ލަޕޯޓާ އާއި ދެކޮޅަށް ޖިނާއީ ތަޙުޤީގެއް ހިންގަން ބާސެލޯނާގެ ކޯޓަކުން އަމުރުނެރެފި
19 ނޮވެމްބަރު 2025 - 06:23

ބާސެލޯނާގެ ކޯޓަކުން އެ ކްލަބުގެ ރައީސް ޖޯން ލަޕޯޓާ އާއި ނައިބު ރައީސް ރާފާ ޔޫސްޓޭގެ މައްޗަށް މަކަރާއި ހީލަތުގެ ދައުވާއެއްގެ ތަހުގީގު އަލުން ފެށުމަށް އަމުރުކޮށްފިއެވެ.
މި މައްސަލަ ފެށިފައިވަނީ އެއް އަންހެނަކު ލަޕޯޓާ އާއި ޔޫސްޓޭއާ ގުޅުންހުރި ކުންފުނިތަކަށް އޭނާ އިންވެސްޓްކުރި 100،000 ޔޫރޯ (ގާތްގަނޑަކަށް 1.6 މިލިއަން ދިވެހި ރުފިޔާ) ގެއްލުމާ ގުޅިގެން ދައުވާކުރުމުންނެވެ. މީގެ ކުރިން މި މައްސަލަ އެހެން ކޯޓަކުން ބަންދުކޮށްފައި އޮތް ނަމަވެސް، ބާސެލޯނާގެ ކޯޓުން ވަނީ އައު ތަހުގީގެއް ހިންގުމަށްޓަކައި މި މައްސަލަ އަލުން ހުޅުވުމަށް އަމުރުކޮށްފައެވެ.

Ad by Hajj Corporation
މި މައްސަލައަކީ ޖިނާއީ ކުށެއްގެ ގޮތުގައި ބެލެވޭ މައްސަލައެއް ކަމަށް ބެލެވެއެވެ. އަދި ލަޕޯޓާ އާއި އޭނާގެ ދެވަނަ ކޮމާންޑްގައި ހުންނެވި ޔޫސްޓޭގެ ފައިސާގެ މުއާމަލާތްތަކަށް ރަނގަޅު ތަހުގީގެއް ހިންގުން މުހިންމު ކަމަށް ކޯޓުން ނިންމާފައިވާ ކަމަށްވެއެވެ.
ބާސެލޯނާ ކްލަބުގެ ރައީސްގެ މަގާމުގައި ހުންނަވައިގެން ލަޕޯޓާގެ މައްޗަށް މިފަދަ ސީރިއަސް ތުހުމަތުތަކެއް ކުރެވުމަކީ ކްލަބުގެ ސުލޫކީ މިންގަނޑުތަކަށް ސުވާލު އުފައްދާ ކަމެކެވެ. މި ތަހުގީގު ކުރިއަށްދާ ގޮތަކުން ލަޕޯޓާގެ ސިޔާސީ އަދި ކްލަބުގެ މަގާމަށް ބޮޑެތި އަސަރުތަކެއް ކުރިމަތިވުމުގެ ފުރުސަތު އެބައޮތެވެ. އަދި މި މައްސަލައިގެ ސަބަބުން އަންނަ އަހަރުގައި ބާއްވާ ބާސެލޯނާގެ ރައީސް ކަމުގެ އިންތިޚާބަށް އަސަރު ކުރުމުގެ ފުރުސަތު މިހާރު ވަނީ ވަރަށް ބޮޑުވެފައެވެ.


