ބަންޑުން ޖަހާލީ ކޮޅުވެއްޓިން ނިޔާވި މީހާގެ އާއިލާއަށް ރައީސް ތައުޒިޔާ ވިދާޅުވެއްޖެ
16 އޮކްޓޯބަރު 2025 - 05:35

މާލެއިން ފުރައިގެން ކ.އެރިޔަދޫ އަށް ދިޔަ ކޮޅުވެއްޓި ބަންޑުން ޖަހާލި ހާދިސާގައި ނިޔާވި މީހާގެ އާއިލާއަށް ރައިސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ތައުޒިޔާ ވިދާޅުވެއްޖެ އެވެ.
އެމަނިކުފާނު ވަނީ އެ އުޅަނދުން ދަތުރުކުރި އެކަކު ނިޔާވެފައި ވަނިކޮށް ފެނުނު ޙަބަރު އެއްސެވީ ފުން ހިތާމާއާ އެކުކަމަށް ވިދާޅުވެ އެކްސްގައި ޕޯސްޓެއްކުރައްވާފައެވެ. މީގެ އިތުރުން އެމަނިކުފާނު ވަނީ ،މިހާދިސާގައި ގެއްލިފައިވާކަމަށް މިހާތަނަށް ފާހަގަކުރެވިފައިވާ 2 މީހުން ހެޔޮހާލުގައި ތިއްބާ ފެނުން އެދި ދުޢާ ކުރައްވާ ކަމަށްށާއި،އަދި މިހާތަނަށް ސަލާމަތްވި މީހުންނަށް ކުރިމަތިވި ސިއްޙީ އަދި ނަފްސާނީ ދަތިތަކަށް އަވަހަށް ޝިފާ ލިބި އާންމު ހާލަތަށް އައުމަށް އެދި ދުއާ ކުރައްވާ ކަމުގައި ވެސް ވިދާޅުވެފައެވެ.

Ad by Hajj Corporation
އަދި ހުރިހާ ފަޅުވެރިންގެ އާއިލާތަކަށް ވެސް އެމަނިކުފާނު އެދެނީ ކެތްތެރިކަން ދެއްވުން ކަމަށާއި،އިރާދަކުރެއްވިއްޔާ ހުރިހާ ފަޅުވެރިންނާ މެދުވެސް ދެވެން އޮތް ހުރިހާ އަޅައިލުމަކާއި އެހީތެރިކަމެއް، އަދި ގެއްލިފައިވާ މީހުން ހޯދުމަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް ސަރުކާރުގެ ކަމާބެހޭ އިދާރާތަކުން ޙާއްސަ ސަމާލުކަމަކާއެކު ކުރަމުން ގެންދާނެކަމަށްވެސް އެމަނިކުފާނުގެ ޕޯސްޓުގައި ވަނީ ވިދާޅުވެފައެވެ.
އަދި މޫސުން ގޯސް ޙާލަތްތަކުގައި،ކަމަާބެހޭ އިދާރާތަކުގެ އިލްތިމާސްތަކަށް އިޖާބަ ދިނުމަށާއި،ދަތުރުމަތީ ރައްކާތެރިކަން ހުރިހާ ގޮތަކުން ކަށަވަރު ކުރުމަށް ކަނޑު ދަތުރު ކުރާ ފަރާތްތަކަށް އެމަނިކުފާނު ވަނީ ނަސޭޙަތްތެރިވެފަެވެ.
ރޭ ދަންވަރު ހިނގި މިހާދިސާގައި ގެއްލުނު މީހުން ހޯދުމުގެ މަސައްކަތް އެމްއެންޑީއެފް ކޯސްޓުކާޑުން ދަނީ އަދިވެސް ކުރަމުންނެވެ. ނިޔާވި މީހާގެ ހަށިގަނޑު އެމްއެންޑީއެފް ކޯސްޓްގާޑުގެ ޑައިވަރުން ނަގާފައިވަނީ ކަނޑުގެ އަޑިންނެވެ.
މި ހާދިސާގައި ނިޔާވެފައި ވަނީ ގއ. ދާންދޫ، ސަރުސޫނުގޭ އުމުރުން 38 އަހަރުގެ އަޙްމަދު ޝިފާނެވެ.
މި ދުވަސްވަރު ރާއްޖޭގެ ބޮޑު ސަރަހައްދަކަށް މޫސުން ގޯސްވެފައިވާއިރު، މޫސުމަށް ސަމާލުވުމަށް ކަމާގުޅޭ އިދާރާތަކުން ދަނީ އިލްތިމާސްކުރަމުންނެވެ.