logo
Bank of Maldives

Bank of Maldives

ކުޅިވަރު

އިކުއެޑޯގައި މިހާރު ހިނގަމުންދާ ހަމަނުޖެހުންތަކުގައި ފުޓުބޯޅަ ތަރިއެއް މަރާލައިފި

އާމިނަތު ޝަފާ
18 ޑިސެމްބަރު 2025 - 15:36
އިކުއެޑޯގައި މިހާރު ހިނގަމުންދާ ހަމަނުޖެހުންތަކުގައި ފުޓުބޯޅަ ތަރިއެއް މަރާލައިފި

އިކުއެޑޯގައި މިހާރު ހިނގަމުންދާ ހަމަނުޖެހުންތަކުގައި އެ ގައުމުގެ ކުރީގެ ފުޓުބޯޅަ ތަރިއެއްކަމަށްވާ މާރިއޯ ޕިނޭޑާއަށް ހަމަލާދީ މަރާލައިފިއެވެ.

އުމުރުން 33 އަހަރުގެ މާރިއޯ އަކީ ބާސެލޯނާ ޑި ގުއަޔަކީލް ޓީމުގެ ޑިފެންޑަރެއްގެ އިތުރުން އިކުއެޑޯގެ ގައުމީ ޓީމަށް ކުޅެފައިވާ ކުޅުންތެރިއެކެވެ. މި ހާދިސާ ހިނގާފައިވަނީ މިދިޔަ ބުދަ ދުވަހުކަމަށް ރިޕޯޓުތައް ބުނެއެވެ.

Ad by Hajj Corporation

Ad by Hajj Corporation

އިކުއެޑޯ މިހާރު ވަނީ ކޮކެއިން އެންމެ ގިނައިން އުފައްދާ ކޮލޮމްބިއާ އާއި ޕެރޫގެ މެދުގައި ދުނިޔޭގެ އެކި ކަންކޮޅުތަކަށް މަސްތުވާތަކެތި ފޯރުކޮށްދޭ މައިގަނޑު މަރުކަޒަކަށްވެފައެވެ. ވުމާއެކު މި ސަރަހައްދުގައި ގޭންގުތަކުގެ ހަމަނުޖެހުންތައް ވަރަށް ގިނައެވެ.

ހާދިސާއާ ގުޅިގެން އިކުއެޑޯގެ ފުލުހުން ބުނެފައިވާ ގޮތުގައި، މި ހާދިސާގައި ޕިނޭޑާގެ އިތުރުންވެސް އެކަކު މަރުވެ އަދި ތިންވަނަ މީހަކަށް އެކިވަރުގެ އަނިޔާތައް ލިބިފައިވެއެވެ. މިކަމާ ގުޅިގެން ބާސެލޯނާއިން ނެރުނު ބަޔާނެއްގައި ޕިނޭޑާގެ ވަކިވެދިޔުމާމެދު ހިތާމަފާޅުކޮށްފައިވެއެވެ.

ޕިނޭޑާ ވަނީ އިކުއެޑޯގެ ގައުމީ ޓީމަށް ޖުމްލަ 8 މެޗު ކުޅެފައެވެ. މީގެ ތެރޭގައި 2018 އަދި 2022 ވަނަ އަހަރުގެ ވޯލްޑް ކަޕް ކޮލިފައިން މެޗުތައް ހިމެނެއެވެ. ނަމަވެސް 2026 ވަނަ އަހަރުގެ ވޯލްޑް ކަޕަށް ކޮލިފައިވުމަށް ކުޅުނު މެޗުތަކުގައި އޭނާ ބައިވެރިއެއް ނުވެއެވެ. ގައުމީ ޓީމަށް އޭނާ ކުޅުނު އެންމެ ފަހުގެ މެޗަކީ 2021 ވަނަ އަހަރުގެ ކޮޕާ އެމެރިކާގައި ބްރެޒިލާ ދެކޮޅަށް ކުޅުނު ގްރޫޕް ސްޓޭޖް މެޗެކެވެ. އޭނާ ވަނީ 2017 ވަނަ އަހަރުގެ ކޮޕާ އެމެރިކާގައި ވެސް ބައިވެރިވެފައެވެ.

ޕިނޭޑާގެ ފުޓުބޯޅައިގެ ޕްރޮފެޝަނަލް ކެރިއަރު ފެށިފައިވަނީ 2010 އިން 2015 އަށް ކުޅުނު އިންޑިޕެންޑިއެންޓޭ ޑެލް ވާލޭއިންނެވެ. އޭގެ ފަހުން 2016 ވަނަ އަހަރު ގުއަޔަކީލްގެ ބާސެލޯނާ ކްލަބަށް ބަދަލުވެ، އެޓީމާއެކު ދެ ލީގު ތަށި ހޯދިއެވެ. 2022 ވަނަ އަހަރު ބްރެޒިލްގެ ފްލޫމިނެންސޭއަށް ކުރު މުއްދަތަކަށް ކުޅުނު ފަހުން، އޭނާ އަނބުރާ ބާސެލޯނާ ޑި ގުއަޔަކީލްއަށް ބަދަލުވިއެވެ.

މީގެ ކުރިންވެސް އިކުއެޑޯގައި ފުޓުބޯޅަ ކުޅުންތެރިންނަށް އަމާޒުކޮށް ހަމަލާތައް ދީފައިވާކަމަށް ރިޕޯޓުތައް ބުނެއެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އިކުއެޑޯގައި މިހާރު ހިނގަމުންދާ ހަމަނުޖެހުންތަކުގައި ފުޓުބޯޅަ ތަރިއެއް މަރާލައިފި ކުޅިވަރު | 10 ގަޑިއިރު ކުރިން