16 ވަނަ ޤައުމީ ޖޫނިއަރ އެތުލެޓިކްސް ޗެމްޕިއަަންޝިޕް 2025 ފަށައިފި
10 ސެޕްޓެމްބަރު 2025 - 10:11

6 ވަނަ ޤައުމީ ޖޫނިއަރ އެތުލެޓިކްސް ޗެމްޕިއަަންޝިޕް 2025، އިއްޔެ ހެނދުނު ފުވައްމުލައް ސިޓީ ސްޓޭޑިއަމްގައި ފަށައިފިއެވެ. މި މުބާރާތުގެ ހުޅުވުމުގެ ރަސްމިއްޔާތުވަނީ ރޭ ބާއްވާފައެވެ.
މިއަހަރުގެ މި މުބާރާތުގައި 16 ސްކޫލަކުންނާއި 9 ކުލަބަކުން ޖުމްލަ 681 އެތުލީޓުން ވާދަކުރެއެވެ. ފުވައްމުލައް ސިޓީ ސްޓޭޑިއަމްގައި މިއަދުން ފެށިގެން މިމަހުގެ 14 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާ މި މުބާރާތުގައި، އަންހެން އަދި ފިރިހެން އެތުލީޓުން ވާދަކުރާނީ ޖުމްލަ 4 އުމުރުފުރާއެއްގައެވެ. އެއީ 13 އަހަރުން ދަށް، 15 އަހަރުން ދަށް، 17 އަހަރުން ދަށް އަދި 20 އަހަރުން ދަށުގެ އުމުރުފުރާއެވެ. މިއުމުރުފުރާތަކުން ޓްރެކް އަދި ފިލްޑް އިވެންޓްތައް ހިމެނޭހެން ޖުމްލަ 113 އިވެންޓުގައި އެތުލީޓުން ވާދަކުރާނެއެވެ.

Ad by Hajj Corporation
މުބާރާތް ހުޅުވުމުގެ ރަސްމިއްޔާތުގެ ޝަރަފުވެރިކޮށް ދެއްވާފައިވަނީ ފުވައްމުލައް ސިޓީގެ މޭޔަރ އިސްމާއިލް ރަފީގެވެ. މިރަސްމިއްޔާތުގައި އެތުލެޓިކްސް އެސޯސިއޭޝަންގެ ނައިބު ރައީސް އަހުމަދު އަޒީލްއާއި، މުބާރާތުގައި ވާދަކުރާ ސްކޫލްތަކުގެ އިސްވެރިންނާއި ޓީމްތަކުގެ މެނޭޖަރުންވަނީ ބައިވެރިވެފައެވެ. އަދި ސިޓީގެ ގިނަ މުއައްސަސާތަކަކުންނާއި އާންމުންވަނީ ބައިވެރިވެފައެވެ. މީގެއިތުރުން މިރަސްމިއްޔާތުގައިވަނީ މުބާރާތުގެ ދަންމަރު ދިއްލައި، އެތުލީޓުންގެ އަހުދު ކިޔައިފައެވެ.
މި އަހަރުގެ މުބާރާތުގެ ސްޕޮންސަރުންނަކީ ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވުޒާރާ، ފުވައްމުލައް ސިޓީ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީ، ނެސްލޭ މައިލޯ، ދިރާގު، އަދި ޕްރިންޓް ލެބްއެވެ.
މި އަހަރުގެ މުބާރާތުގައި ވާދަކުރާ ހުރިހާ އެތުލީޓުންނަށްވެސް ފުވައްމުލަކަށް އައުމުން ހޫނު މަރުހަބާއެއް ކިޔައިފައިވެއެވެ. އަދި ހަދިޔާއެއްގެ ގޮތުގައި މުބާރާތުގެ މާޗެންޑައިޒް ކިޓްއެއް ވަނީ ދީފައެވެ. މީގެ އިތުރުން، ފުވައްމުލައް ސިޓީ މޭޔަރ އިސްމާއިލް ރަފީގް ވަނީ މިމުބާރާތުގައި ވާދަކުރާ ފުވައްމުލަކުގެ 5 ސްކޫލަށް ޒިޔާރަތްކޮށް، އެތުލީޓުންނާ ބައްދަލުކޮށް ހިތްވަރު ދެއްވާ، މާޗެންޑައިޒް ކިޓް އެތުލީޓުންނަށް ހަވާލުކުރައްވާފައެވެ. މިއަހަރުގެ މުބާރާތުގެ ނަތީޖާ ފާޅުކޮށް މުބާރާތް ނިންމުމުގެ ރަސްމިއްޔާތު އޮންނާނީ 14 ވަނަ ދުވަހުގެ ރޭ ފުވައްމުލައް ސިޓީ ސްޓޭޑިއަމްގައެވެ.