ކާރިސާތަކުގެ އެހީއަށް ހަތަރު އަހަރު ތެރޭ 24.4 މިލިޔަން ރުފިޔާ ޚަރަދުކުރި
21 ނޮވެމްބަރު 2025 - 10:55

ކާރިސާތަކާ ގުޅިގެން ލިބޭ ގެއްލުންތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް، ވޭތުވެދިޔަ ހަތަރު އަހަރު ދުވަހުގެ ތެރޭގައި ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ޖުމްލަ 24.4 މިލިޔަން ރުފިޔާ ޚަރަދުކޮށްފައިވާ ކަމަށް އޮޑިޓް ރިޕޯޓަކުން ހާމަވެއްޖެއެވެ.
އޮޑިޓަރ ޖެނެރަލް އޮފީހުން ނެރެފައިވާ އެންޑީއެމްއޭގެ 2021 ވަނަ އަހަރުން ފެށިގެން 2024 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓުގައިވާ ގޮތުން، ކާރިސާތަކާ ގުޅިގެން ލިބޭ ގެއްލުމާއި، ގުދުރަތީގޮތުން ލިބޭ ގެއްލުމަށް އެހީގެ ގޮތުގައި އަމިއްލަ ފަރާތްތަކަށް ޖުމްލަ 24,409,337 ރުފިޔާ ޚަރަދުކޮށްފައިވެއެވެ.މި ޚަރަދުތައް ކޮށްފައިވަނީ އެ އިދާރާއިން އެކުލަވާލާފައިވާ ރިލީފް އެހީ ފޯރުކޮށްދިނުމުގެ މިންގަނޑުތަކާ އެއްގޮތަށް ކަމަށްވެސް އެ ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ.

Ad by Hajj Corporation
މި ހަތަރު އަހަރުގެ ތެރެއިން އެންމެ ގިނަ އަދަދަކަށް ފައިސާ ޚަރަދުކޮށްފައިވަނީ 2024 ވަނަ އަހަރުއެވެ. އެގޮތުން މިދިޔަ އަހަރު ކުރިމަތިވި ކާރިސާތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް 11.6 މިލިޔަން ރުފިޔާ ޚަރަދުކޮށްފައިވެއެވެ.
އަހަރެއްގެ ތެރޭ އެމްޑީއޭއިން ކާރިސާ ތަކަސް ހަރަދު ކޮށްފައިވާ މިންވަރަށް ބަލާއިރު،2021 ވަނަ އަހަރު 4,933,958 ރުފިޔާ އަދި 2022 ވަނަ އަހަރު 3,638,996 ރުފިޔާ، 2023 ވަނަ އަހަރު 4,201,846 ރުފިޔާ ގެ އިތުރުން 2024 ވަނަ އަހަރު: 11,634,535 ރުފިޔާ ހިމެނެއެވެ.
އޮޑިޓް ރިޕޯޓުގައި ފާހަގަކޮށްފައިވާ ގޮތުގައި މި މުއްދަތުގައި އެންޑީއެމްއޭއިން ޚަރަދުތައް ކޮށްފައިވަނީ މާލިއްޔަތު ގަވާއިދާ އެއްގޮތަށް ފާސްކޮށްދިން ބަޖެޓުގައިވާ ކަންތައްތަކަށް ކަނޑައެޅިފައިވާ މިންވަރަށެވެ.
އެންޑީއެމްއޭއަކީ ދިވެހިރާއްޖޭގެ ކާރިސާގެ ކަންކަން ބެލެހެއްޓުމުގެ ޤާނޫނުގެ ދަށުން 2018 ވަނަ އަހަރު އުފެއްދެވި މުއައްސަސާއެކެވެ. މި މުއައްސަސާގެ މައިގަނޑު މަސްއޫލިއްޔަތަކީ ކާރިސާތަކާ ގުޅިގެން އެހީ ބޭނުންވާ ފަރާތްތައް ކަނޑައަޅައި، އެފަރާތްތަކަށް އެހީ ފޯރުކޮށްދެވޭނެ ނިޒާމެއް ރާވައި ހިންގުމާއި، ރައްޔިތުން ހޭލުންތެރިކުރުވުމުގެ ޕްރޮގްރާމްތައް ހިންގުމެވެ.


