ކަނޑިތީމު ބަނދަރު ތަރައްޤީކުރުމުގެ މަޝްރޫޢު އެމްޓީސީސީއާ ހަވާލުކޮށްފި
13 އޮކްޓޯބަރު 2025 - 10:18

ށ. ކަނޑިތީމު ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢު އެމްޓީސީސީއާ މިއަދު ހަވާލުކޮށްފިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ޝަރަފުވެރިކޮށްދެއްވި މި ރަސްމިއްޔާތުގައި، މި މަޝްރޫޢުގެ އެއްބަސްވުމުގައި މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ފަރާތުން ސޮއިކުރެއްވީ ޙަސަން ރަޝީދު އެވެ. އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިންގ ޑިރެކްޓަރ (ރިޓަޔަރޑް) ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް އަޙުމަދު ސަޢީދުއެވެ. މި ރަސްމިއްޔާތުގައި، ކެބިނެޓް މިނިސްޓަރުންނާއި ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާއި، ކަނޑިތީމު ކައުންސިލްގެ މެންބަރުން އަދި ސަރުކާރުގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.
1700 މީހުންގެ އާބާދީއެއް އޮންނަ ކަނޑިތީމަކީ މަސްވެރިކަމާއި ފަތުރުވެރިކަމަށް ބަރޯސާވެފައިވާ ރަށެކެވެ. މި ރަށަކީ އަތޮޅުގެ ވަރަށް ގިނަ ރައްޔިތުން ޒަރޫރީ ބޭނުންތަކަށް ޒިޔާރަތް ކުރާ ރަށެކެވެ. މިއަދު ސޮއިކުރެވުނު ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ މަސައްކަތް ނިމުމާއެކު، ލަފާފުރުމުގެ ދަތިތަކަށް ހައްލެއް ލިބި އުޅަނދުތައް އަޅާފައި ބާއްވާނެ ޖާގަ ތަނަވަސް ބަނދަރެއް ލިބިގެންދާނެކަމަށް އެމްޓީސީސީން މައުލޫމާތުދެއެވެ.
މި މަޝްރޫޢުގެ ދަށުން، 76,705.85 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ފަޅު އަޑިނެތް ފުންކުރުމާއި، 212 މީޓަރުގެ ސަރަޙައްދެއްގައި އެއްގަމުތޮށި ލުމާއި، 150 މީޓަރުގެ ސަރަޙައްދެއްގައި ގްރޮއިން ޖެހުމާއި، 544 މީޓަރުގެ ސަރަޙައްދެއްގައި ބޭރުތޮށި ލުމާއި، 342 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމެންޓް ޖެހުމާއި، 1332 އަކަމީޓަރުގެ ސަރަޙައްދެއްގައި ޕޭވްމަންޓް ހެދުމާއި ބަނދަރު ބައްތި ހަރުކުރުމުގެ މަސައްކަތް ކުރާނެއެވެ. މި މަޝްރޫޢުއަކީ 84.12 މިލިއަން ރުފިޔާއަށް 380 ދުވަސްތެރޭ ނިންމަން އެމްޓީސީސީއާ ހަވާލުކޮށްފައިވާ މަޝްރޫޢެކެވެ.

Ad by Hajj Corporation