ބީއެމްއެލްގެ އިންޓަރންޝިޕް ޕްރޮގްރާމަށް މި އަހަރު ހޮވުނު ދަރިވަރުންނަށް މަރުހަބާ ކިޔައިފި
14 ޑިސެމްބަރު 2025 - 11:05

ބޭންކް އޮފް މޯލްޑިވްސްއިން ކޮންމެ އަހަރަކު ހުޅުވާ އިންޓަރންޝިޕް ޕްރޮގްރާމަށް މި އަހަރު ހޮވުނު ދަރިވަރުންނަށް ޚާއްސަ ރަސްމިއްޔާތެއްގައި މަރުހަބާ ކިޔައިފިއެވެ.
ބޭންކުން ބުނީ ގްރެޖުއޭޓް އިންޓަރންސް އަދި ޓެކްސްޓާޓް އިންޓަރންސް ހިމެނޭހެން 25 އިންޓަރންސްއަށް ބޭންކުން މަރުހަބާ ކިޔާފައި ވާކަމަށެވެ. ޓެކްސްޓާޓް އިންޓަރންޝިޕަކީ އައިޓީ ދާއިރާއިން ކިޔަވާ ދަރިވަރުންނަށް ހާއްސަ ފުރުސަތުތަކެއް ފަހިކޮށްދިނުމަށް މިއަހަރު އަލަށް ބޭންކުން ތައާރަފުކޮށްފައިވާ ކެޓަގަރީއެކެވެ. މި 12 މަހުގެ ޕްރޮގްރާމްގައި ބައިވެރިންގެ ތަޖުރިބާ އާއި ހުނަރު އިތުރުކުރުމަށް ބޭންކުގެ އެކިއެކި ބިޒްނަސް ޔުނިޓްތަކާއި ޑިޕާޓްމަންޓްތަކާއި ބްރާންޗްތަކުގައި މަސައްކަތް ކުރުމުގެ ފުރުސަތު ލިބިގެންދާނެކަމަށް ބޭންކުން މައުލޫމާތުދެއެވެ.

Ad by Hajj Corporation
މީގެ އިތުރުން މި ރަސްމިއްޔާތުގައި މިދިޔަ އަހަރުގެ އިންޓަރންޝިޕް ޕްރޮގްރާމް ނިންމާލި ބައިވެރިންގެ ގްރެޖުއޭޝަންވެސް ބާއްވާފައިވެއެވެ. މީގެ ތެރެއިން ބައެއް ބައިވެރިންނަށް ވަނީ ބޭންކުގައި ދާއިމީ ވަޒީފާގެ ފުރުސަތުވެސް ލިބިފައި ވެއެވެ. 2018 ވަނަ އަހަރު ފެށި ބީއެމްއެލް އިންޓަރންޝިޕް ޕްރޮގްރާމުން މިހާތަނަށް 77 ދަރިވަރުންނަށް ތަޖުރިބާގެ ފުރުސަތު ފަހިކޮށްދީފައިވާކަން ބޭންކުން ހާމަކުރެއެވެ.


