތަކާ ގުޅުމެއް އޮވެދާނެ ކަމަށް ފާހަގަކޮށްފައެވެ.
އެ ގޮތުން ޔަމަން ކައިރީގައި ކުރިއަށްދާ ހަނގުރާމަވެރިންގެ ޙަރަކާތްތައް އެނަލިސްޓުން ފާހަގަކުރެއެވެ. ނަމަވެސް ކޭބަލްތައް ބުރިކުރުމުގައި ބައިވެރިވުމެއް ނޯންނާނެ ކަމަށް އެ ސަރަޙައްދުގައި ޙަރަކާތްތެރިވާ ޖަމާޢަތްތަކުން ވަނީ ބުނެފައެވެ.
އެކުވެރި ޢަރަބި އިމާރާތުގައި އިންޓަނެޓުގެ ޚިދުމަތްދޭ އެތިސަލަތާއި ދޫއިން ވަނީ އިންޓަނެޓުގެ ދުވެލި މަޑުވެފައިވާ ކަމަށާއި ދޭތެރެދޭތެރެއިން ޚިދުމަތް ކެނޑެމުންދާ ކަމަށް ބުނެފައެވެ. ދުނިޔޭގެ އެންމެ ބޮޑު އެއް ޓެލެކޮމް ކުންފުނި ކަމަށްވާ ޕާކިސްތާނު ޓެލެކޮމިއުނިކޭޝަނުން ވެސް ބުނީ ޕީކް ގަޑިތަކުގައި ޚިދުމަތަށް އަސަރުކުރުން އެކަށީގެންވާ ކަމަށާއި އެ ކުންފުނީގެ ބައިނަލްއަޤްވާމީ ބައިވެރިން މައްސަލަ ޙައްލުކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ.
މައިކްރޯސޮފްޓުން ވެސް ބުނީ ދުނިޔޭގެ ދެވަނައަށް އެންމެ ބޮޑު ކްލައުޑް ޚިދުމަތް ކަމަށްވާ އެ ކުންފުނީގެ އަޒުރޭ ކްލައުޑް ޚިދުމަތަށް ބުރޫ އެރުން އެކަށީގެންވާ ކަމަށެވެ. މައްސަލަ ފާހަގަވެފައި ވަނީ ސެޕްޓެމްބަރު 6ވަނަ ދުވަހު ޖީއެމްޓީ ގަޑިން 05.45ގައި ކަމަށް ވެސް އެ ކުންފުނުން ބުނެފައިވެއެވެ.