ރައްޔިތުން ފަޚުރުވެރިވާނެ، ތަރައްޤީގެ އުޖާލާ ދުވަސްތަކެއް ހޯދައިދޭނަން: ރައީސް
11 ނޮވެމްބަރު 2025 - 04:03

ދިވެހި ރައްޔިތުން ފަޚުރުވެރިވާނޭ ތަމައްދުނާއި ތަރައްޤީގެ އުޖާލާ ދުވަސްތަކެއް މި ޤައުމަށް އިރާދަކުރެއްވިއްޔާ ހޯދައިދޭނެކަމުގެ ފުރިހަމަ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިފަދައިން ވިދާޅުވީ ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައެވެ.

Ad by Hajj Corporation
ޖުމްހޫރީ ދުވަހުގެ އިޚްލާޞްތެރި ތަހުނިޔާއާއި ހެޔޮއެދުންތައް ދިވެހި ރައްޔިތުންނަށް އަރިސްކުރައްވައި ރައީސްވަނީ މި ލޮބުވެތި ދިވެހި ޤައުމު ބާއްޖަވެރިކަމާއި ފާގަތިކަމުގައި އަބަދުމެ ލެހެއްޓެވުން އެދި ދުޢާ ދަންނަވާފައެވެ.
ދިވެހީންގެ ރާއްޖެ ދިވެހީންނަށް ހޯދައިދީ، ރައްޔިތުން އެދޭ އަމާޒުތައް ޙާޞިލްކޮށް ދިނުމަށް މި ސަރުކާރުން ފެށި ދަތުރުގައި ކުރިއަށް ދާނީ މާތްﷲގެ ޙަޟްރަތުން ވާގި އެދިތިބެ، އިޚްލާޞްތެރިކަމާއެކުގައިކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސްވަނީ ދިވެހިރައްޔިތުންގެ ބަދަހިކަމާއި އެއްބާރުލެއްވުމަށް ފަށްފަށުން ޝުކުރު ދަންނަވައި ދިވެހި ރައްޔިތުން ފަޚުރުވެރިވާނޭ ތަމައްދުނާއި ތަރައްޤީގެ އުޖާލާ ދުވަސްތަކެއް މި ޤައުމަށް އިރާދަކުރެއްވިއްޔާ ހޯދައިދޭނެކަމުގެ ފުރިހަމަ ޔަޤީންކަން އަރުވާފައެވެ.
ޖުމްހޫރީ ދުވަހަކީ ކޮންމެ އަހަރެއްގެ ނޮވެންބަރު މަހުގެ 11 ވަނަ ދުވަހެވެ. ޖުމްހޫރީ ދުވަހަކީ ރާއްޖޭގެ ދެވަނަ ޖުމްހޫރިއްޔާ ޤާއިމުކުރެވުނު ދުވަހެވެ. މިއަދު މިފާހަގަކުރަނީ ދިވެހިރާއްޖޭގައި ދެވަނަ ފަހަރަށް ޖުމްހޫރިއްޔަތެއް ޤާއިމު ކުރެވުނުތާ 57 އަހަރުފުރޭ ދުވަސްވެސްމެއެވެ.


