ބޮޑުތަކުރުފާނު މަގު ހެދުމުގެ މަސައްކަތް ކުރިއަށްދާގޮތް ރައީސް ބައްލަވާލައްވައިފި
16 ސެޕްޓެމްބަރު 2025 - 11:22

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ބޮޑުތަކުރުފާނު މަގު ތަރައްޤީކުރުމުގެ މަޝްރޫޢުގެ މަސައްކަތް ހިނގަމުންދާގޮތް ބައްލަވާލައްވައިފިއެވެ.
ބޮޑުތަކުރުފާނު މަގު ތަރައްޤީކުރުމުގެ މަޝްރޫޢަކީ ޢިއްޒުއްދީން ފާލަން އަލުން ފަރުމާކޮށް ތަރައްޤީކުރުމުގެ މަޝްރޫޢު ނިންމައި، އިފްތިތާޙްކުރުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ އިޢުލާނުކުރެއްވި މަޝްރޫޢެކެވެ. މި މަޝްރޫޢުގެ ތެރެއިން ތަރައްޤީކުރެވިގެންދާނީ ހެންވޭރު ފެރީ ޓަރމިނަލުން ފެށިގެން ލޯކަލް މާރުކޭޓާ ދެމެދުގައިވާ ސަރަހައްދެވެ.

Ad by Hajj Corporation
މި މަޝްރޫޢުގެ މަސައްކަތް ހިނގަމުންދާގޮތް ބައްލަވާލެއްވުމަށް ރައީސުލްޖުމްހޫރިއްޔާ މިއަދު މެންދުރުފަހު ބޮޑުތަކުރުފާނު މަގުގެ އުތުރު ފަރާތުން އެމް.އެމް.އޭ ސަރައްހައްދުގައި މަގު ތަރައްޤީ ކުރުމަށް ކަނޑައަޅާފައިވާ ސައިޓަށް ވަޑައިގެން އެ މަނިކުފާނު ވަނީ އެ މަޝްރޫޢުގެ ފުރަތަމަ ފިޔަވަހީގެ މަސައްކަތް ކުރިއަށްގޮސްފައިވާ މިންވަރު ވަޒަންކުރައްވާފައެވެ. ރައީސުލްޖުމްހޫރިއްޔާ އެ ސަރަހައްދަށް ވަޑައިގަތުމުން އެމަނިކުފާނަށް މަރުޚަބާ ދެންނެވީ މިނިސްޓަރ އޮފް ކޮންސްޓްރަކްޝަން، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ، ޑޮކްޓަރ ޢަބްދުﷲ މުއްޠަލިބް އަދި މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީގެ މެނޭޖިން ޑިރެކްޓަރ ޑީ.ސީ.ޕީ (ރިޓަޔަރޑް) އަޙްމަދު ސަޢުދީއެވެ. މި މަޝްރޫޢުގެ ފުރަތަމަ ފިޔަވަހީގައި ޝީޓްޕައިލްކޮށް އިންސްޓޯލް ކުރުމުގެ ހުރިހާ މަސައްކަތެއްކޮށް ނިންމާފައިވާއިރު، މި ފިޔަވަހީގައި ބިން ހިއްކުމުގެ 82 އިންސައްތަ މަސައްކަތް މިހާތަނަށް ވަނީ ނިންމާފައެވެ.
މި މަޝްރޫޢު އިޢުލާނުކުރައްވަމުން ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، ބޮޑުތަކުރުފާނު މަގު، ކޮޅަކަށް ދެ ލޭނު އޮންނަގޮތަށް، މޫދުންވެސް ބައެއް ނަގައި، ޝީޓްޕައިލް ކުރެވި، މަގު ފުޅާކުރެވި، ހުރިހާ ނިޒާމުތަކެއް، އަޑީގައި ހުންނަންޖެހޭ ހުރިހާ ކަމެއް ހިމެނޭގޮތަށް ތަރައްޤީކުރެވި، ތާރުއެޅި، ރަނގަޅު ފެންވަރަކަށް ހެދުމުގެ މަސައްކަތްކޮށް، މި އަހަރު ނިމެންވާއިރަށް އިރާދަކުރެއްވިއްޔާ ނިންމައި ހުޅުވާނެކަމުގައި ވިދާޅުވިއެވެ. އެ މަނިކުފާނުގެ ވަޢުދުފުޅާ އެއްގޮތަށް މި މަސައްކަތް 9 އޭޕްރިލް 2025 ގައި އެމް.ޓީ.ސީ.ސީ. އާއި ޙަވާލުކޮށް އެމަސައްކަތް ދަނީ ކުރަމުންނެވެ. މި މަސައްކަތް ނިމުމުން ބޮޑުތަކުރުފާނު މަގު ވެގެންދާނީ ޒަމާނީ ފެންވަރަށް ތަރައްޤީ ކުރެވިފައިވާ، ފެން ހިންދާ ނިޒާމު ފަދަ އެންމެހާ ނިޒާމުތައް ގާއިމުކުރެވި، މަގު ފުޅާކުރެވި، ޓްރެފިކަށް ލުއިފަސޭހަކަން ގެނުވައި، ދުއްވާ ތަކެއްޗަށާއި ހިނގާބިނގާވާ އެންމެހާ ރައްޔިތުންނަށް ހިތްފަސޭހަ މަގަކަށެވެ.