ސަލާމަތީ ވެރިޔާ ލާރިޖާނީ، ބަސީޖުގެ ކޮމާންޑަރު ސުލައިމާނީ އަވަހާރަކޮށްލިކަން އީރާނުން ކަށަވަރުކޮށްދީފި
18 މާރިޗު 2026 - 01:34

އިސްރާއީލުގެ ހަމަލާތަކެއްގައި އީރާނުގެ ސަލާމަތީ މަޖިލީހުގެ ސެކްރެޓަރީ އަލީ ލާރީޖާނީ އާއި ބަސީޖު ފައުޖުގެ ކޮމާންޑަރު ޣުލާމްރިޒާ ސުލައިމާނީ އަވަހާރަކޮށްލާފައިވާކަން އީރާނުގެ ދައުލަތުގެ މީޑިއާއިން ކަށަވަރުކޮށްދީފިއެވެ.
އީރާނުގެ ސުޕްރީމް ނޭޝަނަލް ސެކިއުރިޓީ ކައުންސިލުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، އެ ކައުންސިލުގެ ސެކްރެޓަރީ އަދި ގައުމުގެ އިސް މަސްއޫލުވެރިއެއް ކަމަށްވާ ލާރީޖާނީ އަވަހާރަވީ އިސްރާއީލުން ދިން ނާތަހުޒީބު ހަމަލާއެއްގައި ކަމަށެވެ. އެ ބަޔާނުގައި ލާރީޖާނީގެ ހިދުމަތްތައް ފާހަގަކުރައްވައި ވިދާޅުވެފައިވަނީ، އޭނާއަކީ އީރާނާއި އިސްލާމީ އިންގިލާބުގެ ކުރިއެރުމަށްޓަކައި މުޅި އުމުރު ހޭދަކުރެއްވި، ގައުމީ ހިދުމަތުގެ ކުރީސަފުގައި ހުންނަވައި ޝަހީދެއްގެ މަތިވެރި ދަރަޖަ ހާސިލުކުރެއްވި ބޭފުޅެއް ކަމަށެވެ.

Ad by Hajj Corporation
މީގެ އިތުރުން، އީރާނުގެ އިސްލާމީ އިންގިލާބީ ގާޑު ލަޝްކަރު (އައި.އާރު.ޖީ.ސީ) އިން ވަނީ ބަސީޖު ފައުޖުގެ ކޮމާންޑަރު ސުލައިމާނީ ވެސް މި ހަމަލާތަކުގައި އަވަހާރަވެފައިވާކަން ކަށަވަރުކޮށްދީފައެވެ.
ލާރީޖާނީއަކީ މިދިޔަ ފެބްރުއަރީ މަހުގެ 28 ވަނަ ދުވަހު އީރާނުގެ އެންމެ މަތީ ވެރިޔާ އާޔަތުﷲ އަލީ ޚާމަނާއީ އަވަހާރަކޮށްލި ފަހުން، އިސްރާއީލާއި އެމެރިކާގެ ހަމަލާތަކުގައި އަވަހާރަވި އީރާނުގެ އެންމެ މަތީ ފަންތީގެ މަސްއޫލުވެރިޔާއެވެ. އޭނާއަކީ އީރާނުގެ މަޖިލީހުގެ ރައީސްކަން ކުރެއްވުމުގެ އިތުރުން، ނިއުކްލިއާ މަޝްވަރާތަކުގައި ވެސް ގައުމުގެ ފަރާތުން އިސްކޮށް އުޅުއްވި، ސިޔާސީ ގޮތުން ނުފޫޒުގަދަ ބޭފުޅެކެވެ.
އަވަހާރަވުމުގެ ކުރިން ދެއްވި މެސެޖެއްގައި ލާރީޖާނީ ވަނީ، އިސްރާއީލާއި އެމެރިކާގެ އަނިޔާވެރިކަމާ ދެކޮޅަށް އީރާނުން ކުރަމުންދާ މަސައްކަތް ހުއްޓާނުލާނެ ކަމަށް ވިދާޅުވެފައެވެ. އަދި އިސްލާމީ އުންމަތުގެ އެއްބައިވަންތަކަމަށް ގޮވާލައްވައި، މުސްލިމަކު އެހީއަށް އެދި ގޮވާލާ އަޑުއިވި އެކަމަށް އިޖާބަ ނުދޭ މީހަކީ މުސްލިމެއް ނޫން ކަމަށް ބަޔާންކުރާ ހަދީސްފުޅުގެ މައްޗަށް ރިއާޔަތްކުރައްވައި، އީރާނަށް ކުރިމަތިވަމުންދާ ހަމަލާތަކުގައި ބައެއް އިސްލާމީ ގައުމުތަކުން އެކަށީގެންވާ އެހީތެރިކަމެއް ނުދޭތީ އެކަމާ ކަންބޮޑުވުން ފާޅުކުރެއްވިއެވެ.
އޭނާ އިތުރަށް ވިދާޅުވެފައިވަނީ، އީރާނުން އަވަށްޓެރި ގައުމުތަކުގެ މައްޗަށް ގަދަވެގަންނަން ބޭނުން ނުވާ ކަމަށާއި، ނަމަވެސް އިސްލާމީ އުންމަތް އެކަތިގަނޑަކަށް ވެއްޖެނަމަ، ހުރިހާ ގައުމުތަކެއްގެ ސަލާމަތާއި، ތަރައްގީ އަދި މިނިވަންކަން ކަށަވަރުކުރެވޭނެ ކަމަށެވެ.


