ލޭންޑިންގ ކްރާފްޓާއި ޓަގް ބޯޓުތައް އޮޕަރޭޓް ކުރަމުންދަނީ ކެޕޭސިޓީ ނެތް ކެޕްޓަނުން
7 ނޮވެމްބަރު 2025 - 04:09
%20(1).webp&w=3840&q=75)
ލޭންޑިންގ ކްރާފްޓާއި ޓަގް އަދި ބާޖު ފަހަރު އޮޕަރޭޓް ކުރަމުން ގޮސްފައިވަނީ އެކަމުގެ ކެޕޭސިޓީ ނެތް ކެޕްޓަނުންކަން ފާހަގަކުރެވިފައިވާކަމަށް ދަތުރުފަތުރާ މަދަނީ އުދުހުންތަކާބެހޭ ވުޒާރާއިން ބުނެފިއެވެ.
ދަގަނޑު ނުވަތަ މައުދަނުން ބަނދެފައިވާ އުޅަނދުފަހަރު ދުއްވުމުގައި އިތުރަށް ސަމާލުވުމަށް އަންގައި ދަތުރުފަތުރާ މަދަނީ އުދުހުންތަކާބެހޭ ވުޒާރާއިން ކުރި އިލްތިމާސްގައި ބުނީ ދިވެހިރާއްޖޭގެ ކަނޑުގެ ސަރަޙައްދުގައި ދުއްވާ އަދި އޮޕަރޭޓްކުރާ ދަގަނޑު ނުވަތަ މައުދަނުން ބަނދެފައިވާ ލޭންޑިންގ ކްރާފްޓާއި ޓަގް އަދި ބާޖު ފަހަރު އޮޕަރޭޓް ކުރުމުގައި ކަނޑައަޅާފައިވާ ގަވާއިދުތަކާ އެއްގޮތަށް ޢަމަލު ނުކުރުމުގެ ސަބަބުން ނުރައްކާތެރި ގިނަ ހާދިސާތަކެއް ހިނގާފައިވާކަމަށެވެ.
ވުޒާރާއިން ބެލި ބެލުމުން ލޭންޑިންގ ކްރާފްޓާއި ޓަގް އަދި ބާޖު ފަހަރު އޮޕަރޭޓް ކުރަމުން ގޮސްފައިވަނީ އެކަމުގެ ކެޕޭސިޓީ ނެތް ކެޕްޓަނުންކަން ވަނީ ފާހަގަ ކުރެވިފައިވާކަމަށާއި އެގޮތުން ދަގަނޑު ނުވަތަ މައުދަނުން ބަދެފައިވާ އުޅަނދު ފަހަރުގައި ކެޕްޓަނުންގެ ގޮތުގައި މަސައްކަތް ކުރެވޭނެ ކެޕްޓަނުންގެ ފެންވަރު ކަނޑު ދަތުރުކުރާ އުޅަނދުފަހަރަށް މުދާ ބަރުކުރުމާއި މުދާ އުފުލުމާ ގުޅޭ ގަވާއިދުގައި ވަނީ ކަނޑައަޅާފައިކަން ވުޒާރާއިން ވަނީ ހަނދާންކޮށްދީފައެވެ.

Ad by Hajj Corporation
ދަގަނޑު ނުވަތަ މައުދަނުން ބަދެފައިވާ އުޅަނދު ފަހަރުގައި ކެޕްޓަނުންގެ ގޮތުގައި މަސައްކަތް ކުރެވޭނެ ކެޕްޓަނުންގެ ފެންވަރު:
- ދަގަނޑު ނުވަތަ މައުދަނުން ބަނދެފައިވާ އުޅަނދުފަހަރުގެ ތެރެއިން 100 ގްރޮސްޓަނުން ފެށިގެން ބޮޑެތި އުޅަނދު ފަހަރުގެ ކެޕްޓަނުންގެ ގޮތުގައި ތިބެވޭނީ ސެޓްފިކެޓް އޮފް ކޮމްޕީޓެންސީ 3000 ގްރޮސްޓަންގެ ކެޕްޓަނުންނެވެ.
- ދަގަނޑު ނުވަތަ މައުދަނުން ބަނދެފައިވާ 24 މީޓަރަށް ވުރެ ދިގު ނުވަތަ 100 ގްރޮސް ޓަނޭޖާ ހަމައަށް ހުންނަ އުޅަނދުފަހަރުގެ ކެޕްޓަނުންގެ ގޮތުގައި ތިބެވޭނީ ނިޔަމި ކަމުގެ ސަނަދު އޮތް އެ އުޅަނދެއްގެ ގްރޮސް ޓަނޭޖާއި އެކަށިގެންވާ ކެޕޭސިޓީގެ ޓަނޭޖު އެންޑޯޒްމަންޓް ލިބިފައިވާ ކެޕްޓަނުންނެވެ.
ދިވެހިރާއްޖޭގެ ކަނޑުގެ ސަރަޙައްދުގައި ދުއްވާ އަދި އޮޕަރޭޓު ކުރާ މަތީގައި ދަންނަވާފައިވާ ސައިޒު ތަކުގެ އުޅަނދުފަހަރުގައި ބަޔާންކުރެވުނު ކެޕޭސިޓީގެ ކެޕްޓަނުން އެ އުޅަނދުފަހަރު ދުއްވައި އަދި އޮޕަރޭޓް ކުރުމަށާއި، އުޅަނދުފަހަރު ބަރުކުރުމުގައި ސްޓެބިލިޓީ ނުގެއްލޭނެގޮތަށް ބަރުކުރުމާއެކު މުދާ ރަނގަޅަށް ލޭޝް ކޮށްގެން ދަތުރަށް ފެށުމަށް ސަމާލުކަން ދިނުމަށް ވުޒާރާއިންވަނީ އަންގާފައެވެ.


