ހަތިޔާރު ނެތް، އާންމުންނަށް ބައިނަލްއަޤްވާމީ ކަނޑުގެ ސަރަހައްދުން ބިރުދެއްކުން ބަލައިނުގަނަވޭނެ: ރައީސް
2 އޮކްޓޯބަރު 2025 - 06:32

ހަތިޔާރު ނެތް، އާންމުން ކަމަށާއި އެ ބޯޓުތައް ބައިނަލްއަޤްވާމީ ކަނޑުގެ ސަރަހައްދުން ހިފަހައްޓާ ބިރުދެއްކުން ބަލައިނުގަނަވޭނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މިހެން ވިދާޅުވީ، އިންސާނީ އެހީ ހިފައިގެން ޣައްޒާއަށް ދަތުކުރަމުންދާ، ގްލޯބަލް ސުމޫދު ފްލޮޓިއްލާގެ ބޯޓުތަކަށް ބައިނަލްއަޤްވާމީ ކަނޑުގެ ސަރަހައްދުން އިސްރާއީލޭ ކިޔުނު ޔަހޫދީ ދައުލަތުގެ ނިރުބަވެރި ސިފައިން ހުރަސްއަޅައި، އެ ބޯޓުތައް އެ އަސްކަރިއްޔާގެ ބާރުގެ ދަށަށް ގެނައުމާ ގުޅިގެން ކަންބޮޑުވުން ފާޅުކުރައްވައި ކުރެއްވި މީސްމީޑިއާ ޕޯސްޓެއްގައެވެ.

Ad by Hajj Corporation
ރައީސް ވަނީ، ގްލޯބަލް ސުމޫދު ފްލޮޓިއްލާގައި ދަތުރުކުރަމުންދިޔައީ އިންސާނީ އެހީގެ ސަމާނު ޣައްޒާއަށް ހިފައިގެންކަން ފާޙަގަކުރައްވައި، ހާލުގައި ޖެހި އަސާސީ ހައްޤުތަކުން މަޙްރޫމް ވެފައި ތިބި ބަޔަކަށް، އިންސާނީ އެހީ ހިފައިގެންދާ ގާފިލާއަކާއި ދިމާކޮއްލުމަކީ އިންސާނިއްޔަތާއި އަދި ބައިނަލްއަޤްވާމީ ޤާނޫނުތަކާއިވެސް ޚިލާފްކަމެއްކަމަށް ވިދާޅުވެފައެވެ.
ތަކުރާރުކޮށް ކުރަމުންދާ މިފަދަ ޢަމަލުތަކުން ޔަހޫދީ ދައުލަތުން ދަނީ ދުނިޔޭގެ އެހެން ޤައުމުތަކާއި އެއްފަރާތް ވަމުން ކަމަށާއި މިއީ އިންސާނީ ކަރާމާތަށް ހުރުމަތްތެރިކޮށް ނުހިތުން ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި މިއީ އަޅާލުމާއި ކުލުނު ނެތް ކަން ހާމަކޮށްދޭ ކަމެއް ކަމެއް ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ. ރައީސްވަނީ ޔަހޫދީ ދައުލަތުން ތަކުރާރުކުރަމުންދާ މިޢަމަލުތައް ހުއްޓުވުމަށް ބައިނަލްއަޤްވާމީ މުޖްތަމަޢަށް ގޮވާލައްވާފައެވެ.
ރައީސުލްޖުމްހޫރިއްޔާ ޕޯސްޓު ނިންމަވާލެއްވީ، ދިވެހިން އަބަދުވެސް ތިބެނީ، ފަލަސްޠީނުގެ ރައްޔިތުންގެ އިންސާނީ ހައްޤުތައް ކަށަވަރުކޮށް އިންސާފު ހޯދައި ސުލްހައާއި ސަލާމަތްތެރިކަމަށް ކުރަމުންދާ މަސައްކަތުގައި އެކުގައި ކަމަށް ވިދާޅުވަމުންނެވެ.
ގްލޯބަލް ސުމުދު ފްލޮޓިލާ އަކީ އިސްރާއީލުން ފަލަސްތީނު މީހުންނާ ދެކޮޅަށް ކުރަމުންދާ ނަސްލު ނައްތާލުމުގެ ހަނގުރާމައިގެ ތެރޭގައި ޣައްޒާގެ ކަނޑުގެ ސިފައިންގެ ބްލޮކޭޑް މުގުރާލުމަށް ކުރާ އެންމެ ބޮޑު މަދަނީ މަސައްކަތެވެ. އެގޮތުން، 50 އަށް ވުރެ ގިނަ ބޯޓުގައި 44 ގައުމަކުން 1000 އަށް ވުރެ ގިނަ އެކްޓިވިސްޓުން މި ދަތުރުގައި ބައިވެރިވެއެވެ. އޭގެ ތެރޭގައި ދިވެއްސަކު ވެސް ހިމެނެއެވެ. އެއީ، އިބްރާހިމް ޝާޒް (ބޮޑޭ)އެވެ.
ސުމޫދު ފްލޮޮޓިއްލާގެ ހަރަކާތުގައި ބައިވެރިވާ އެކްޓިވިސްޓުންގެ އަދަދު 500އަށް އަރާއިރު، އޭގެތެރޭގައި ބައެއް ޤައުމުތަކުގެ ޤާނޫނު ހަދާ މަޖިލީހުގެ މެންބަރުންނާއި، ޤާނޫނީ ވަކީލުން ވެސް ހިމެނެއެވެ. އެ މީހުން ވެސް ވަނީ، ޔަހޫދީ ސިފައިން ހަތިޔާރާއެކު އުޅަނދުތަކަށް އަރައިގަންނަ މަންޒަރުތައް ފެންނަ ވީޑިއޯތަކެއް ޢާންމު ކޮށްފައެވެ.
ފްލޮޓިއްލާގެ ދަތުރު އިންތިޒާމު ކުރާ ފަރާތުން ބުނީ، އެ ފްލޮޓިއްލާގައި ހިމެނޭ 13 އުޅަނދަކަށް ޔަހޫދީ ސިފައިން އަރައިގަނެ، ހުއްޓުވާފައިވާ ކަމަށެވެ. އަދި، އިތުރު 30 އުޅަނދު މިހާރު ވެސް ޣައްޒާއަށް ދަތުރު ކުރަމުންދާ ކަމަށް އެ ފަރާތުން ބުންޏެވެ.