ނާއިޒްގެ ހެޓްރިކާއެކު އެންމެ ފަހުގެ ޗެންޕިއަން މާޒިޔާއިން ދިވެހި ލީގު ފެށުން ރަނގަޅުކޮށްފި
18 ސެޕްޓެމްބަރު 2025 - 18:43

އެންމެ ފަހުން ބޭއްވި ހަތަރު ސީޒަންގެ ލީގު ޗެމްޕިއަން، މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނުން ރޭގައި ކުޅުނު ދިރާގު ދިވެހި ޕްރިމިއާ ލީގުގެ ފުރަތަމަ މެޗުން ކްލަބް އީގަލްސް އަތުން 5-1 އިން މޮޅުވެއްޖެ އެވެ. މި މމެޗުގައި މާޒިޔާގެ ސްޓްރައިކަރު ނާއިޒު ހަސަން (ދާދު) ވަނީ ހެޓްރިކެއް ހަދާފައެވެ.
މީގެ ތިން ދުވަސް ކުރިން ޗެރިޓީ ޝީލްޑް މެޗުން އީގަލްސް އަތުން 2-0 އިން މޮޅުވި މާޒިޔާއިން މިރޭ ކުޅުނު މެޗުގައި ވަނީ ރަނގަޅު ކޮންޓްރޯލެއް ނަގައިގެން ކުޅެފައެވެ. މެޗުގެ ހަތަރު ވަނަ މިނިޓުގައި ދާދު ޖެހި ގޯލުން މާޒިޔާއިން ލީޑު ނެގުމަށްފަހު، 14 ވަނަ މިނިޓުގައި އީގަލްސްގެ އަބްދުﷲ ސަމީހު މޫސާ (ސަމިއްޓެ) އަތުން ލިބުނު އަމިއްލަ ގޯލަކުން ސްކޯ ވަނީ 2-0 އަށް ބަދަލުވެފައެވެ.

Ad by Hajj Corporation
މެޗުގެ 24 ވަނަ މިނިޓުގައި ދާދު ޖެހި އިތުރު ގޯލަކުން މާޒިޔާގެ ލީޑު 3-0 އަށް ފުޅާވި ނަމަވެސް، 29 ވަނަ މިނިޓުގައި މާޒިޔާގެ ކުރީގެ ތަރި އިބްރާހިމް މަހުދީ (ފޭދޫ އިއްބެ) ވަނީ އީގަލްސްއަށް ގޯލެއް ޖަހައިދީފައެވެ. ފުރަތަމަ ހާފުގެ އިތުރު ވަގުތުގައި ދާދު ވަނީ އޭނާގެ ހެޓްރިކް ފުރިހަމަކޮށްފައެވެ.
ދެވަނަ ހާފުގައި އީގަލްސްއިން ޑިފެންސަށް އިސްކަންދީގެން ކުޅުނު ނަމަވެސް، މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދި ދާދު ވަނީ އިތުރު ގޯލެއް ޖަހައި މެޗު 5-1 އިން ނިންމާލާފައެވެ.
ލީގުގެ މާދަމާގެ މެޗުތައް
ދިރާގު ދިވެހި ޕްރިމިއާ ލީގުގައި މާދަމާ ހަވީރު 16:00 ގައި ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބާއި ޓީސީ ސްޕޯޓްސް ކްލަބު ބައްދަލުކުރާއިރު، 21:00 ގައި ވިކްޓަރީ ސްޕޯޓްސް ކްލަބާއި ބުރު ސްޕޯޓްސް ކްލަބު ބައްދަލުކުރާނެއެވެ.