ދުންފަތް ކޮންޓްރޯލް ކުރަން އެޅި ފިޔަވަޅުތަކުން، ކުށްތަކަށް އަރައިގަތުން އިތުރުވާކަމަށް ޤަބޫލެއް ނުކުރަން: ވަޒީރު ނާޡިމް
26 ނޮވެމްބަރު 2025 - 05:12

ދުންފަތް ކޮންޓްރޯލް ކުރަން އެޅި ފިޔަވަޅުތަކުގެ ސަބަބުން ކުށްތަކަށް އަރައިގަތުން އިތުރުވާކަމަށް ޤަބޫލުނުކުރައްވާކަމަށް ސިއްހަތާ ބެހޭ ވަޒީރު އަބްދުﷲ ނާޒިމް އިބްރާހީމް ވިދާޅުވެއްޖެއެވެ.
ވަޒީރު މިފަދައިން ވިދާޅުވީ ދުންފަތް ކޮންޓްރޯލް ކުރަން އެޅި ފިޔަވަޅުތަކުގެ ސަބަބުން ކުށްތަކަށް އަރައިގަތުން އިތުރުވާކަމަށް ގަބޫލުކުރަންވަންތޯ ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުޙައްމަދު އިބްރާހިމް އެއްސެވި ސުވާލަށް ދެއްވި ޖަވާބުގައެވެ.

Ad by Hajj Corporation
މި ސުވާލުގެ ޖަވާބުގައި ވަޒީރު ވިދާޅުވީ ދުންފަތާ ގުޅުންހުރި ފިޔަވަޅުތައް ސަރުކާރުން އަޅަމުން ދިއުމަކީ ކުށްތަކަށް އަރައިގަތުން އިތުރުވާންޖެހޭ ސަބަބެއް ނޫންކަމަށެވެ.
"އަބަދުވެސް ބައެއް ބަދަލުތަކަކީ، އޭގެއިން ކޮންމެވެސް "އަސަރެއް" ކުރާ ކަން. އެކަމަކު އަޅުގަނޑު ނުދެކެން ފަހަރެއްގައިވެސް ދުންފަތާއި ގުޅިގެން އަޅުގަނޑުމެން މިއަޅަމުންދާ ފިޔަވަޅުތައް އެއީ ކޮންމެހެން ކުށްތައް އިތުރުވާންޖެހޭ ސަބަބެއް ގޮތުގައެއް. އެގޮތަށް އަޅުގަނޑަށް އަމިއްލަ ހައިސިއްޔަތުންވެސް ޤަބޫލެއް ނުކުރެވޭ. " ސިއްހީ ވަޒީރު
ސަރުކާރުން ޖެނެރޭޝަނަލް ބޭން ނުވަތަ ޖީލަކަށް ދުންފަތް މަނާކުރުން ތަންފީޒު ކުރުމަށް މަސައްކަތް ކުރަމުން ދަނީ އެކަމުގައި ބަލަންޖެހޭ ކަންކަން ބެލުމަށްފަހު ކަމަށެވެ. މިކަމުގައި އަޅަމުންދާ ފިޔަވަޅުތައް 3 ކަމަކަށް ބިނާވާ ކަމަށް ވަޒީރު ވިދާޅުވިއެވެ. މިގޮތުން މިކަމަށް މީހުން ހޭލުންތެރި ކުރުވުމާއި، އެކަން ކުރުމަށް ބޭނުންވާ ސިފަތައް ނުވަތަ ވައްޓަފާޅި މީހުންނަށް އޮޅުން ފިލުވައިދިނުމަށް އަދި އެކަމަށް މީހުންގެ މެދުގައި ޝައުޤުވެރިކަން އުފެއްދުމަށް މަސައްކަތް ކުރަމުންދާކަން ވަޒީރު ފާހަގަކުރެއްވިއެވެ.
2007 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ ފުރަތަމަ ދުވަހުން ފެށިގެން އުފަންވެފައިވާ އަދި އުފަންވާ ކުދިންނަށް މި މަހުގެ އެއްވަނަ ދުވަހުން ފެށިގެން ދުންފަތް މަނާވެފައިވާއިރު، މިގޮތަށް މަނާކޮށްފައިވަނީ، ސަރުކާރުގެ ފަރާތުން ދުންފަތް ކޮންޓްރޯލް ކުރުމާބެހޭ ޤާނޫނަށް މިއަހަރުގެ އޭޕްރީލް މަހުގެ 29 ވަނަ ދުވަހު ހުށައަޅުއްވާފައިވާ އިސްލާޙުގައެވެ. މިހާރު ދުންފަތް ކޮންޓްރޯލްކުރުމާ ބެހޭ ޤާނޫނުގައިވާ ގޮތުން 1 ޖެނުއަރީ 2007އިން ފެށިގެން އުފަންވެފައިވާ އަދި އުފަންވާ އެއްވެސް މީހަކު ދުންފަތުގެ އިސްތިޢުމާލުކޮށްގެން ނުވާނެއެވެ. އަދި އެ ޢުމުރުގެ އެއްވެސް މީހަކަށާއި، ޢުމުރުން 21 އަހަރު ނުފުރޭ އެއްވެސް މީހަކަށް ދުންފަތުގެ ބާވަތެއް ވިއްކުމަކީވެސް މަނާ ކަމެކެވެ.
ޖެނެރޭޝަނަލް ބޭން އަކީ ވަކި އަހަރަކުން ނުވަތަ ތާރީޚަކުން ފެށިގެން އުފަންވެފައިވާ ކޮންމެ މީހަކީ މުޅި އުމުރަށްވެސް ދުންފަތުން ރައްކާތެރި ކުރެވިފައިވާ ފަރާތެއްކަން ކަށަވަރު ކުރުމަށް، އެފަދަ ފަރާތްތައް ދުންފަތުގެ އެއްވެސް މުޢާމަލާތެއްގައި ބައިވެރި ނުވެވޭނެހެން ޤާނޫނީގޮތުން ކަނޑައެޅުމެވެ. މިއީ "ޓޮބޭކޯ އެންޑްގޭމް" ނުވަތަ ދުންފަތުގެ ވަބާއަށް ނިމުމެއް ގެނައުމަށް ދުނިޔޭގެ އެކި ޤައުމުތަކުގައި ތަންފީޒުކުރާ ދުރު ރާސްތާގެ އެންމެ މަޤްބޫލު އެއް ސިޔާސަތެވެ.
މި ސިޔާސަތު ކާމިޔާބުކަމާއެކު ތަންފީޒު ކުރުމުން، ދުންފަތުގެ އިސްތިޢުމާލުކުރަން އަލަށް ފަށާފަރާތްތައް އަހަރަކުން އަހަރަށް މަދުވަމުންދިއުމާއެކު މުޅި އާބާދީގައި ދުންފަތުގެ އިސްތިޢުމާލު ކުރާ މީހުން މަދުވެ، ޖީލަކަށްފަހު ޖީލެއް ދުންފަތުން ރައްކާތެރިވެ، ދުންފަތުން ރައްކާތެރި ދިވެހިރާއްޖޭގެ ތަޞައްވަރު ޙަޤީޤަތަކަށް ވެގެންދާނެއެވެ. ސަރުކާރުން ދުޅަހެޔޮ އާބާދީއެއް ބިނާކުރުމަށް ޚާއްޞަ ސަމާލުކަމެއް ދެމުން އަންނަ މި ދަނޑިވަޅަކީ، ޖެނެރޭޝަނަލް ބޭން ސިޔާސަތު ކާމިޔާބުކަމާއެކު ތަންފީޒުކޮށް އޭގެ ހެޔޮ ނަތީޖާ ހޯދުމަށް އެންމެ އެކަށީގެންވާ އަދި ފަހި ފުރުޞަތު އޮތް ދުވަސްވަރެވެ.


