ބިލުގައި އޮތީ ރައީސުލްޖުމްހޫރިއްޔާ ރަސްކަން ކުރާގޮތަކަށް ނޫން: ފަލާހް
15 ސެޕްޓެމްބަރު 2025 - 04:24
.jpg&w=3840&q=75)
ރައްޔިތުންގެ ހިޔާލު ހޯދާ ބިލު އޮތީ ރިޔާސީ ދައުރު ދަންމާލައި ރައީސުލްޖުމްހޫރިއްޔާ ރަސްކަން ކުރާގޮތަކަށް ނޫންކަމަށް މަޖިލީހުުގެ މެޖޯރިޓީ ލީޑަރު އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަލާހު ވިދާޅުވެއްޖެއެވެ.
ފަލާހް މިފަދައިން ވިދާޅުވީ މިއަދު ދައުރުން ބޭރުން ބޭއްވި ޖަލްސާގައި ހިޔާލު ހޯދާ ބިލާ ބެހޭގޮތުން ވާހަކަދައްކަވަމުންނެވެ.

Ad by Hajj Corporation
މީގެ 55 އަހަރު ކުރިން 1968 ވަނަ އަހަރުން ފެށިގެން 2013 ވަނަ އަހަރާ ހަމައަށް ދިވެހިރާއްޖޭގެ ރިޔާސީ ދައުރު ފެށޭ ދުވަހެއްގެ ގޮތުގައި ކަނޑައަޅާފައި އޮތީ ނޮވެމްބަރު 11 އެވެ.
ނަމަވެސް ރިޔާސީ ދައުރު ފެށޭ ދުވަސް ނޮވެމްބަރު 17 އަށް ބަދަލުވީ 2013 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގެ ދެ ބުރެއް ސުޕްރީމް ކޯޓުން ބާތިލް ކުރުމުން، އިންތިހާބު ބޭއްވި ތާރީހު ބަދަލުވުމުންނެވެ. އެ އަހަރުގެ އިންތިހާބުގެ ފުރަތަމަ ބުރު ބޭއްވުނީ ނޮވެމްބަރު 11 ގަ އެވެ. ދެ ވަނަ ބުރު ބޭއްވީ ނޮވެމްބަރު 16، ގަ އެވެ. އިންތިހާބު ކާމިޔާބު ކުރެއްވި ރައީސް ޔާމީން މަގާމުގެ ހުވާ ކުރެއްވީ ޖެހިގެން އައި ދުވަހެވެ.
ފަލާހް ވިދާޅުވީ ބިލުގައި އޮތީ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބާއި ރިޔާސީ އިންތިހާބު އެއްކޮށްލާ ވާހަކަކަމަށެވެ.
"ރިޔާސީ ދައުރު ދަންމާލައި ރައީސުލްޖުމްހޫރިއްޔާ ރަސްކަން ކުރާކަށް ބިލަކު ނެތް. އޮޅުވާނުލައްވާ. ރައްޔިތުންގެ މަޖިލީހުގެ ދައުރު 6 މަސް ދުވަސް ކުރު މިވަނީ. އެ މުސާރަ އަޅުގަނޑުމެން ގުރުބާންކޮށްލާނީ. މިކަން ކުރާކަށް ނުކެރޭނެ އެމްޑީޕީ މެމްބަރުންނަކަށް. މަޖިލީހަށް އައިއިރު މެމްބަރުންގެ މުސާރަ 1 ލައްކަ ރުފިޔާއަށް ހަދަން ފާސްކޮށްފައިވެސް ހުރީ އެމްޑީޕީ މެމްބަރުން. ދޮގެއް ނުކުރެވޭނެ މިކަން". މަޖިލީހުުގެ މެޖޯރިޓީ ލީޑަރު އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަލާހު
ފަލާހް އިތުރަށް ވިދާޅުވީ 2 އިންތިހާބު އެއްކޮށްލުމުން ދައުލަތުގެ ބަޖެޓުން 70 މިލިއަން ރުފިޔާ ސަލާމަތްކުރެވިގެންދާކަމަށެވެ.
ސަރުކާރުގެ ފަރާތުން ފަލާހު މި ބިލު ހުށަހެޅުއްވީ ރައްޔިތުންގެ ޚިޔާލު ހޯދުމުގެ އާންމު ވޯޓު ނެގޭ ހާލަތްތަކާއި އެ ވޯޓު ނެގުމަށް ހުށަހަޅާ ފަރާތްތަކުގެ ދައުރާއި ޒިންމާ އަދި އިލެކްޝަންސް ކޮމިޝަނުން އަމަލުކުރާ އުސޫލުތައް ޤާނޫނެއްގައި ބަޔާންކުުރުމަށެވެ.
ރައްޔިތުންގެ ވޯޓާއެކު ބަދަލުގެނެވޭނެ ޤާނޫނުއަސާސީގެ މާއްދާތައް:
- ގާނޫނުއަސާސީގެ އަސާސީ ހައްގުތަކާއި މިނިވަންކަމުގެ ބާބުގައި ހިމެނޭ އެއްވެސް މާއްދާތައް
- ރައްޔިތުންގެ މަޖިލީހުގެ އުމުރު ކަނޑައެޅުމުގެ މާއްދާ
- ރިޔާސަތުގެ ދައުރާ ގުޅޭ މާއްދާ
- ރައީސުލްޖުމްހޫރިއްޔާ އިންތިޚާބު ކުރާ ގޮތް
- ރައީސުލްޖުމްހޫރިއްޔާ ބިލު ތަސްދީގުކުރެއްވުމާ ގުޅޭ މާއްދާ
- ދިވެހިރާއްޖޭގެ ސަރަހައްދާ ގުޅޭ މާއްދާ
އާންމުންގެ ހިޔާލު ހޯދުމުގެ ވޯޓު ނެގުމަށް މިހާތަނަށް ގާނޫނެއް ނެތެވެ.