ގަވާއިދާ ޚިލާފަށް ހިންގާ 125 ވިޔަފާރިއެއްގެ ރިޕޯޓު ލިބިފައިވޭ، 11 ވިޔަފާރިއެއް ބަންދު
5 ޑިސެމްބަރު 2025 - 10:06

ބިދޭސީން ޤަވާއިދާ ޚިލާފަށް ހިންގާ ވިޔަފާރިތައް ރިޕޯޓުކުރަން ހުޅުވާލާފައިވާއިރު މިހާތަނަށް ގަވާއިދާ ޚިލާފަށް ހިންގާ 125 ވިޔަފާރިއެއްގެ ރިޕޯޓު ލިބިފައިވާކަމަށް އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާއި ބެހޭ ވުޒާރާއިން ބުނެފިއެވެ.
ވުޒާރާއިން ބުނީ ދިވެހިރާއްޖޭގައި ބިދޭސީން ޤަވާއިދާ ޚިލާފަށް ވިޔަފާރިކުރާ ކަމުގެ ޝަކުވާ ހުށަހެޅުމަށް ވުޒާރާއިން ނޮވެންބަރު 27ގައި ކުރެވުނު އިއުލާން އާއި ގުޅިގެން، ޤަވާއިދާ ޚިލާފަށް ބިދޭސީން ހިންގާ ވިޔަފާރިތައް ހުއްޓުވުމަށްޓަކައި، ވުޒާރާ ހިމެނޭހެން ޤައުމީ ފެންވަރުގައި އެކުލަވާލާފައިވާ ނޭޝަނަލް ޓާސްކްފޯސްއިން ދަނީ ވިޔަފާރިތައް އިންސްޕެކްޓް ކުރުމުގެ މަސައްކަތް ކުރަމުންކަމަށެވެ.
އިންސްޕެކްޝަންތަކުގެ މައިގަނޑު މަޤްޞަދަކީ، ދިވެހިން ނިވާފަތްގަނޑަކަށް ހަދައިގެން ބިދޭސީން ހިންގާ ވިޔަފާރިތައް ހުއްޓުވުމާއި، އަދި ފޮރިން އިންވެސްޓްމަންޓް ޤާނޫނުގެ ދަށުން ބިދޭސީންނަށް ހުއްދަ ނުދޭ ދާއިރާތަކުގައި ހަރަކާތްތެރިވާ ބިދޭސީ ވިޔަފާރިތައް ހުއްޓުވުމާއި އަދި ގާނޫނާއި ގަވާއިދާ ޚިލާފުވާ ފަރާތްތަކަށް ފިޔަވަޅު އެޅުންކަމަށް ވުޒާރާއިން ބުނެއެވެ.
ގަވާއިދާ ޚިލާފަށް ވިޔަފާރި ކުރާ ބިދޭސީންނާ ގުޅޭ މަޢުލޫމާތު ރިޕޯޓްކުރުމަށް 27 ނޮވެމްބަރ 2025 ގައި ވުޒާރާއިން ކުރި އިޢުލާނާ ގުޅިގެން މިހާތަނަށް 125 ރިޕޯޓެއްވަނީ ލިބިފައިވާއިރު މީގެތެރޭގައި 20 ކެފޭ، 12 ރީޓެއިލް އައުޓްލެޓް، 2 ގަރާޖް އަދި 1 ގެސްޓްހައުސް ހިމެނޭހެން ޖުމްލަ 35 ތަނެއް އިންސްޕެކްޓްކުރެވި، 11 ވިޔަފާރިއެއް ވަނީ ބަންދުކުރެވިފައިކަމަށް ވުޒާރާއިން ވަނީ ބުނެފައެވެ. ވިޔަފާރި ބަންދުކުރުމަށް ނޯޓިސްތައް ދީފައިވާ ސަބަބުތަކުގެ ތެރޭގައި، ވިޔަފާރީގެ ކުރުމުގެ ހުއްދަ ނެތުމާއި އަދި ދުންފަތުގެ ބާވަތް ވިއްކުމުގެ ހުއްދަ ނެތުން ހިމެނޭކަމަށާއި މީގެ އިތުރުން، ދިވެހިން ނިވާފަތްގަނޑަކަށް ބޭނުންކޮށްގެން ބިދޭސީން ހިންގަމުންދާ ވިޔަފާރިތައް ދެނެގަތުމަށް ތަހުގީގީ އިދާރާތަކާއެކު ދަނީ މަސައްކަތް ކުރަމުންކަމަށް ވުޒާރާގެ ބަޔާނުގައިވަނީ ފާހަގަކޮށްފައެވެ.
ބިދޭސީން ގަވާއިދާ ޚިލާފަށް ވިޔަފާރި ހިންގާކަމުގެ އެއްވެސް މަޢުލޫމާތެއް ލިބިއްޖެނަމަ، ރަސްމީ ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 8:00 އިން ރޭގަނޑު 8:00 އާ ދެމެދު 3333199 އަށް ގުޅުއްވައިގެން ނުވަތަ ވުޒާރާގެ ވެބްސައިޓް trade.gov.mv މެދުވެރިކޮށް ކޮންމެ ވަގުތެއްގައިވެސް ރިޕޯޓުކުރެވޭނެގޮތްވަނީ ހަމަޖެހިފައެވެ.

Ad by Hajj Corporation
" މިފަދަ ފިޔަވަޅުތަކުގެ ސަބަބުން، ގަވާއިދުތަކަށް ޢަމަލުކުރާކަން ކަށަވަރުކޮށް، ޤާނޫނާ ޚިލާފު ހަރަކާތްތައް ހުއްޓުވައި، ރާއްޖޭގައި ވިޔަފާރިތައް ހިންގުމަށްޓަކައި އިންސާފުވެރި އަދި ވާދަވެރި ވިޔަފާރީގެ މާހައުލެއް ޤާއިމްކުރުމަށް ސަރުކާރުން މަސައްކަތްކުރަމުން ގެންދާނެކަމުގެ ޔަގީންކަން އަރުވަމެވެ."އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާއި ބެހޭ ވުޒާރާ
މިފަދަ ވިޔަފާރިތައް ރިޕޯޓުކުރުމަށް ހަމަޖެހިފައިވާ އުސޫލުތަކުގެ ތެރެއިން ތަފްސީލް އަދި ޞައްޙަ މަޢުލޫމާތު ޢާންމުން ފޯރުކޮށްދިނުށް ވުޒާރާއިން ވަނީ އިލްތިމާސްކޮށްފައެވެ.


