ފަލަސްތީނަށް ތާއީދުކޮށް ސްޓިކާ ހަރުކުރި އިނގިރޭސިވިލާތުގެ ދެ ފަތުރުވެރިއަކަށް އިންޑިއާ ދޫކޮށް ދިއުމަށް އަމުރުކޮށްފި
4 ފެބްރުއަރީ 2026 - 04:48

އިންޑިއާގެ ރާޖަސްތާނުގެ އަޖްމޭރުގެ އެކި އާންމު ތަންތަނުގައި 'ފްރީ ޕަލަސްތީން' ސްޓިކާ ހަރުކުރި އިނގިރޭސިވިލާތުގެ ދެ ފަތުރުވެރިއަކަށް، އެ ގައުމުގެ ވިސާގެ ގަވާއިދުތަކާ ހިލާފުވިކަމަށް ނިންމައި އިންޑިއާ ދޫކޮށް ދިއުމަށް އަންގައިފިއެވެ.
އިންޑިއާގެ މީޑިއާ ރިޕޯޓުތައް ބުނާގޮތުގައި އެ ގައުމުގެ އިމިގްރޭޝަން އެންޑް ފޮރިނާސް އެކްޓްގެ ދަށުން އެޅި މި ފިޔަވަޅާއެކު، އެ ދެ މީހުންގެ ވިސާ ބާތިލުކޮށް، ގައުމުން ބޭރުވުމަށް އަންގައި "ލީވް އިންޑިއާ ނޯޓިސް" އެއް ވަނީ ނެރެފައެވެ.

Ad by Hajj Corporation
މި މައްސަލައިގައި ފިޔަވަޅު އަޅާފައިވަނީ އިނގިރޭސިވިލާތުގެ ރައްޔިތެއް ކަމަށްވާ ލުވިސް ގެބްރިއަލް ޑީ. އާއި އޭނާގެ ލޯބިވެރިޔާ އަނޫޝީ އެމާ ކްރިސްޓީންގެ މައްޗަށެވެ. ފަތުރުވެރިކަމުގެ ވިސާގައި އިންޑިއާއަށް އައިސް ޕުޝްކަރުގައި މަޑުކޮށްގެން ތިބި މި ދެމަފިރިން، އިޒްރޭލާ ދެކޮޅަށް އަދި ފަލަސްތީނަށް ތާއީދުކޮށް ސްޓިކާ ހަރުކުރަމުންދާ ކަމުގެ މައުލޫމާތު އިންޓެލިޖެންސް ޑިޕާޓްމަންޓަށް (ސީއައިޑީ/އައިބީ) ލިބުނީ މިދިޔަ ޖެނުއަރީ މަހުގެ 21 ވަނަ ދުވަހުއެވެ.
އިންޓެލިޖެންސް ޑިޕާޓްމަންޓުން ސީސީޓީވީ ފުޓޭޖްތަކާއި ސަރަހައްދީ މައުލޫމާތުތައް ދިރާސާކުރުމަށްފަހު، މި އަމަލު ހިންގީ އެ ދެމަފިރިންކަން ވަނީ ކަށަވަރުކޮށްފައެވެ. މިއީ ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލައި، ޑިސްޓްރިކްޓް ފުލުހުންނާ ގުޅިގެން އެޑިޝަނަލް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް ރާޖޭޝް މީނާ އިސްކޮށް ހުންނަވައިގެން ވަނީ އެ ދެ މީހުންނާ ސުވާލުކޮށްފައެވެ.
ސުވާލުކުރުމުގެ މަރުހަލާގައި އެނގުނު ގޮތުގައި، އެމީހުން ފަތުރުވެރިކަމުގެ ވިސާގައި ތިބެ ސިޔާސީ ހަރަކާތްތަކުގައި ބައިވެރިވެފައިވާތީ، އެއީ ވިސާގެ ޝަރުތުތަކާ ކަނޑައެޅިގެން ހިލާފު ކަމެއްކަމަށް ނިންމީއެވެ. ކަމާބެހޭ ފަރާތްތަކުން ބުނެފައިވަނީ ޓޫރިސްޓް ވިސާގައި ހުންނަ އެއްވެސް ބޭރު މީހަކަށް އެ ގައުމުގައި ސިޔާސީ، އިހުތިޖާޖު ނުވަތަ އެއްވެސް ބާވަތެއްގެ ފިކުރީ ހަރަކާތެއް ހިންގުމަކީ މަނާ ކަމެއް ކަމަށެވެ.
މި މައްސަލައާ ގުޅިގެން އެ ދެމަފިރިން ބްލެކްލިސްޓް ކުރުމުގެ ފުރުސަތު އޮތްއިރު، އެފަދަ ހާލަތެއްގައި މުސްތަގުބަލުގައި އެމީހުންނަށް އިންޑިއާއަށް ވަނުން މަނާވާނެއެވެ. މި ހާދިސާ ހިނގާފައި މިވަނީ އިންޑިއާއާއި އިސްރާއީލުގެ ގުޅުން ވަރަށް ބޮޑަށް ބަދަހިވަމުންދާ ދަނޑިވަޅެއްގައެވެ. އިންޑިއާއަށް ކަނޑައަޅުއްވާފައި ހުންނަވާ އިސްރާއީލުގެ ސަފީރު ރޫވެން އަޒާރު ވިދާޅުވެފައިވާ ގޮތުގައި، އަންނަ ފެބްރުއަރީ މަހު ބޮޑުވަޒީރު ނަރެންދުރަ މޯދީ އިސްރާއީލަށް ކުރައްވާ ދަތުރުފުޅާއެކު ދެ ގައުމުގެ އިސްތިރާތީޖީ ގުޅުމަށް އިތުރު ކުރިއެރުމެއް ލިބިގެންދާނެއެވެ.


