އަންނަ އަހަރު ސުކޫކު ދެއްކުމުގެ އެއްވެސް ކަންބޮޑުވުމެއް ނެތް: ރައީސް
14 އޮކްޓޯބަރު 2025 - 04:40
އަންނަ އަހަރު ދައްކަންޖެހޭ ދެ ލޯނު ދެއްކުމުގައި އެއްވެސް ކަންބޮޑުވުމެއް ނެތް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ށ. އަތޮޅޫ ބިލެތްފަހި ރައްޔިތުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައި ރައީސް ވިދާޅުވީ މި ސަރުކާރު ހަވާލުވިއިރު އިގްތިސާދީ ހާލަތު އޮތް ގޮތުން އަރައިގަންނަން ކުރަމުން އަންނަ މަސައްކަތުގެ ނަތީޖާއެއްގެ ގޮތުން މިހާރު ރާއްޖޭގެ އިގްތިސާދު ރަނގަޅު ވަމުން އަންނަ ކަމަށެވެ.

Ad by Hajj Corporation
ސަރުކާރުން ހުރިހާ ކަމެއް ވެސް ކުރިއަށް ގެންދަނީ ރާއްޖެ އެއްވެސް ގޮތަކަށް ޑިފޯލްޓް ވިޔަ ނުދީ ރާއްޖޭގެ އިގްތިސާދު ފުރިހަމައަށް ބާރު ސްޕީޑުގައި ގެންދެވޭނެ ގޮތް ހަމަޖައްސަމުން ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.
"އެތެރެއާއި ބޭރުގެ ދަރަނިވެސް ދައްކާނަން އިރާދަކުރެއްވިއްޔާ. ރާއްޖެ ޑީފޯލްޓެއް ނުވާނެ. ތަރައްގީގެ މަޝްރޫއުތައްވެސް ބާރު ސްޕީޑުގައި ކުރިއަށްގެންދާނަން". ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރައީސް މިފަދައިން ވިދާޅުވިއިރު ދިވެހި ސަރުކާރުން 2021 ވަނަ އަހަރު ދޫކުރި 500 މިލިއަން އެމެރިކާ ޑޮލަރުގެ ސުކޫކުގެ އޮކްޓޯބަރ 2025 ގެ ކޫޕަން ފައިސާގެ ގޮތުގައި 24.6 މިލިއަން އެމެރިކާ ޑޮލަރު ސަރުކާރުން ވަނީ ދައްކައިފައެވެ.
މި ސުކޫކުގެ ކޫޕަން ފައިސާ ދައްކަންޖެހެނީ ކޮންމެ އަހަރެއްގެ އޭޕްރިލް އަދި އޮކްޓޯބަރު މަހުއެވެ. މި ސުކޫކުގެ މުއްދަތު ހަމަވާނީ އޭޕްރިލް 2026 ގައެވެ.
ސްކޫކަށް އަނބުރާ ފައިސާ ދެއްކުމުގެ ތާވަލާ އެއްގޮތްވާ ގޮތުގެ މަތިން، ދިވެހިސަރުކާރުން އެންމެ ފަހުގެ ކޫޕަން ފައިސާގެ ގޮތުގައި 25 މިލިއަން އެމެރިކާ ޑޮލަރާއި، މުޅި އަދަދުކަމަށްވާ 500 މިލިއަން އެމެރިކާ ޑޮލަރު އޭޕްރިލް 2026 ގައި މުއްދަތު ހަމަވާއިރު ދައްކައި ނިންމާނެކަމަށް ސަރުކާރުން ބުނެއެވެ.
ދަރަނީގެ ޒިންމާތައް ވަގުތުން ވަގުތަށް އަދާކުރުމަކީ ސަރުކާރުގެ އެންމެ އިސް އަމާޒުތަކުގެ ތެރޭގައި ހިމެނޭ ކަމެކެވެ.
މިހިނގާ އޮކްޓޯބަރ މަހު ދައްކަންޖެހޭ ކޫޕަން ފައިސާ ކާމިޔާބުކަމާއެކު ދެއްކުމުން ދައްކުވައިދެނީ ސަރުކާރުން މާލީ ޒިންމާތައް އަދާކުރުމަށް ކުރަމުންދާ މަސައްކަތާއި، ބައިނަލްއަޤްވާމީ އިންވެސްޓަރުންގެ އިތުބާރު ދެމެހެއްޓުމަށް ކުރަމުންދާ މަސައްކަތެވެ.
ޒިންމާދާރު ގޮތެއްގައި ދަރަނި މެނޭޖްކުރުމަށް ސަރުކާރުން ދޭ އަހައްމިއްޔަތުކަން އަލުން ހާމަކޮށް، އަންނަ އަހަރު ސުކޫކުގެ އެންމެ ފަހުގެ އެސެޓްލްމަންޓަށް ތައްޔާރުވަމުންދާއިރު، މާލީ ހަރުދަނާކަމާއި ދަރަނި އަދާކުރުމުގެ ޤާބިލުކަން ދެމެހެއްޓުމަށް ސަރުކާރުން ފިޔަވަޅުތައް އަޅަމުންގެންދާނެކަމަށް ސަރުކާރުން ހާމަކުރެއެވެ.