ފަލަސްތީނުގައި މިނިވަން ދައުލަތެއް އުފެއްދުމަށް ކުރާ މަސައްކަތްތަކަށް އެއްބާރުލުންދޭނެކަން ހާމަކޮށްފި
6 ނޮވެމްބަރު 2025 - 11:43

ފަލަސްތީނުގައި މިނިވަން ދައުލަތެއް އުފެއްދުމަށް ކުރާ މަސައްކަތްތަކަށް ރާއްޖެއިން އަބަދުވެސް އެއްބާރުލުންދޭނެކަން ހާރިޖީ ވަޒީރު ޑރ. އަބްދުﷲ ހަލީލު ހާމަކުރައްވައިފިއެވެެ.
ވަޒީރު މިކަން ހާމަކުރެއްވީ ޤަޠަރުގެ މިނިސްޓަރ އޮފް ސްޓޭޓް ފޮރ ފޮރިން އެފެއާޒް އަދި ކެބިނެޓްގެ ވަޒީރު ސުލްޠާން ބިން ސާދު ބިން ސުލްޠާން އަލް މުރައިކީ އާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގެ ތެރެއިންނެވެ.

Ad by Hajj Corporation
ޚާރިޖީ ވުޒާރާގައި މިއަދު މެންދުރު ބޭއްވުނު މި ބައްދަލުވުމުގައި، ޚާރިޖީ ވަޒީރު ޑރ. ޢަބްދުالله ޚަލީލް، ޤަޠަރުގެ މިނިސްޓަރ އޮފް ސްޓޭޓް ފޮރ ފޮރިން އެފެއާޒަށް މަރްޙަބާ ދަންނަވައި، ދިވެހިރާއްޖޭއަށް ޤަތަރުގެ ސަރުކާރުން ދެއްވަމުންގެންދަވާ އެހީތެރިކަމާއި އެއްބާރުލުން ފާހަގަކުރައްވައި، ޝުކުރުއަދާ ކުރައްވާފައެވެ. އަދި އިސްލާމްދީނުގެ މަތިވެރި އަސާސްތަކާއި، އެއްގޮތް ޘަޤާފަތެއްގެ މައްޗަށް ބިނާވެފައިވާ ދެ ޤައުމުގެ ޒަމާންވީ އަޙްވަންތަ ގުޅުމުގެ މައްޗަށް ދެ ބޭފުޅުން އަލިއަޅުވާލައްވައި، ދެޤައުމުގެ ދެމެދު ގުޅުން އިތުރަށް ހަރުދަނާކޮށް ބަދަހިކުރުމުގެ މައްޗަށް މަޝްވަރާ ކުރެއްވިއެވެ.
މީގެ އިތުރުން، ދިވެހިރާއްޖެއާއި ޤަޠަރާ ދެމެދު އޮތް ގާތް ގުޅުން އިތުރަށް ހަރުދަނާކުރުމަށްޓަކައި އިޤްތިޞާދީ ރޮނގުންނާއި، ވިޔަފާރި އާއި އިންވެސްޓްމަންޓްގެ ދާއިރާއިންނާއި، މަތީ ތަޢުލީމް ހާސިލްކުރުމުގެ ފުރުސަތުތަކާއި، މަސްވެރިކަމާއި ދަނޑުވެރިކަމުގެ ދާއިރާއިން އެއްބާރުލުން އިތުރުކުރުމަށް ދެބޭފުޅުން މަޝްވަރާކުރެއްވިއެވެ. އަދި ފަތުރުވެރިކަމުގެ ދާއިރާއިން އެއްބާރުލުންދީ ދެ ޤައުމުގެ މަޞްލަޙަތު ކުރިއެރުވުމަށާއި ދިވެހިރާއްޖެއާއި ޤަޠަރާއި ދެމެދު ފަރުދުންގެ ފެންވަރުގައި ގުޅުން އިތުރަށް ބަދަހިކުރުމާ ގުޅޭގޮތުން މަޝްވަރާކުރެއްވިއެވެ.
މި ބައްދަލުކުރެއްވުމުގައި ޚާރިޖީ ވަޒީރު ވަނީ ބައިނަލްއަޤްވާމީ މަޝްރަހުގައި އަދި ވަކީން ހާއްސަކޮށް ޢައްޒާގެ ހަނގުރާމަ ނިމުމަކަށް ގެނައުމަށް ޤަތަރުން އަދާކުރެއްވި އިސް ދައުރު ފާހަގަކުރައްވައި، ފަލަސްތީނުގެ ރައްޔިތުން މިނިވަން، މުސްތަޤިއްލު ދައުލަތެއް އުފެއްދުމަށް ކުރަމުންދާ މަސައްކަތްތަކަށް ދިވެހިރާއްޖޭން އަބަދުވެސް ތާއީދު ކުރާކަން ހާމަކުރައްވާފައެވެ.
މި ބައްދަލުވުން ނިންމަވާލެއްވީ ދިވެހިރާއްޖެއާއި ޤަތަރާއި ދެމެދު އޮތް ޒަމާންވީ ގުޅުން ކުރިޔަށް އޮތް އަހަރުތަކުގައި އިތުރަށް ވަރުގަދަކޮށް ދެ ޤައުމުގެ ރައްޔިތުންނަށްވެސް ފައިދާކުރުވަނިވި ގުޅުމަކަށް ހެދުމުގެ ޔަޤީންކަން އައުކުރައްވަމުންނެވެ. މި ބައްދަލުވުމަކީ ދިވެހިރާއްޖެއާއި ޤަތަރާއި ދެމެދު އޮތް ޒަމާންވީގުޅުން ރަމްޒުކޮށްދޭ، އަދި މި ގުޅުން ދަމަހައްޓަން ދެ ޤައުމުންވެސް ދެއްވާ އަހައްމިޔަތު ހާމަވެގެންދިޔަ މުހިންމު ބައްދަލުވުމެކެވެ.
މި ބައްދަލުވުމުގައި މިނިސްޓަރ ޑރ. ޚަލީލްގެ އަރިހުގައި ފޮރިން ސެކްރެޓަރީ ފާތިމަތު އިނާޔާ، ސެކްރެޓަރީ ޑރ. ހާލާ ޙަމީދު، އެމްބެސެޑަރ އެޓް ލާޖް ޢަބްދުﷲ ޙަމީދު، އެޑިޝަނަލް ސެކްރެޓަރީ ޚަދީޖާ ނަޖީހާ އަދި ޑެޕިއުޓީ ޑެސްކް އޮފިސަރ ފާތިމަތު ލަޔާނާ އިހުސާން ބައިވެރިވެވަޑައިގެންނެވިއެވެ.


