އިސްލާމިކް ސޮލިޑާރިޓީ ގޭމްސް ފަށައިފި, ދިވެހި ދިދަ އުފުލާލީ ރަފާއާއި އިމްއާން
8 ނޮވެމްބަރު 2025 - 04:50

ހަވަނަ އިސްލާމިކް ސޮލިޑާރިޓީ ގޭމްސް ފަށައިފިއެވެ.
ސަޢުދީގެ ރިޔާޛްގައި އޮއް މި ގޭމްސްގެ ކުލަގަދަ ފެށުމުގެ ރަސްމިއްޔާތުގައި ދިވެހިރާއްޖޭގެ ދިދަ އުފުލާލުމުގެ ޝަރަފު ހޯދީ، އެންމެ ފަހުގެ ޤައުމީ ޓީޓީ ޗެމްޕިއަން އައިޝަތު ރަފާ ނާޒިމާއި، ގައުމީ ސީނިއަރ ފެތުންތެރިޔާ އިމްއާން ޢަލީއެވެ.

Ad by Hajj Corporation
ބައިނަލްއަގްވާމީ އެކިއެކި މުބާރާތްތަކުގައި މީގެކުރިން ވެސް ދިވެހި ޤައުމު ތަމްސީލުކޮށް، ފަޚުރުވެރި ކާމިޔާބީތަކެއް ވެސް ހޯދާފައިވާ މި ދެ އެތުލީޓުން، މިފަދަ ބޮޑު ގޭމްސްއެއްގައި ރާއްޖޭގެ ދިދަ އުފުލާލުމުގެ ޝަރަފު ހޯދި މިއީ ފުރަތަމަ ފަހަރެވެ.
މިފަހަރުގެ އިސްލާމިކް ސޮލިޑާރިޓީ ގޭމްސްގައި ރާއްޖެއިން ހަތަރު ކުޅިވަރެއްގައި ވާދަކުރެއެވެ. އެއީ، ފެތުން، ޓޭބަލް ޓެނިސް، ހޭންޑްބޯޅަ އަދި އެތުލެޓިކްސް އެވެ. ރާއްޖޭގެ ކޮންޓިންޖެންޓްގެ ޗެފް ޑިމިޝަނަރަކީ މުޙައްމަދު ޖައުޝަން ޝަރީފް (ޖައު) އެވެ. އަދި ޑެޕިއުޓީ ޗެފް ޑިމިޝަނަރަކީ މަރިޔަމް ޝައުފާއެވެ.
އެންމެފަހުން މި ގޭމްސް ބާއްވާފައި ވަނީ 2022 ވަނަ އަހަރުއެވެ. ތުރުކީގެ ކޮންޏާގައި ބޭއްވި އެ ފަހަރުގެ މުބާރާތުގައި ވެސް ރާއްޖެއިން ބައިވެރިވީ ހަތަރު ކުޅިވަރެއްގައެވެ. އެއީ ޓޭބަލް ޓެނިސް، ފެތުން، ތުރީ އޮން ތުރީ ބާސްކެޓްބޯޅަ އަދި އެތުލެޓިކްސްއެވެ.
އެ ގޭމްސްގައި ރާއްޖޭގެ އަންހެން ޓީޓީ ޓީމުން ވަނީ ލޯ މެޑެލް ހޯދާފައެވެ.


