ފުޅަދޫ ސްކޫލުގައި މަލްޓިޕާޕަސް ހޯލެއް އިމާރާތްކުރުމަށް މިދިޔަ 10 އަހަރުވެސް ބަޖެޓުކޮށްފައެއް ނުވޭ: ޑރ. ޝަފީއު
19 ނޮވެމްބަރު 2025 - 06:53

ބ.ފުޅަދޫ ސްކޫލްގައި މަލްޓިޕާޕަސް ހޯލެއް އިމާރާތްކުރުމަށް ފާއިތުވެދިޔަ 10 އަހަރު ތެރޭގައިވެސް ބަޖެޓުގައި ހިމެނިފައި ނުވާ ކަމަށް ތައުލީމީ ވަޒީރު ޑޮކްޓަރ އިސްމާޢީލް ޝަފީޢު ވިޑާޅުވެއްޖެއެވެ.
އެމަނިކުފާނު މިފަދައިން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެންބަރު މަޢުރޫފް ޒާހިރު، ބ.ފުޅަދޫ ސްކޫލާ ގުޅޭގޮތުން ކުރެއްވި ސުވާލަށް ދެއްވި ޖަވާބުގައެވެ.

Ad by Hajj Corporation
މެމްބަރުގެ ސުވާލު ކުރެއްވީ ބ.ފުޅަދޫ ސްކޫލްގެ މަލްޓި ޕާޕަސް ހޯލްގެ މަސައްކަތް ހުއްޓިފައިވަނީ ކީއްވެގެންކަމާއި އަދި އެ މަސައްކަތް ފަށާ އަދި ނިންމޭނެ ތާރީޚެއް އަންގަވާދިނުމަށެވެ.
ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 87 ވަނަ މާއްދާގެ (ހ) ގައިވާ ގޮތުގެމަތިން، މި ސުވާލަށް ޖަވާބުދެއްވަމުން ވަޒީރު ވިދާޅުވީ ބ.ފުޅަދޫ ސްކޫލްގައި މަލްޓިޕާޕަސް ހޯލެއް އިމާރާތްކުރުމަށް ފާއިތުވެދިޔަ 10 އަހަރު ތެރޭގައިވެސް ބަޖެޓުގައި ހިމެނިފައި ނުވާ ކަމަށެވެ. އެހެންނަމަވެސް، ބ.ފުޅަދޫ ސްކޫލް އޮފީސް އަދި ކްލާސްރޫމް ޢިމާރާތުގެ މަސައްކަތް ކުރިއަށް ނުދާތީ، ކުރީގެ ކޮންޓްރެކްޓަރާއިއެކު ވެފައިވާ އެއްބަސްވުން ބާޠިލުކުރުމަށްފަހު ފެނަކަ ކޯޕަރޭޝަން ލިމިޓެޑް އާއެކު 16 މާރިޗު 2025 ގައި ޙަވާލުކުރެވި ޢަމަލީ މަސައްކަތް ފެށުމަށް ތައްޔާރު ވަމުންދާކަމަށް ވަޒީރު ވިދާޅުވިއެވެ.
ތައުލީމީ ދާއިރާއަށް ސަރުކާރުން ފާއިތުވި 2 އަހަރުގެ ތެރޭގައި ގިނަ މަސައްކަތްތަކެއް ކޮށްފައިވާއިރު މިހާރުވެސް މި ދާއިރާގެ 65 މަޝްރޫޢެއްގައި ސޮއިކުރެވި ހިނގަމުންދާކަމަށާއި މިދިޔަ ސަރުކާރުން ފެށިގެން ހިނގަމުންދާ މަޝްރޫޢުތަކާއެކު ޖުމުލަ 150 މަޝްރޫޢެއްގެ މަސައްކަތް ތަޢުލީމީ ދާއިރާގައި ހިނގަމުންދާކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒުވަނީ ވިދާޅުވެފައެވެ.


