ބީއެމްއެލްއިން ގެދޮރު ގަތުމަށް ދޫކުރާ ފައިނޭންސިންގެ އިކުއިޓީ 5 އިންސައްތައަށް ދަށްކޮށްފި
1 އޮކްޓޯބަރު 2025 - 11:31

ބޭންކް އޮފް މޯލްޑިވްސްއިން ގެދޮރު ގަތުމަށް ދޫކުރާ ފައިނޭންސިންގެ އިކުއިޓީގެ ގޮތުގައި ހަމަޖައްސަންޖެހޭ މިންވަރު 5 އިންސައްތަ އަށް ދަށްކޮށްފިއެވެ.
ބޭންކުން ބުނީ މިއީ ކުރިން ގެދޮރު ގަތުމަށް ދޫކުރާ ލޯނާއި ފައިނޭންސިންގެ އިކުއިޓީގެ ގޮތުގައި 20 އިންސައްތައިން ފެށިގެން ކަނޑައަޅާފައިވާ ނިސްބަތަށް ގެނައި ހެޔޮ ބަދަލެއްކަމަށެވެ.

Ad by Hajj Corporation
މިކަމާ ގުޅިގެން ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ޝަރީފް ވިދާޅުވީ ދިވެހި އާއިލާތަކަށް ގެދޮރުވެރިކަން ހޯދުމަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމަށް ބޭންކުންދަނީ ހެޔޮ ބަދަލުތައް ގެންނަމުންކަމަށެވެ. ގެދޮރު ގަތުމަށް ފައިނޭންސިން ދޫކުރުމުގައި އިކުއިޓީގެ ގޮތުގައި ހަމަޖައްސަންޖެހޭ ނިސްބަތް 5 އިންސައްތަ އަށް ދަށްކުރުމާއެކު ގެދޮރުވެރިވާން ބޭނުންވާ ފަރާތްތަކަށް ދިމާވާ އެންމެ ބޮޑު މާލީ އެއް ގޮންޖެހުމަށް ހައްލެއް ލިބިގެންދާނެކަމަށް ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ ޝަރީފް ވިދާޅުވިއެވެ.
" މިސާލަކަށް 3.5 މިލިއަން ރުފިޔާގެ އެޕާޓްމަންޓެއް ގަންނަން ބޭނުންވާ ފަރާތަކުން ކުރިން 20އިންސައްތައި ގެ އިކުއިޓީގެ ގޮތުގައި 700,000 ރުފިޔާ ހޯދަން ޖެހުނު ނަމަވެސް މި ބަދަލާއެކު އެ އަދަދު މިވަނީ 175,000 ރުފިޔާއަށް ދަށްވެފައި". ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ޝަރީފް
ދާދި ފަހުން ބޭންކުން ވަނީ ރާއްޖޭގެ ކޮންމެ ރަށެއްގައިވެސް ގެދޮރު އިމާރާތްކުރުމާއި މަރާމާތުކުރުމަށް އިތުރު ރަހުނަކާ ނުލައި ދޫކުރާ ލޯނުގެ އަދަދު 3 މިލިއަން ރުފިޔާއަށް ބޮޑުކޮށްފައެވެ.