އެންމެ ހައިބަތު ބޮޑު ޤުރުއާން މުބާރާތުގެ އަގުހުރި އިނާމުތަކާއި ރަންވަނަތައް ޝާޔާ، ޝަބާ އަދި ޝައިމްއަށް
12 އޮކްޓޯބަރު 2025 - 06:50

ކީރިތި ޤުރުއާން ކިޔެވުމުގެ 37 ވަނަ ޤައުމީ މުބާރާތުގެ ފަޚުރުވެރި ރަންވަނަތައް ފާޠިމަތު ޝާޔާ ޒާހިރު، ޢައިޝަތު ޝަބާ އަދި އަޙްމަދު ޝައިމް ރިޟާއަށް ލިބިއްޖެއެވެ.
ކީރިތި ޤުރުއާން ކިޔެވުމުގެ 37ވަނަ ޤައުމީ މުބާރާތުގެ ޝަރަފުވެރި ވަނަތަކަށް ދިޔަ ބައިވެރިންނަށް އިނާމު ޙަވާލުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ދެކަނބަލުންނާއި ވަޒީރުންނެވެ.

Ad by Hajj Corporation
ޙާފިޡުގެ ގޮފިން، މުޅި މުބާރާތުން އެއްވަނަ ޚާޞިލްކޮށްފައިވަނީ ތަދްރީސުލް ޤުރުއާނުލް ކަރީމްގެ ފަރާތުން ބައިވެރިވި ފާޠިމަތު ޝާޔާ ޒާހިރުއެވެ. މުޅި މުބާރާތުން ނުބަލާ ކިޔެވުމުގެ ގޮފިން އެެއް ވަނަ ޚާޞިލްކޮށްފައިވަނީ މިލަދުންމަޑުުލު އުތުރުބުރީ އަތޮޅު ކައުންސިލްގެ ފަރާތުން ބައިވެރިވި ޢާއިޝަތު ޝަބާއެވެ. އަދި މުޅި މުބާރާތުން ބަލައިގެން ކިޔެވުމުގެ ގޮފިން އެއްވަނަ ޚާޞިލްކުރީ ހައްދުންމަތީ އަތޮޅު ކައުންސިލްގެ ފަރާތުން ބައިވެރިވި އަޙްމަދު ޝައިމް ރިޟާއެވެ.
މިއީ ކީރިތި ޤުރުއާން ކިޔެވުމުގެ ޤައުމީ މުބާރަތުގެ ރަންވަނަތަކަށް އެންމެ އަގުހުރި އިނާމުތައް ދެވިގެންދިޔަ އަހަރުކަން ފާހަގަކޮށްލެވެއެވެ.
އެގޮތުން މިފަޚުރުވެރި ވަނަތަކަށް މިއަހަރު ދެވުނު އިނާމުތަކަކީ ރައީސުލްޖުމްހޫރިއްޔާގެ ޝަރަފުގެ ފިލަޔާއި، ރައީސުލްޖުމްހޫރިއްޔާ ދެއްވާ 1 ލައްކަ ރުފިޔާގެ ފައިސާގެ އިނާމާއި، ރައީސުލްޖުމްހޫރިއްޔާދެއްވާ ޚާއްޞަ އިނާމުތަކާއި، ބޭނުން ރޮނގަކުން ބޭނުން ޤައުމަކުން ޕީ.އެޗް.ޑީއަށް ކިޔެވުމަށް ރައީސުލްޖުމްހޫރިއްޔާދެއްވާ ޚާއްޞަ ސްކޮލަރޝިޕާއި، ކީރިތި ޤުރުއާނާބެހޭ ޤައުމީ މަރުކަޒާއި މޯލްޑިވްސް ޒަކާތު ހައުސްއާއި އިސްލާމިކް ޑިވެލޮޕްމަންޓް ފަންޑު ހިމެނޭހެން މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުންދޭ 75 ހާސް ރުފިޔާގެ ފައިސާގެ އިނާމާއި ހަނދާނީ ލިޔުމާއި، ޓްރޮފީއާއި އަދި މޯލްވިސް ޙައްޖު ކޯޕަރޭޝަން ލިމިޓެޑުގެ ފަރާތުން ދެވުނު ޢުމްރާ ދަތުރެކެވެ.
ފާހަގަކޮށްލަންޖެހޭ ގޮތުގައި ކީރިތި ޤުރުއާން ކިޔެވުމުގެ ޤައުމީ މުބާރާތަކީ މި ރާއްޖޭގައި ބާއްވާ އެންމެ ހައިބަތު ބޮޑު މުބާރާތްކަމުގައި ހައްދަވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ވަނީ މިދިޔަ އަހަރު ބޭއްވި 36 ވަނަ ޤައުމީ ޤުރުއާން މުބާރާތް ނިންމުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުން ވިދާޅުވެފައެވެ.
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، މާތްވެގެންވާ އިސްލާމްދީނަށް ނަޞްރުދިނުމަކީ، އެމަނިކުފާނު އެންމެ އިސްކަން ދެއްވާނެ ޤައުމީ އެއް ވާޖިބުކަމަށާއި، އެކަމަށްޓަކައި ކީރިތި ޤުރުއާނުގެ ޢިލްމު ފެތުރުމަށް މި ސަރުކާރުން ޚާއްޞަ އިސްކަމެއް ދެއްވާނެކަމަށެވެ.