ރައީސް ޞާލިހުގެ ޤަރާރު އުވައިލައްވައި ހަންކެޑެ ވުޒާރާގެ ދަށަށް
1 އޮކްޓޯބަރު 2025 - 16:16

އައްޑޫ ސިޓީގައި އިންޓަގްރޭޓެޑް ޓޫރިސްޓު ރިސޯޓެއް ތަރައްގީކުރަން 2021 ވަނަ އަހަރު މޯލްޑިވްސް ފަންޑް މެނޭޖްމަންޓް ކޯޕަރޭޝަން (އެމްއެފްއެމްސީ)އާ ހަވާލުކުރަން ކުރީގެ ރައީސް އިބްރާހިމް މުޙައްމަދު ޞާލިހު ނެރުއްވި ޤަރާރު އުވާލައްވައި ހަންކެޑެ ސަރުކާރަށް ނަގައިފިއެވެ.
އެއާއެކު އައްޑޫސިޓީގެ ހަންކެޑެގައި ފަތުރުވެރިކަމުގެ އާ މަޝްރޫއެއް ހިންގެވުމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވަނީ ނިންމަވައިފައެވެ.

Ad by Hajj Corporation
މި ނިންމެވުމާއެކު، އައްޑޫސިޓީގެ ހަންކެޑެ ފަތުރުވެރިކަމުގެ ބޭނުމަށް ތަރައްޤީކުރުމުގެ މަސައްކަތް އަވަސްކުރުމުގެ މަޤުސަދުގައި، ސަރުކާރުގެ ޓޫރިޒަމް ރިއަލް އެސްޓޭޓް ޑިވެލޮޕްމަންޓް ޕްރޮޖެކްޓެއް ހިންގާ ސަރަޙައްދެއްގެ ގޮތުގައި ކަނޑައަޅައި، އައްޑޫސިޓީގެ ހަންކެޑެ މޯލްޑިވްސް ފަންޑް މެނޭޖްމަންޓް ކޯޕަރޭޝަނަށް ކުއްޔަށް ދިނުމަށް 2 ޑިސެންބަރު 2021 ގައި އެކަށައެޅުއްވި އޭރުގެ ރައީސް ސާލިހުގެ ޤަރާރު ވަނީ އުވައިލައްވާފައެވެ.
ރައީސުލްޖުމްހޫރިއްޔާގެ މި ނިންމެވުމާއެކު ފަތުރުވެރިކަމުގެ އާ މަޝްރޫއެއް ހިންގުމަށް އެ ރަށް މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަންމަންޓާ ވަނީ ހަވާލުކުރައްވައިފައެވެ.
އިންޓަގްރޭޓެޑް ޓޫރިޒަމަށް ތަރައްގީ ކުރަން ހަންކެޑެ މަޝްރޫއު އެމްޑީޕީ ސަރުކާރުން އިއުލާނު ކުރީ، 2023 ވަނަ އަހަރުގެ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީއާ ދިމާކޮށް ކުއްލިގޮތަކަށެވެ. އެހެންނަމަވެސް އެ ސަރުކާރު ނިމިގެން ދިޔައިރުވެސް މި މަސައްކަތް ކުރެވިފައެއް ނުވެއެވެ.
އެއާއެކު ހަލާލު ޓޫރިޒަމަށް ތަރައްގީކުރާ ސަރަހައްދުގެ ތެރޭގައި ހަންކެޑެ މި ސަރުކާރުންވަނީ ހިމަނާފައެވެ.
ހަލާލު ޓޫރިޒަމް ގެ ސަބަބުން ފަަތުރުވެރިކަން ތަރައްޤީވެފައިނުވާ އަތޮޅުތަކުގައި ފަތުރުވެރިކަން ފުޅާކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވެވަޑައިގެންފައިވާ ވަޢުދުފުޅު ފުދި ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތަށް އާ ދޮރެއް ހުޅުވިގެންދާނެކަމަށް ސަރުކާރުން ބުނެއެވެ.