ފަނޑިޔާރު ޝުޖޫނަށް ފުރައްސާރަކުރުން އެޗްއާރްސީއެމުން ކުށްވެރިކޮށްފި
25 ޑިސެމްބަރު 2025 - 11:23

ރައީސުލްޖުމްހޫރިއްޔާ މާލޭގެ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބޭއްވެވި ސިލްސިލާ ބައްދަލުވުންތަކުގެ ތެރެއިން ހެންވޭރުގެ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް، ކަލާފާނު ސްކޫލުގައި ބޭއްވެވި ބައްދަލުވުމުގައި، އާންމު މީހަކު ފާޅުކުރި ޚިޔާލެއްގައި، އަންހެނުންގެ ކަރާމާތާއި، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރެއްގެ ޤަދަރާއި ޝަރަފަށް އުނިކަން އަންނަ މޭރުމަކުން ދައްކާފައިވާކަމަށްބުނެ އެކަން ހިއުމަން ރައިޓްސް ކޮމިޝަން އޮފް މޯލްޑިވްސް- އެޗްއާރްސީއެމްއިން ކުށްވެރިކޮށްފިއެވެ.
މި ބައްދަލުވުމުގައި ފަނޑިޔާރު ޝުޖޫން، ސުޕްރީމް ކޯޓުގެ ބެންޗުގައި އިންނަވަނީ ބުރުގާ ނާޅުއްވާ ކަމަށް ވިދާޅުވެ، ފާޑު ވިދާޅުވީ، ދީނީ އިލްމުވެރިޔާ ޑރ. އިޔާޒް އަބްދުއްލަތީފްގެ ބައްޕާފުޅު އަބްދުއްލަތީފެވެ.

Ad by Hajj Corporation
މިކަމާ ގުޅިގެން އެޗްއާރްސީއެމްއިން ނެރުނު ބަޔާނުގައި ބުނީ ކޮންމެ އިންސާނެއްގެވެސް ނަމާއި އަބުރު ރައްކާތެރިކުރުމަކީ އިސްލާމީ ޝަރީޢަތުން ކަށަވަރުކޮށްދޭ ޙައްޤެއްކަމަށެވެ. އަދި ހަމައެއާއެކު ޤާނޫނުއަސާސީގެ އިތުރުން އިންސާނީ ޙައްޤުތަކުގެ ބައިނަލްއަޤްވާމީ މުޢާހަދާތަކުންވެސް ކަށަވަރުކޮށްދޭ ޙައްޤެއްކަމަށާއި ޚިޔާލުފާޅުކުރުމުގެ މިނިވަންކަމަކީ އަނެކާގެ އަބުރަށް އަރައިގަތުމަށް އޮތް ހުއްދައެއް ނޫނެކަމަށެވެ. މިގޮތުން، އިޙްތިރާމާއެކު ޚިޔާލު ފާޅުކުރުމަށާއި، އަނެކާގެ އަބުރު ރައްކާތެރިވާނެ ގޮތެއްގެމަތިން ވާހަކަދެއްކުމަށް ކޮމިޝަނުންވަނީ ގޮވާލާފައެވެ. ހަމައެއާއެކު ދިވެހިރާއްޖޭގެ ޝަރުޢީ ނިޒާމުގެ ބޭފުޅަކަށް ފުރައްސާރަކުރުމަކީ މުޅި ނިޒާމުގެ ހައިބަތާއި ކަރާމާތަށް އުނިކަން އަންނާނޭ ކަމެއްކަމަށްވެސް ކޮމިޝަނުން ފާހަގަކޮށްފައިވެއެވެ.
ވަކި ޖިންސަކަށްވީތީ ނުވަތަ އަންހެނަކަށްވީތީ ކުރާ ފުރައްސާރައާއި ތަފާތުކުރުންތަކުން އެއްކިބާވެތިބެ، ބިނާކުރަނިވި ގޮތެއްގައި ޚިޔާލުފާޅުކުރުމަށް ކޮމިޝަނުން ވަނީ ގޮވާލާފައެވެ.
"އަންހެނުންނާ މެދު ކުރެވޭ އެންމެހައި ނޭދެވޭ ތަފާތުކުރުންތައް ނައްތާލުމާބެހޭ ބައިނަލްއަޤްވާމީ މުޢާހަދާ (CEDAW) ގައި ބައިވެރިވެފައިވާ ޤައުމަކަށް ދިވެހިރާއްޖެ ވީހިނދު، މިފަދަ ޢަމަލުތަކަކީ އެ މުޢާހަދާ އާ ވެސް ޚިލާފު ކަމެކެވެ."
ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލްއުސްތާޛާ ޢާއިޝާ ޝުޖޫން މުޙައްމަދު ފަދަ ޢިލްމީ، ޤާބިލު އަންހެން ބޭފުޅުންނަށް އަމާޒުކޮށް ޖިންސީ ފުރައްސާރައިގެ ސިފަ އެކުލެވޭ ބަސްމަގު ބޭނުންކުރުމަކީ އަންހެނުންގެ ކުރިއެރުމަށާއި ޙައްޤުތައް ކަށަވަރުކޮށް ދެމެހެއްޓުމަށް އޮތް ހުރަހެއްކަމަށް ބުނެ އަދި މިފަދަ ފުރައްސާރައިގެ ސަބަބުން ޤައުމީ ޚިދުމަތަށް ނުކުންނަން ބޭނުންވާ އެހެން އަންހެނުން ފަސްޖެހި އެމީހުންގެ ހިތްތަކުގައި ބިރުވެރިކަން އުފެދޭނެކަމަށް އެޗްއާރްސީއެމްގެ ބަޔާނުގައިވެއެވެ.
އެހެންކަމުން، މިފަދަ އަދި މިނޫންވެސް އާންމު މަންސަތަކުގައި، އިންސާނީ ކަރާމާތާއި އަނެކުންގެ ޤަދަރާއި ޝަރަފަށް އުނިކަން އަންނަ މި ބާވަތުގެ ވާހަކަތައް ނުދެއްކުމަށް، ކޮމިޝަނުން ވަނީއިލްތިމާސް ކޮށްފައެވެ.


