އެޕަލްގެ އައިފޯން 17 ސީރީޒް މިރޭލޯންޗް ކުރަން ތައްޔާރުވެއްޖެ
9 ސެޕްޓެމްބަރު 2025 - 13:13

ޓެކްނޮލޮޖީގެ އެންމެ ބޮޑު ކުންފުނި އެޕަލް އިން އައިފޯން 17 ސީރީޒްގެ ފޯނުތައް މިރޭ ލޯންޗް ކުރުމަށް ތައްޔާރުވެއްޖެއެވެ.
އެޕަލްގެ އާ އައިފޯން 17 ސީރީޒް މިރޭ ރާއްޖެ ގަޑިން 22:00 ގައި ރަސްމީކޮށް ލޯންޗް ކުރަން ތައްޔާރުވެފައިވާއިރު، މި ސީރީޒް ލޯންޗްކުރުމަށް ނިންމާފައިވަނީ އެޕަލްއިން މިރޭ ބާއްވަން ހަމަޖެހިފައިވާ "އޯ ޑްރޮޕިންގް"އިވެންޓުގެ ތެރެއިންނެވެ. ލޯންޗްކުރުން ކުރިއަށް ދާނީ ކެލިފޯނިއާގެ ކުޕަރޓީނޯގައި ހުންނަ އެޕަލް ޕާކް ކެމްޕަހުގައެވެ. އަދި މި އިވެންޓުގައި އެޕަލްގެ ސީއީއޯ ޓިމް ކުކްއާއި އެޕަލްގެ އިސްވެރިން ބައިވެރިވާނެއެވެ.

Ad by Hajj Corporation
މިރޭ އިފްތިތާޙު ކުރެވޭ އައިފޯން 17 ސީރީޒްގައި ހިމެނޭނެ ކަމަށް ބެލެވެނީ އައިފޯން 17، އައިފޯން 17 އެއަރ، އައިފޯން 17 ޕްރޯ، އަދި އައިފޯން 17 ޕްރޯ މެކްސްއެވެ. މީގެ އިތުރުން، އާ އައިފޯންތަކާ އެކު އެޕަލް ވޮޗް ސީރީޒް 11، ވޮޗް އަލްޓްރާ 3، އަދި އެއަރޕޮޑްސް ޕްރޯ 3 ވެސް މި އިވެންޓުގައި އިޢުލާން ކުރާނެ ކަމަށް ބެލެވެއެވެ. ޚަބަރުތައް ބުނާ ގޮތުގައި، އައިފޯން 17 ޕްރޯ އަދި އައިފޯން 17 ޕްރޯ މެކްސް އަށް ގިނަ މުހިންމު ބަދަލުތަކެއް އަންނާނެއެވެ. އައިފޯން 17 ޕްރޯ މޮޑެލްތަކަށް އަންނާނެ މައިގަނޑު ބަދަލުތަކުގެ ތެރޭގައި އާ ކުލަތަކެއް ތައާރަފްކުރުން ހިމެނެއެވެ. އެގޮތުން، އޮރެންޖް އަދި ނޫ ކުލައިގެ ފޯނުތައް ތައާރަފުކުރަން ވަނީ ނިންމާފައެވެ. މީގެ އިތުރުން، ފޮޓޯގްރަފީގެ ދާއިރާއިން ވެސް މި ފޯނުތަކުގައި ގިނަ ފީޗަރތަކެއް ވަނީ ހިމެނިފައެވެ. އެގޮތުން އައިފޯން 16 ޕްރޯ މެކްސްގައި ހުރި 5އެކްސް އޮޕްޓިކަލް ޒޫމް، އައިފޯން 17 ޕްރޯ މޮޑެލްތަކުގައި 8އެކްސް އަށް ވަނީ ބަދަލުކޮށްފައެވެ.
ލަފާކުރެވޭގޮތުގައި މި އައު އައިފޯނުތައް އެޕަލްގެ އުފެއްދުންތެރިކަމުގެ މައި މަރުކަޒުތައް ކަމަށްވާ ޗައިނާ އަދި އިންޑިޔާގައި އުފައްދާނެއެވެ.މިރޭގެ މި އިވެންޓަކީ އެޕަލްގެ ފޯނުތަކަށް އިންތިޒާރުކުރާ ފަރާތްތަކަށް ވަރަށް ހާއްސަ އިވެންޓަކަށް ވެގެންދާނެއެވެ.
އަދި މި އިވެންޓް އެޕަލްގެ ރަސްމީ ވެބްސައިޓާއި، އެޕަލް ޓީވީ އެޕް، އަދި އެޕަލްގެ ރަސްމީ ޔޫޓިއުބް ޗެނަލް މެދުވެރިކޮށް ވަގުތުން ގެނެސްދޭނެއެވެ.