ކެޔޮޅުންގެ އެވޯޑަށް އެދި ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލައިފި
ކެޔޮޅުންގެ އެވޯޑަށް އެދި ކުރިމަތިލުމުގެ ފުރުޞަތު ވަނީ ހުޅުވާލާފައި//ފޮޓޯ: މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާ
11 އޮކްޓޯބަރު 2024 - 04:40
ކެޔޮޅުންގެ އެވޯޑަށް އެދި ކުރިމަތިލުމުގެ ފުރުޞަތު މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާއިން ހުޅުވާލައިފިއެވެ.
އެ ވުޒާރާއިން ކުރި އިއުލާނެއްގައި ބުނީ 2024 ވަނަ އަހަރުގެ މަސްވެރިންގެ ދުވަސް ފާހަގަ ކުރުމަށް ބާއްވާ ޙަފްލާގައި ދެވޭ އެވޯޑުތަކަށް ނަން ހުށަހެޅުމުގެ ފުރުޞަތު މިހާރު ހުޅުވާލާފައިވާކަމަށެވެ.
އެގޮތުން ހޮވާލެވޭ އެވޯޑުތަކުގެ ތެރޭގައި:
1.މިހާރުވެސް މަސްވެރިކަމުގައި ޢަމަލީގޮތުން އުޅޭ، އަދި މަސްވެރިކަން ފިޔަވައި، އާމްދަނީ ހޯދުމަށް އެހެން މަސައްކަތެއް ނުކުރާ އެންމެ ޚިދުމަތްތެރި ޒުވާން ކެޔޮޅު (35 އަހަރުން ދަށް)؛
2. މިހާރުވެސް މަސްވެރިކަމުގައި ޢަމަލީގޮތުން އުޅޭ، އަދި މަސްވެރިކަން ފިޔަވައި، އާމްދަނީ ހޯދުމަށް އެހެން މަސައްކަތެއް ނުކުރާ އެންމެ ތަޖުރިބާކާރު ކެޔޮޅު (35 އަހަރުން މަތި)؛
3.އާމްދަނީ ހޯދުމަށްކުރާ މައިގަނޑު މަސައްކަތަކަށް ފަރުމަހުގެ މަސްވެރިކަން ކުރާ ޚިދުމަތްތެރި ފަރުމަސްވެރިޔާގެ އެވޯޑު.
މި އެވޯޑުތަކަށް ކުރިމަތިލާން ބޭނުންވާ މީހުން ކަމާގުޅޭ ފޯމް ފުރިހަމަ ކުރެއްވުމަށް ފަހު 7 ނޮވެމްބަރު 2024 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން ވުޒާރާއަށް ހުށަހެޅުމަށް މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާއިން ވަނީ އެދިފައެވެ.
އެވޯޑުތަކަށް އެދި ހުށަހެޅުމަށް ތައްޔާރުކޮށްފައިވާ ދެ ފޯމު މިނިސްޓްރީގެ ވެބްސައިޓް www.fisheries.gov.mv އިން ޑައުންލޯޑު ކުރެވެން ހުންނާނެއެވެ.
މި އެވޯޑުތަކަށް އެދި އަމިއްލަ ހައިސިއްޔަތުން ނުވަތަ އެހެން ފަރާތަކުންވެސް ނަން ހުށަހެޅުމުގެ ފުރުޞަތު ވަނީ ހުޅުވާލާފައެވެ. އެވޯޑަށް އެދި ހުށަހަޅާ ފޯމް މިނިސްޓްރީގެ އީމެއިލް އެޑްރެސް އަށް ފޮނުއްވުމަށް ވުޒާރާއިން ވަނީ އެދިފައެވެ.
ކެޔޮޅު އެވޯޑް އެޕްލިކޭޝަން ފޯމް:
https://fisheries.gov.mv/images/KEYFISH2024-1728477604350.pdf
ފަރުމަސްވެރިޔާ އެވޯޑް އެޕްލިކޭޝަން ފޯމް:
fhttps://fisheries.gov.mv/images/REEFFISH2024-1728477607502.pd