ކެންސަރު ބަލި ޖެހުން މަދުކުރުމަށް ފިޔަވަޅު އެޅުން މުހިންމު: ރައީސް
4 ފެބްރުއަރީ 2026 - 08:28

ކޮންމެ އަހަރަކުވެސް ކެންސަރު ބަލީގައި އެތައް ބަޔަކު އަޅުގަނޑުމެންނާ ވަކިވެގެންދާއިރު ކެންސަރާ ގުޅިގެން އާންމުން ހޭލުންތެރިކުރުމާއި ކެންސަރު ޖެހުން މަދުކުރުމަށް ފިޔަވަޅު އެޅުން މުހިންމު ކަމެއްކަން ހަނދުމަކުރަންޖެހޭ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ ބައިނަލައަގުވާމީގޮތުން ފާހަގަކުރާ ކެންސަރު ދުވަހާ ގުޅިގެން ސޯޝަލް މީޑިއާގައި ހިއްސާ ކުރެއްވި ޕޯސްޓެއްގައެވެ.

Ad by Hajj Corporation
ރައީސް އިތުރަށް ވިދާޅުވީ ދުނިޔޭގެ ކެންސަރު ދުވަސް ފާހަގަކުރާއިރު އެ ބަލިން ސަލާމަތްވެފައިވާ މީހުންނާއި ބައްޔާ ހަނގުރާމަ ކުރަމުންދާ މީހުން ދައްކަމުންދާ ހިތްވަރު ފާހަގަކުރައްވާ ކަމަށެވެ.
ރައީސް ވިދާޅުވީ ދާދިފަހުން ރ. އުގޫފާރު ރީޖަނަލް ހޮސްޕިޓަލްގައި ކީމޯތެރަޕީގެ ޚިދުމަތް ފެށުމަކީ ކެންސަރު ބައްޔާ ގުޅޭގޮތުން ކުރަމުން އަންނަ މަސައްކަތުގައި ލިބުނު ބޮޑު ކުރިއެެރުމެއް ކަމަށެވެ.
އަދި މިއީ ޒަމާންތަކެއްވަންދެން މާލެއިން އެކަނި މިފަދަ ޚިދުމަތްތައް ލިބުން ނިމުމަކަށް އައިސް އަތޮޅުތަކުގައިވެސް އެ ޚިދުމަތް ފުޅާކުރެވި، އެތައް ބަޔަކަށް އޭގެ ސަބަބުން މާލީ ގޮތުންނާއި ނަފްސާނީގޮތުންވެސް ލިބިގެންދިޔަ ލުއިތަކެއްކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ރާއްޖޭގައި ކެންސަރު ޖެހިފައިވާ ފަރާތްތަކާއި އެ ފަރާތްތަކުގެ އާއިލާތަކަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދީ އެ މީހުންނަށް އުއްމީދު އައުކޮށްދިނުމުގައި ސިއްޙީ ޚިދުމަތްތެރިންނާއި އިޖުތިމާޢީ މަސައްކަތްތައް ކުރައްވާ ޖަމިއްޔާ ޖަމާއަތްތަކުން ކުރާ ބުރަ މަސައްކަތް ފާހަގަކުރައްވައި ރައީސް ވަނީ ޝުކުރު އަދާކުރައްވާފައެވެ.
ބައިނަލްއަގުވާމީ ގޮތުން ކެންސަރު ދުވަސް ފާހަގަކުރަނީ ކޮންމެ އަހަރެއްގެވެސް ފެބްރުއަރީ މަހުގެ 4ވަނަ ދުވަހުއެވެ. މި ދުވަސް ފާހަގަކުރަނީ ކެންސަރު ބައްޔަށް އާންމުން ހޭލުންތެރިކޮށް، އެ ބަލިން ރައްކާތެރިވުމަށާއި ކެންސަރު ޖެހިފައިވާ ފަރާތްތަކަށް ދޭ ފަރުވާގެ ނިޒާމު ހަރުދަނާކުރުމަށް ކުރަމުން އަންނަ މަސައްކަތްތައް އިތުރަށް ހަރުދަނާ ކުރުމަށް ބާރު އެޅުމުގެ ގޮތުންނެވެ.
އާސަންދައިގެ ތަފާސްހިސާބަށް ބަލާއިރު ރާއްޖޭގައި އެންމެ ގިނަ މީހުން ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ދާން އެދޭ ދާއިމީ އެންމެ ބޮޑު ބައްޔަކީ ކެންސަރު ބައްޔެވެ. އެހެންކަމުން ރާއްޖޭގައި ކެންސަރަށް ދޭ ފަރުވާގެ ނިޒާމު ހަރުދަނާ ކުރުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެކެވެ.


