ރައްޔިތުން ފަޚުރުވެރިވާނޭ ތަރައްޤީގެ އުޖާލާ ދުވަސްތަކެއް ހޯދައިދެއްވާނެކަމުގެ ފުރިހަމަ ޔަޤީންކަން ރައީސް ދެއްވައިފި
11 ނޮވެމްބަރު 2025 - 03:42

ރައްޔިތުން ފަޚުރުވެރިވާނޭ ތަމައްދުނާއި ތަރައްޤީގެ އުޖާލާ ދުވަސްތަކެއް މި ޤައުމަށް ހޯދައިދޭނެކަމުގެ ފުރިހަމަ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އަންގާރަ ދުވަހު ދެއްވައިފިއެވެ.
ރައީސް ޔަގީންކަން ދެއްވީ ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ދިވެހި ލޮބުވެތި ރައްޔިތުންނަށް، މީސްމީޑިއާ މެދުވެރިކޮށް ފޮނުއްވި ތަހުނިޔާގެ މެސެޖެއްގައެވެ.

Ad by Hajj Corporation
ރައީސް ޑރ. މުޢިއްޒު ވިދާޅުވީ، ދިވެހީންގެ ރާއްޖެ ދިވެހީންނަށް ހޯދައިދީ، ރައްޔިތުން އެދޭ އަމާޒުތައް ޙާޞިލްކޮށް ދިނުމަށް މި ސަރުކާރުން ފެށި ދަތުރުގައި ކުރިއަށް ދާނީ އިޚްލާޞްތެރިކަމާއެކު، މާތްﷲގެ ޙަޟްރަތުން ވާގި އެދިތިބެގެން ކަމަށެވެ.
އެމަނިކުފާނު ވަނީ ޖުމްހޫރީ ދުވަހުގެ އިޚްލާޞްތެރި ތަހުނިޔާއާއި ހެޔޮއެދުންތައް ދިވެހި ލޮބުވެތި ރައްޔިތުންނަށް އަރިސްކުރައްވާފައެވެ.
"ދިވެހިރައްޔިތުންގެ ބަދަހިކަމާއި އެއްބާރުލެއްވުމަށް ފަށްފަށުން ޝުކުރު ދަންނަވަމުން، ދިވެހި ރައްޔިތުން ފަޚުރުވެރިވާނޭ ތަމައްދުނާއި ތަރައްޤީގެ އުޖާލާ ދުވަސްތަކެއް މި ޤައުމަށް އިރާދަކުރެއްވިއްޔާ ހޯދައިދޭނެކަމުގެ ފުރިހަމަ ޔަޤީންކަން އަރުވަން" މި މެސެޖުގައި ރައީސް ވިދާޅުވެފަވެއެވެ.
ޖުމްހޫރީ ދުވަހުގެ މުނާސަބަތާ ގުޅިގެން ބާއްވާ ރަސްމީ ޖަލްސާގެ މިއަދު ހެނދުނު 8:30 ގައި ފަށާފައިވާއިރު، މި ޖަލްސާގައި ދައުލަތަށް ޚިދުމަތް ކުރުމުގެ އިނާމާއި، މަތީ ދަރަޖަ ހޯދާ ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ޚާއްޞަ އިނާމު ދިނުން އޮންނާނެއެވެ.


