logo
Bank of Maldives

Bank of Maldives

ޚަބަރު

މަޝްރޫޢުތަކުގެ އަދާހަމަ ތަފްޞީލުތައް ސަރުކާރުން ދަނީ ދުވަހުން ދުވަހަށް ބަލަމުން: ރައީސް

އާމިނަތު ޝަފާ
16 އޮކްޓޯބަރު 2025 - 10:56
މަޝްރޫޢުތަކުގެ އަދާހަމަ ތަފްޞީލުތައް ސަރުކާރުން ދަނީ ދުވަހުން ދުވަހަށް ބަލަމުން: ރައީސް

ރަށްރަށުގައި ހިނގަމުންދާ މަޝްރޫއުތަކުގެ އަދާހަމަ ތަފްޞީލުތައް ސަރުކާރުން މިހާރު ދުވަހުން ދުވަހަށް ބައްލަވާ އަދި މޮނިޓަރ ކުރައްވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިފަދައިން ވިދާޅުވީ ށ. ޅައިމަގު ރައްޔިތުންނާއެކު މިއަދު ހެނދުނު ބޭއްވެވި މަޝްވަރާ ބައްދަލުކުރެއްވުމުގައި ވާހަކަފުޅުދައްކަވަމުންނެވެ.

Ad by Hajj Corporation

Ad by Hajj Corporation

މި ބައްދަލުކުރެއްވުމުގައި ދެއްކެވި ވާހަކަފުޅުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ، މި ސަރުކާރުން ރަށްރަށުގައި ފައްޓަވާ މަޝްރޫޢުތައް ނިންމަވައިދެއްވާނެކަމުގެ ފުރިހަމަ ޔަޤީންކަންދެއްވާފައެވެ. އެގޮތުން މަޝްރޫޢުތަކުގެ ކަންކަން ހިނގަމުންދާގޮތުގެ ތަފްޞީލުތައް ސަރުކާރުން މިހާރު ދުވަހުން ދުވަހަށް ބައްލަވާ އަދި މޮނިޓަރ ކުރައްވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅުގައި ޅައިމަގުގައި ތިން މަޝްރޫޢެއްގެ އަމަލީ މަސައްކަތް މިއަދު ފެއްޓެވުމަށް ނިންމަވާފައިވެއެވެ. އޭގެ ތެރޭގައި ރަށުގެ ޞިއްޙީ މަރުކަޒަށް އިތުރުކުރެވޭ އިމާރާތުގެ ބިންގާ އެޅުމާއި، ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުގެ ބިންގާ އެޅުމާއި ކައުންސިލް އިދާރާގެ އައު އިމާރާތުގެ ބިންގާ އެޅުން ހިމެނެއެވެ. މިއަދު ވިއްސާރަވުމުގެ ސަބަބުން މި ރަސްމިއްޔާތުތައް ކުރިއަށް ނުގެންދެވުނުނަމަވެސް އެ މަޝްރޫޢުތަކުގެ މަސައްކަތް ކުރިއަށް ގެންދަވާނެކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ ރައްޔިތުންނަށް ދެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ޞިއްޙީ މަރުކަޒުގެ މަސައްކަތް ނިމޭއިރު، ވޯޑަށް އެނދު އިތުރުވެ، ލެބޯޓްރީގެ ޚިދުމަތުގެ އިތުރުން 16 ގަޑިއިރަށް ޚިދުމަތް ދިނުމަށް ބޭނުންވާ ކަންކަން ފުރިހަމަވެގެންދާނެ ކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ރަށުގައި މަސައްކަތް ފެށުމަށް ބަޔަކާއި ޙަވާލުކުރެވިފައިވާ ކުނިކޮށީގެ މަސައްކަތް ހުއްޓިފައި އޮންނަތާ ދެ އަހަރު ވެފައިވާތީ އެހެން ބަޔަކާއި ޙަވާލުކުރައްވައިގެން އެ މަސައްކަތް ކުރިއަށް ގެންދަވާނެ ކަމުގައި ވިދާޅުވިއެވެ. ރަށުގައި ހޭންޑް ބޯލް ކޯޓެއް އެޅުމާއި ފުޓްސަލް ދަނޑުގެ ޓަރފް ބަދަލުކޮށް ފެންވަރު ރަނގަޅުކުރުމުގެ މަސައްކަތް މިއަހަރު ކުރިއަށް ގެންދަވާނެކަމުގެ ޔަޤީންކަން އެމަނިކުފާނު ރައްޔިތުންނަށް ދެއްވިއެވެ. މީގެއިތުރުން އަންނަ އަހަރުގެ ބަޖެޓުގައި ހިމަނުއްވައިގެން ސްކޫލްގެ އޮފީސް އިމާރާތެއް އެޅުމަށް ނިންމަވާފައިވާ ކަމުގައި ވިދާޅުވިއެވެ.

މީގެ އިތުރުން ކުރިއަށް އޮތް ތަނުގައި ރަށުގެ ބަނދަރު ތަރައްޤީކުރުމުގެ މަސައްކަތްވެސް ކުރިއަށް ގެންދަވާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. ރަށުގައި ސްވިމިންގ ޓްރެކެއް އެޅުމަށް ނިންމަވާފައިވާ ކަމަށާއި އެމަނިކުފާނުގެ ވަޢުދުފުޅާއި އެއްގޮތަށް ކީރިތި ޤުރުއާނާބެހޭ މަރުކަޒުގެ ގޮތްޕެއް ޅައިމަގުގައިވެސް އަޅުއްވާނެ ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. މީގެއިތުރުން ރަށުގެ ކަރަންޓުގެ މައްސަލަ ފެނަކައިން މިހާރު ރާވާފައިވާ ތާވަލާއި އެއްގޮތަށް ރަނގަޅު ކޮށްދެއްވާނެކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ރަށުގެ ތަރައްޤީއަށް ކުރިއަށް ގެންދަވާ ކޮންމެ މަޝްރޫޢެއް ފުރިހަމަކޮށްދެއްވައި، ރައްޔިތުން ބޭނުންވާ މިފަދަ ހުރިހާ ކަމެއް ރަނގަޅަށް ކުރިއަށްގެންދަވާނެ ކަމުގައި ވިދާޅުވިއެވެ.

މި މަޝްވަރާ ބައްދަލުކުރެއްވުމުގައި ޅައިމަގު ރައްޔިތުންގެ ތެރެއިން ބައެއް ފަރާތްތަކުން ވަނީ، ރަށުގެ ބަނދަރު ހެދުމާއި، ޕްރީ ސްކޫލްގެ ފެންވަރު ރަނގަޅުކޮށްދެއްވުމާއި، ދިގުމުއްދަތެއްގައި ފައިސާ ދައްކާގޮތަށް ނަމަވެސް، އަމިއްލަ ގޯތީގައި ގެއެޅޭނެ އިންތިޒާމު ހަމަޖައްސަވައިދެއްވައި، ތަރައްޤީގެ މުހިންމު ކަންކަން ކޮށްދެއްވުމަށް އެދިވަޑައިގެންފައެވެ.

މިރަސްމިއްޔާތުގައި ޅައިމަގު ރައްޔިތުންގެ ފަރާތުން ވަނީ ރައީސުލްޖުމްހޫރިއްޔާއަށް ޝުކުރުގެ ހަނދާނީފިލައެއް އަރުވާފައެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ބަނޑުހައިހޫނުކަމުގައި އުޅޭ މީހުންނަށް ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރުކުރުމުގައި އެއްބައިވާން ޖެހޭ: ފަސްޑް ލޭޓީޚަބަރު | 8 ގަޑިއިރު ކުރިންމަޝްރޫޢުތަކުގެ އަދާހަމަ ތަފްޞީލުތައް ސަރުކާރުން ދަނީ ދުވަހުން ދުވަހަށް ބަލަމުން: ރައީސް ޚަބަރު | 10 ގަޑިއިރު ކުރިންމާއުނގޫދޫ ޞިއްޙީ މަރުކަޒަކީ 24 ގަޑިއިރު ޚިދުމަތްދޭ މަރުކަޒަކަށް ހަދަނީ ޚަބަރު | 10 ގަޑިއިރު ކުރިންށ.އަތޮޅަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ރައީސް މާލެ ވަޑައިގަންނަވައިފިޚަބަރު | 10 ގަޑިއިރު ކުރިން