އެމް.ޕީ.އެލްގެ އަހަރީ ދުވަސް: ޚިދުމަތްތެރި މުވައްޒަފުންގެ އަގުވަޒަންކޮށް އެވޯޑުދީފި
20 ސެޕްޓެމްބަރު 2025 - 13:27

މޯލްޑިވްސް ޕޯޓްްސް ލިމިޓަޑް (އެމް.ޕީ.އެލް)ގެ 39 ވަނަ އަހަރީ ދުވަސް ފާހަގަކުރުމުގެ ގޮތުން އެމް.ޕީ.އެލްގެ "އެނިވާރސަރީ ނައިޓް" ބާއްވައިފިއެވެ.
ހެންވޭރު ދަނޑުގައި ހުކުރު ދުވަހުގެރޭ އޮތް ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑް، މުޙައްމަދު ސައީދެވެ. މި ހަފްލާގައި އެމް.ޕީ.އެލްގެ ސީ.އީ.އޯ، ޑީސީޕީ (ރިޓަޔާޑް) މުޙައްމަދު ރިޝްވާން، އެމް.ޕީ.އެލްގެ ބޯޑް މެމްބަރުން، އަދި ސަރުކާރުގެ ބައެއް ވުޒާރާތަކާއި މުޢައްސަސާތަކުގެ އިސްވެރިންވެސް ބައިވެރިވިއެވެ. އަދި އެމް.ޕީ.އެލްގެ ކުރީގެ ބައެއް މެނޭޖިން ޑިރެކްޓަރުން، ކުރިން ކުންފުނީގެ މެނޭޖްމަންޓްގައި މަސައްކަތްކުރެއްވި ބޭފުޅުން އަދި ބައެއް ކަސްޓަމަރުންވެސް ބައިވެރިވަޑައިގަތެެވެ.

Ad by Hajj Corporation
އަދި އެމް.ޕީ.އެލްގެ ގިނަ އަދަދެއްގެ މުވައްޒަފުންވެސް ބައިވެރިވިއެވެ.
މި ރަސްމިއްޔާތުގައި އެމް.ޕީ.އެލްއަށް ގިނަ އަހަރުތަކެއް ޚިދުމަތްކޮށް ފާއިތުވި ދެ އަހަރުގެ ތެރޭގައި ރިޓަޔާކުރި 15 މުވައްޒަފަކަށް ރިޓަޔަމަންޓް އެވޯޑް އެރުވިއެވެ. މި އެވޯޑްތައް ހަވާލުކޮށްދެއްވީ މިނިސްޓަރ ސައީދެވެ.
އަދި، މި އަހަރުގެ ކުރީކޮޅު ނިޔާވި އެމް.ޕީ.އެލްގެ ސެކިއުރިޓީ ސާރވިސަސްގެ މުވައްޒަފެއް ކަމަށްވާ އަލްމަރްޚޫމް ރަފީޤް އަޙްމަދުގެ ޚިދުމަތުގެ ހަނދާނަށް ޚާއްސަ އެވޯޑެއް ވަނީ އަރުވައިފައެވެ. އެމް.ޕީ.އެލްއަށް 29 އަހަރު ޚިދުމަތްކުރެއްވި އަލްމަރްޚޫމް ރަފީޤް އަޙްމަދުގެ ޢާއިލާއަށް މި އެވޯޑް ހަވާލުކޮށްދެއްވީ މިނިސްޓަރ ސައީދެވެ.
މީގެ އިތުރުން، އެމް.ޕީ.އެލްގެ މުވައްޒަފުންގެ މެދުގައި ދޭ ހަތަރު އެވޯޑަކަށް ހޮވުނު މުވައްޒަފުންނަށްވެސް ރޭގެ ރަސްމިއްޔާތުގައި ވަނީ އެވޯޑް ހަވާލުކޮށްދެއްވައިފައެވެ. އެއީ ރައިޒިން ސްޓާރ އެވޯޑް، އައުޓްސްޓޭންޑިންގ އެެޗީވްމަންޓް އެވޯޑް، އައުޓްސްޓޭންޑިންގ ލީޑަރޝިޕް އެވޯޑް އަދި ޓޮޕް 10 ސްޓާފް އެވޯޑެވެ.
މި ރަސްމިއްޔާތުގައި އެމް.ޕީ.އެލްގެ ކޯޕަރޭޓް މެގަޒިން "އުޅަނދު"ގެ ފުރަތަމަ އަދަދު ވަނީ ލޯންޗްކޮށްފައެވެ. މި މެގަޒިން ލޯންޗްކޮށްދެއްވީ އެމް.ޕީ.އެލްގެ ފުރަތަމަ މެނޭޖިން ޑިރެކްޓަރ، އަބްދުﷲ ކަމާލުއްދީނެވެ.