ފީފާ ފުޓްސަލް އަންހެނުންގެ ފުރަތަމަ ވޯލްޑް ކަޕްގެ ތާރީޚީ ތަށި ބްރެޒިލް އުފުލާލައިފި
7 ޑިސެމްބަރު 2025 - 16:56

ފީފާ ފުޓްސަލް އަންހެނުންގެ ފުރަތަމަ ވޯލްޑް ކަޕްގެ ޗެމްޕިއަންކަން، ބްރެޒީލްގެ ގައުމީ އަންހެނުންގެ ފުޓްސަލް ޓީމުން ހޯދައިފިއެވެ. އާދިއްތަ ދުވަހުގެ ރޭ ފިލިޕީންސްގެ ޕާސިގް ސިޓީގައި ކުޅުނު ތާރީޚީ ފައިނަލް މެޗުގައި، ޕޯޗުގަލްގެ އަންހެނުންގެ ގައުމީ ފުޓްސަލް ޓީމު ބްރެޒީލް އަތުން ބަލިވީ 3–0 ގެ ނަތީޖާއަކުންނެވެ. މި ކާމިޔާބީއާއެކު، ބްރެޒީލް ވަނީ ފުޓްސަލްގެ ތާރީޚުގައި އަންހެނުންގެ ފުރަތަމަ ވޯލްޑް ޗެމްޕިއަންގެ ލަޤަބު ހޯދާފައެވެ.
ފައިނަލް މެޗު ފެށުނުތަނާހެން ބްރެޒީލްއިން ލީޑު ނަގަން ފެށިއެވެ. މެޗުގެ 9 ވަނަ މިނިޓްގައި އެމިލީ ވަނީ ފުރަތަމަ ލަނޑު ޖަހައި ބްރެޒީލްއަށް ލީޑު ނަގައިދީފައެވެ. ދެވަނަ ހާފުގެ ކުރީކޮޅު އަމަންދިންހާ ވަނީ ދެވަނަ ލަނޑު ޖަހައި ލީޑު ފުޅާކޮށްފައެވެ. އަދި މެޗުގެ 38 ވަނަ މިނިޓް ކައިރީގައި ޑެބޯރާ ވަނިން ވަނީ ތިންވަނަ ލަނޑު ޖަހައި މެޗުގެ ނަތީޖާ ކަށަވަރުކޮށްދީފައެވެ. ޕޯޗުގަލްއަށް މި މެޗުގައި ލަނޑެއް ޖެހޭގޮތެއް ނުވިއެވެ.

Ad by Hajj Corporation
މިމުބާރާތުގައި ބްރެޒިލްގެ އަންހެންޓީމުން ވަނީ މޮޅުކުލުމެއް ދައްކާފައެވެ. މުޅި މުބާރާތުގައި ވެސް ބްރެޒީލްގެ ގޯލަށް ވަދެފައިވަނީ އެންމެ ހަތަރު ލަނޑެވެ. އަދި މި މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާއަށް ދޭ ގޯލްޑަން ބޯލްގެ އިނާމާއި، އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާއަށް ދޭ ގޯލްޑަން ބޫޓްގެ އިނާމު ހޯދީ ވެސް ބްރެޒީލްގެ އެމިލީއެވެ. އޭނާ ވަނީ މުބާރާތުގައި ޖުމްލަ ހަތް ލަނޑު ޖަހައި، ދެ އެސިސްޓް ހަދާފައެވެ.
ފައިނަލަށް ދިއުމުގެ ކުރިން ސެމީ ފައިނަލުގައި ބްރެޒީލް ވަނީ ސްޕެއިންގެ ގައުމީ އަންހެނުންގެ ފުޓްސަލް ޓީމު 4–1 ގެ ނަތީޖާއަކުން ބަލިކޮށްފައެވެ. އެ މެޗުގައި ފުރަތަމަ 70 ސިކުންޑުގެ ތެރޭގައި ދެ ލަނޑު ޖަހައި ބްރެޒީލްއިން ވަނީ އެ ޓީމުގެ ޤާބިލުކަން ހާމަކޮށްފައެވެ. މި ކާމިޔާބީއާއެކު، ބްރެޒީލް ވަނީ އަންހެނުންގެ ފުޓްސަލްގެ ދުނިޔޭގެ ފުރަތަމަ ޗެމްޕިއަނުންގެ ގޮތުގައި ކުޅިވަރުގެ ތާރީޚުގައި ލިޔެވިގެން ގޮސްފައެވެ.


