ވިލުންތެރި ރާއްޖެ: ކުރިމަގު ސައްލާގެ ފުރަތަމަ ބައްދަލުވުން މިއަދު ހޯރަފުށީގައި
17 ސެޕްޓެމްބަރު 2025 - 04:16

ދިވެހިރާއްޖޭގެ 20 އަހަރުގެ ކުރިމަގު ބިނާ ކުރުމަށް ރައްޔިތުންގެ ޚިޔާލު ހޯދުމަށް "ކުރިމަގު ސައްލާ"ގެ ނަމުގައި ބާއްވާ، ރައްޔިތުންގެ ބައްދަލުވުންތަކުގެ ސިލްސިލާގެ ފުރަތަމަ ބައްދަލުވުން، މިއަދު ތިލަދުންމަތީގައި ފެށުމަށް ތާވަލުކޮށްފިއެވެ.
މިސައްލާގެ އެންމެ ފުރަތަމަ ބައްދަލުވުން ބޭއްވުމަށް ހަމަޖެހިފައިވަނީ ހއ.ހޯރަފުށީގައި، ހުންނަ އަތޮޅު މަދަރުސާގައެވެ. ތިލަދުންމަތީގައި މިއަދު ފަށާ ކުރިމަގު ސައްލާތައް ތިލަދުންމަތީ އުތުރުބުރިއާއި ތިލަދުންމަތީ ދެކުނުބުރީގެ ހުރިހާ ރަށެއްގައި މިމަހުގެ ނިޔަލަށް ކުރިއަށް ގެންދާނެއެވެ.

Ad by Hajj Corporation
"ކުރިމަގު ސައްލާ" އަކީ ޤައުމީ ތަރައްޤީގެ ޕްލޭން "ވިލުންތެރި ރާއްޖެ 2045" އަށް ރައްޔިތުންގެ ޚިޔާލާއި މަޝްވަރާ ހޯދުމަށް ރާއްޖޭގެ ހުރިހާ ރަށެއްގައި ކުރިއަށްގެންދިއުމަށް ނިންމާފައިވާ ސައްލާ އެކެވެ.
މިމަޝްރޫޢުގައި ހިމެނުމަށް ބޭނުންވާ ރައްޔިތުންގެ ޚިޔާލު ހޯދުމަށް ކުރަން ފަށާ މި ދަތުރުތަކުގައި ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް ވިލުންތެރި ރާއްޖެ ޓީމުތަކުން ދަތުރުކުރުމަށް ވަނީ ރާވާފައެވެ. މި މަސައްކަތުގައި އަތޮޅުތަކުގައި 10 ޓީމު ހަރަކާތްތެރިވާނެއެވެ.
ޤައުމީ ތަރައްޤީގެ ޕްލޭން "ވިލުންތެރި ރާއްޖެ 2045" އެކުލަވާލުމަށް ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް ދަތުރުކޮށް ރައްޔިތުންގެ މަޝްވަރާ ހޯދައި ޚިޔާލު އެއްކުރާނެއެވެ. އަދި މި ބައްދަލުވުންތަކުގައި މީގެ 20 އަހަރު ފަހުން އެބައެއްގެ ވަޒަން ނުވަތަ ދިވެހިރާއްޖެ އޮންނަން ބޭނުންވާ ގޮތަކީ ކޮބައިތޯ އޮޅުންފިލުވައި ރައްޔިތުން ބޭނުންވާ ތަސައްވުރަށް މި ޕްލޭންގެ ދަށުން މަގްޗާޓް ކުރަހަދޭނެއެވެ.
"ވިލުންތެރި ރާއްޖެ" ޤައުމީ ތަރައްޤީގެ ޕްލޭން އަކީ، ޤާނޫނީ ފުރިހަމަ ބާރުވެރިކަން ލިބިދެވޭގޮތަށް އެކުލަވާލުމަށް ތައްޔާކުރަމުންދާ ޕްލޭނެކެވެ. މި ޕްލޭން ވެގެންދާނީ ކުރިއަށްއޮތް 20 އަހަރުގެ ތެރޭގައި، ރާއްޖޭގެ ތަރައްޤީގެ ކަންކަން ރާވާ ހިންގުމުގައި އަމަލުކުރަންޖެހޭ އަދި އޭގައި ރައްޔިތުން ހިމަނުއްވާ ކަންކަން ތަންފީޒުކުރެވިގެންދާނެ ޕްލޭނަކަށެވެ.