ދަރިވަރު ދޮންފޫތުކޮށްފައި، ޓީޗަރު ޑީޕޯޓްކޮށްލުމުން މައްސަލަ ހައްލުވާނެ!؟
10 ޑިސެމްބަރު 2025 - 17:10

އެއީ 1999 ވަނަ އަަހަރެވެ. އަހަރެންގެ ބައްޕަ މަަަސައްކަތްކުރައްވަމުންދިޔައީ ރ. އަތޮޅު މަދަރުސާގައި ޓީޗަރެއްގެ ގޮތުގައެވެ. އަހަރެންގެ މަންމަ ސިފަކުރާ ގޮތުގައި، އޭރަކީ މިހާރަށްވުރެ ބޮޑަށް ދަރިވަރުން މުދައްރިސުންނަށް އިޚްތިރާމާއި ޤަދަރުކުރާ ދުވަސްވަރެކެވެ. މަންމަ ބުނި ގޮތުގައި، އޭރު ރ. ކަނދޮޅުދޫގައި އެދެމަފިރިން ދިރިއުޅެމުންދިޔައިރު، މަންމަަ މަގުމަތީގައި ހިނގާފައި ދާއިރު ސްކޫލް ކުދިންނަށް ފެނުމުން އިސްދަަށަށް ޖަހާލައެވެ. އަދަބު އިޚްތިރާމްގެ ފިޔަ ތިރިކޮށްލައެވެ. ސަބަބަކަށްވަނީ އެކުދިންގެ މުދައްރިސްގެ އަނބިކަނބަލުންނަށް ވާތީއެވެ. ހަމަ ހަގީގަތުގައިވެސް އެޒަމާނަކީ މިހާރާ އަޅާބަލާއިރު ބޮޑަށް ދިވެހި ދަރީން އެމީހުންގެ މުދައްރިސުންނަށް ލޯތްބާއި އިޚްތިރާމާއި ޤަަދަރުކުރި ޒަމާނެކެވެ. އެޒަމާނުގައިވެސް މުދައްރިސުންނަށް އިޚްތިރާމްކުޑަކުރާ ދަރިވަރުން އުޅުނެއެވެ. އެކަމަކު އެއީ ނިސްބަތުން މަދެވެ.
މަންމަ ކިޔައިދިން އެވާހަކަ ކުށްލިއަކަށް ހަނދާނަށް އައީ މިހާރު ހިނގައިގެން މިއުޅޭ ކަމަކާ ގުޅިގެންނެވެ. ދަރިވަރަކާއި ޓީޗަރަކާ ދެމެދު ތަޅާފޮޅުމެއް ހިނގާ މަންޒަރު ފެންނަ ވީޑިއޯއެއް ސޯޝަލްމީޑިއާގައި ދަނީ ދައުރުވަމުންނެވެ. މިއަދުގެ މިމުޖުތަމައުގައި ތައުލީމީ ނިޒާމުގެ ތެރެއިން ދަރިވަރުންނަށް ދެވެމުންދާ ތަރުބިއްޔަތާ މެދު ސުވާލު އުފެދޭވަރުގެ ހާދިސާއެކެވެ. ގޭތެރެއިން ލިބެމުންދާ ތަރުބިއްޔަތާއި މުޖުތަމައުގެ ތެރެއިން ދަރިވަރުންގެ އުޅުމާއިބުޅުން ހޭނެމުންދާ ގޮތާ މެދު ފިކުރު ހިންގާލަން މަޖުބޫރުކުރުވި ހާދިސާއެކެވެ. މިހާރަކަށް އައިސް ޓީޗަރުންނާ ދިމާއަށް ހިތުހުރި އެއްޗެއް ގޮވާ ދަރިވަރުންނާއި ބެލެނިވެރިންވެސް އަންނަނީ އިތުރުވަމުންނެވެ. މުދައްރިސުންގެ ބަސްނާހާ ކުދިން ގިނަވެ އޭގެ އަސަރު ރަނގަޅަށް ތިބޭ ކުދިންނަށްވެސް ކުރަނީއެވެ.

Ad by Hajj Corporation
އައްޑޫ ހިތަދޫގައި ހުންނަ އައްޑޫ ހައި ސްކޫލް ---
އާންމުވެގެން އުޅޭ ވީޑިއޯއަށް ނަޒަރެއް!
އާންމު ވީޑިއޯއިން ފެންނަނީ ބަލަން އުނދަގޫ މަންޒަރުތަކެކެވެ. ފެންނަނީ އައްޑޫ ސިޓީގައި ހުންނަ އައްޑޫ ހައި ސްކޫލްގައި ދަރިވަރުންތަކެއް ޓީޗަރަކާމެދު ޢަމަލުކުރަމުން އަންނަ ގޮތާއި ހަމަ އެހެންމެ ޓީޗަރު ދަރިވަރަކާމެދު އެއަށްފަހު ޢަމަލުކުރަމުން އަންނަ ގޮތެވެ. ވީޑިއޯއިން ފެންނަ ގޮތުގައި، އެއް ކުއްޖަކު ލެޕްޓޮޕުން ގޭމު ކުޅެނީއެވެ. އަނެއް ކުއްޖަކު ހުއްޓުމެއްނެތި ޓީޗަރަށް އުނދަގޫކޮށް ގަޔަށް އަތްފޯރުވަނީއެވެ. ޓީޗަރުގެ ޖީބަށް އަތް ކޮއްޕާ އަދި ހަމަ އެހެންމެ އިސްވެ ޓީޗަރުގެ ގައިގާ ޖަހައެވެ. އެކަމުގެ ސަބަބުން، ޓީޗަރުގެ ރުޅި ކޮންޓްރޯލުން ނެއްޓި ދަރިވަރަށް އަނިޔާކުރާ މަންޒަރާއި އެ ދަރިވަރާއި ޓީޗަރާ ދެމެދު ކުރިމަތިލުންތަކެއް ހިނގާ މަންޒަރެވެ. އެކަކު އަނެކެއްގެ ގަޔަށް އަތްލާ މަންޒަރެވެ. ތަޅާފޮޅާ މަންޒަރެވެ.
މިއީ މަދަރުސާއެއްގެ މާހައުލުގައި ހިނގައިގެންވާނެ ފަދަ ހާދިސާއެއް ނޫނެވެ. މިކަމުގައި ޚިޔާލުފާޅުކުރި ބައެއް މީހުން ބުނި ގޮތުގައި، ޓީޗަރަށް ދަރިވަރުގެ ގައިގައި އަތްލެވިގެން ނުވާނެއެވެ. ކަމުގެ ބާވަތުން ޓީޗަރު ވަޒީފާއިން ވަކިކޮށް ޑީޕޯޓުކޮށްލަންޖެހޭ ކަމަށް އެ މީހުން ބުންޏެވެ. އެ މީހުންނަށް ފެނުނީ ޓީޗަރުގެ ކުށެވެ. ދަރިވަރަކަށް ގޯނާވާ ގޮތަށް އަމަލުތައް ބެހެއްޓުމުންނެވެ.
މިއާ ޚިލާފަށް އެއް ބަޔަކު އަންނަނީ ޓީޗަރުގެ ދިފާޢުގައިވެސް ޚިޔާލު ފާލުކުރަމުންނެވެ. ޓީޗަރު "ރުޅިއެރުވީ" ދަރިވަރުން ކަމަށް އެ މީހުން ބުނެއެވެ. އަދި ޓީޗަރުގެ ބަސް އެހުމެއް ނެތި ކުލާހުގައި ސަކަރާތްޖަހައި، ޓީޗަރަށް ގަނާކޮށް، ތަޅައި ހާނީއްކަކުރުމަކީ ދަރިވަރުންގެ ފަރާތުން ފެނުނު އަދަބުކުޑަ ބަލައިނުގަނެވޭނޭ ފަދަ ކަންކަން ކަމަށް އެ މީހުން ބުނެއެވެ. ހައި ސްކޫލެއްގައި އުޅޭނީ ބޮޑެތި ކުދިންކަން ފާހަގަކޮށް ޓީޗަރެއްގެ ގައިގައި އައްޑޫ ހައި ސްކޫލްގެ ދަރިވަރަކު ޖެހި މައްސަލަ ސީރިއަސްކޮށް ބަލައި ދަރިވަރަށް ފިޔަވަޅު އަޅަންޖެހޭ ކަމަށް އެ މީހުން ޚިޔާލުފާޅުކުރިއެވެ.
ދެފެން ދޭތެރޭގައި ޚިޔާލު ހުރި، ވަކިކޮޅަކަށް ނާރާ ބަޔަކުވެސް އެބަ ތިއްބެވެ. އެ މީހުންނަށް ޓީޗަރުވެސް ދަރިވަރުވެސް ގޯހެވެ. އެހެންކަމުން އުފެދޭ ސުވާލަކީ މިމައްސަލާގައި ޤާނޫނީ ގޮތުން ކުޑަކުއްޖަކަށް ވީތީ ދަރިވަރަށް އަޚްލާޤީ ފިޔަވަޅެއް ނާޅައި، ހަމައެކަނި ޓީޗަރަށް އަދަބުދީ ޑީޕޯޓުކޮށްލައިގެން ނިންމާލެވޭނެތޯއެވެ؟ އިންސާފުގެ ދުރުމިއަކުން މީގެ ދެކޮޅަށްވެސް ބަލައި އަދަބު ތަންފީޒުކުރެވެން ވާނެ ނޫންތޯއެވެ؟ އެހެން ނޫނީ މިފަދަ ހާދިސާތައް ތަކުރާރުވެދާނެ ނޫންތޯއެވެ؟
ނޯޓު: ސޯޝަލްމީޑިއާގައި ދައުރުވަމުންދާ ވީޑިއޯ މި ލިޔުމާއެކު އެއްކަރުދާސްކޮށްފައިނުވަނީ، އެވީޑިއޯއިން އާންމު އިޖުތިމާޢީ މިންގަނޑާ ޚިލާފު މަންޒަރުތަކެއް ދައްކުވައިދޭތީއެވެ!


