''އެ ތިން ރައީސުން'' ގައުމު ވައްޓާލި އިގްތިސާދީ އަނދަވަޅުން ސަލާމަތް ކުރުމަށް މި ރައީސް ހޯއްދަވައިދެއްވީ ބޮޑު ކާމިޔާބެއް''
5 ޖޫން 2026 - 10:06

ދިވެހިރާއްޖޭގެ މާލީ ހާލަތާއި އިޤްތިޞާދީ ކުރިމަގާ މެދު ބައިނަލްއަޤްވާމީ މާލީ އިދާރާތަކުން ދެކޭގޮތް ބަދަލުވެ، ރާއްޖޭގެ ކްރެޑިޓް ރޭޓިންގ މަތިވުމަކީ ޤައުމުގެ އިޤްތިޞާދު އާ މިޞްރާބަކަށް ދަތުރުކުރަން ފަށާފައިވާކަމުގެ ވަރުގަދަ ހެއްކެކެވެ. ދުނިޔޭގެ ކްރެޑިޓް ރޭޓިންގ ސިނާއަތުގެ 95 އިންސައްތަ ހިއްސާކުރާ ތިން ކުންފުނީގެ ތެރެއިން، ރާއްޖޭގެ ރޭޓިންގ ތައްޔާރުކުރާ މޫޑީސް އިންވެސްޓަރސް ސަރވިސް އާއި ފިޗް ރޭޓިންގްސްއިން ދަނީ ރާއްޖޭގެ ހާލަތު ވަރަށް ގާތުން ބަލަމުންނެވެ. މިގޮތުން ފިޗްއިން އެންމެފަހުން ނެރުނު ރިޕޯޓުގައި ރާއްޖޭގެ ރޭޓިންގ "ސީސީ" އިން "ސީސީސީ -" އަށް ވަނީ މަތިކޮށްފައެވެ. މިއީ ކުރީގެ ތިން ސަރުކާރުން އުފައްދާފައިވާ ބިޔަ ދަރަނީގެ ތެރެއިން ޤައުމު ސަލާމަތްކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅަށް ލިބުނު ބޮޑު ކާމިޔާބީއެކެވެ.
ތިން ރައީސުންގެ ސަރުކާރުތަކުގެ ދަރަނީގެ ޚުލާޞާ

Ad by Hajj Corporation
ދިވެހިރާއްޖޭގެ ފިނޭންސް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި، ވޭތުވެދިޔަ 15 އަހަރު ތެރޭގައި ދައުލަތުގެ ދަރަނި ވަނީ އިންތިހާއަށް މަތިވެފައެވެ.
މުޙައްމަދު ނަޝީދު (2008 – 2012)
ދައުރު ނިމުނުއިރު ޖުމްލަ ދަރަނި: ގާތްގަނޑަކަށް 25.5 ބިލިއަން ރުފިޔާ
ރައީސް ނަޝީދު ވެރިކަމާ ހަވާލުވެވަޑައިގެންނެވިއިރު، 2008 ވަނަ އަހަރުގެ ނިޔަލަށް ދައުލަތުގެ ދަރަނި ހުރީ ގާތްގަނޑަކަށް 9.7 ބިލިއަން ރުފިޔާގައެވެ. އެމަނިކުފާނުގެ ތިން އަހަރުގެ ދައުރުގައި، 2012 ވަނަ އަހަރުގެ ކުރީކޮޅު އެމަނިކުފާނުގެ ވެރިކަން ނިމުނުއިރު ދަރަނި ވަނީ ގާތްގަނޑަކަށް 15.8 ބިލިއަން ރުފިޔާއިން އިތުރުވެފައެވެ.
ޢަބްދުﷲ ޔާމީން (2013 – 2018)
ދައުރު ނިމުނުއިރު ޖުމްލަ ދަރަނި: ގާތްގަނޑަކަށް 59.5 ބިލިއަން ރުފިޔާ
ޑރ. ވަޙީދުގެ ދައުރު ނިމުނުއިރު ހުރި 32.4 ބިލިއަން ރުފިޔާގެ ދަރަނި، ރައީސް ޔާމީންގެ ދައުރު ނިމުނު އިރު 2018 ވަނަ އަހަރުގެ ނިޔަލަށް ވަނީ 59.5 ބިލިއަން ރުފިޔާއަށް އަރާފައެވެ.
އިބްރާހީމް މުޙައްމަދު ޞާލިޙް (2018 – 2023)
ދައުރު ނިމުނުއިރު ޖުމްލަ ދަރަނި: ގާތްގަނޑަކަށް 124.2 ބިލިއަން ރުފިޔާ (ޖީ.ޑީ.ޕީގެ ނިސްބަތުން ގާތްގަނޑަކަށް %115.9)
2023 ވަނަ އަހަރުގެ ނިޔަލަށް ރައީސް ޞާލިޙްގެ ދައުރު ނިމުނުއިރު، ދައުލަތުގެ ދަރަނި ވަނީ ކުރިއަށްވުރެ ދެގުނަ އިތުރުވެ، ގާތްގަނޑަކަށް 64 ބިލިއަން ރުފިޔާ އިތުރުވެފައެވެ. 2023 ވަނަ އަހަރުގެ ނިޔަލަށް ދަރަނީގެ ތަފްޞީލަކީ އެތެރޭގެ ދަރަނީގެ ގޮތުގައި 73.1 ބިލިއަން ރުފިޔާ އަދި ބޭރުގެ ދަރަނީގެ ގޮތުގައި 51.2 ބިލިއަން ރުފިޔާއެވެ.
އެހެންކަމުން މުޙައްމަދު ނަޝީދުގެ ވެރިކަމުގައި (2008 – 2012) އަށް ގާތްގަނޑަކަށް 25.5 ބިލިއަން ރުފިޔާ އަށް ދަރަނި އަރާފައިވާއިރު، ޢަބްދުﷲ ޔާމީންގެ ވެރިކަމުގައި (2013 – 2018) އަށް ގާތްގަނޑަކަށް 59.5 ބިލިއަން ރުފިޔާ ދައުލަތުގެ ދަރަނި ވަނީ މައްޗަށް ޖެހިފައެވެ. އަދި އިބްރާހީމް މުޙައްމަދު ޞާލިޙްގެ ވެރިކަމުގައި (2018 – 2023) ގާތްގަނޑަކަށް 124.2 ބިލިއަން ރުފިޔާއަށް ގައުމުގެ ދަރަނި އަރައިގެން ދިޔައެވެ.
މި ހިސާބުތަކަށް ބަލާއިރު، ރައީސް ނަޝީދުގެ ދައުރުގައި 15.8 ބިލިއަން ރުފިޔާ ދަރަނި އިތުރުވިއިރު، ރައީސް ޔާމީންގެ ދައުރުގައި ބިޔަ މަޝްރޫޢުތަކާއެކު ދަރަނި ވަނީ ދެގުނަވެފައެވެ. އަދި ރައީސް ޞާލިޙްގެ ދައުރު ނިމުނުއިރު ދަރަނި ވަނީ 124.2 ބިލިއަން ރުފިޔާއަށް އަރާފައެވެ. މިއީ ޖީ.ޑީ.ޕީގެ ނިސްބަތުން %115.9 އެވެ. އެހެންކަމުން 2023 ގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވެރިކަމާއި ހަވާލުވެވަޑައިގަތްއިރު ގައުމު އޮތީ މި ހިސާބުތަކާއެކު ބިޔަ މާސިންގާ އިގްތިސާދީ ކާރިސާއެއްގައެވެ.
ރޭޓިންގ މަތިވުމުގެ އަސްލު ސަބަބުތައް ރައީސް މުޢިއްޒުގެ ސަރުކާރުގެ ކެތްތެރި ހިކުމަތްތެރި ފިޔަވަޅުތައް
މި ދަރަންޔާއެކު ފިޗުގެ ރޭޓިންގައި ވެސް ކާމިޔާބެއް ހޯދަން ރައީސް މުޢިއްޒުގެ ސަރުކާރަށް ލައްކަ ގިނަ ގުރުބާނީ ވާންޖެހުނެވެ. ކެތްތެރިކަމާއެކު ސަރުކާރުގެ ޚަރަދުތައް މެނޭޖްކޮށް، އިގްތިސާދީ މައި ބައިދަ ހަރުލެއްވުމަށް ގާނޫނީ އަދި އިދާރީ ފިޔަވަޅުތައް ތަންފީޒު ކުރަން ޖެހުނެވެ.
މި މަސައްކަތްތަކާއެކު ފިޗްއިން ރާއްޖޭގެ ރޭޓިންގ މަތިކުރުމުގެ މައިގަނޑު ސަބަބަކީ، ދައުލަތުން އަދާކުރަންޖެހޭ ބޭރުގެ ދަރަނިތައް ސަރުކާރުން ވަގުތަށް ދައްކަމުންދިއުމެވެ. ޚާއްޞަކޮށް 500 މިލިޔަން ޑޮލަރުގެ ސުކޫކް އަނބުރާ ދެއްކުމަކީ ފިޗްއިން ފާހަގަކުރި އެންމެ ބޮޑު ކާމިޔާބީއެވެ. މި ފައިސާ ދެއްކުމުގައި ސޮވެރިން ޑިވެލޮޕްމެންޓް ފަންޑުން 175 މިލިޔަން ޑޮލަރު އަދި ރިޒާވުން 350 މިލިޔަން ޑޮލަރު ބޭނުންކޮށްފައިވެއެވެ. މީގެ އިތުރުން، މިއަހަރު ދައްކަން އޮތް 1.1 ބިލިޔަން ޑޮލަރުގެ ދަރަނި މިހާރު 535 މިލިޔަން ޑޮލަރަށް ދަށްކޮށްފައިވާކަން ފިޗްއިން ފާހަގަކުރެއެވެ.
ފިޗް ރޭޓިންގް މަތިވުން: އިގްތިސާދީ އިތުބާރުގެ ފެށުން
ބައިނަލްއަގުވާމީ ކްރެޑިޓް ރޭޓިންގް އިދާރާ، ފިޗުން ރާއްޖޭގެ ރޭޓިންގް 'ސީސީ' އިން 'ސީސީސީ-' އަށް މަތިކުރުމަކީ މި ސަރުކާރުގެ އިގްތިސާދީ ސިޔާސަތުތަކަށް ލިބުނު ބޮޑު ކާމިޔާބީއެކެވެ. މިއީ 2023 ނޮވެންބަރުގައި ސަރުކާރު ހަވާލުވިއިރު އޮތް ނުރައްކާތެރި ހާލަތުން އަރައިގަތުމަށް ކުރި މަސައްކަތުގެ ނަތީޖާއެވެ. ހާއްސަކޮށް 2024 ވަނަ އަހަރުގެ މަޖިލިސް އިންތިޚާބަށްފަހު، ގާނޫނީ އިސްލާހުތައް ގެނައުމަށް ލިބުނު ފުރުސަތުގެ ބޭނުން ހިފާ، ނިޒާމީ ބަދަލުތަކެއް ވަނީ ގެނެސްފައެވެ.
އާމްދަނީ އިތުރުކުރުމާއި ދަރަނި މެނޭޖްކުރުން
ސަރުކާރުން އެންމެ އިސްކަމެއް ދިނީ ރައްޔިތުންނަށް ދޭ ހިދުމަތްތަކަށް ބުރޫނާރާނެ ގޮތަކަށް އާމްދަނީ އިތުރުކުރުމަށެވެ. މިގޮތުން ޓީ-ޖީއެސްޓީ އާއި އެއާޕޯޓް ޑިވެލޮޕްމެންޓް ފީ އަދި ޑިޕާޗަރ ޓެކްސް މަތިކުރުމުގެ ފިޔަވަޅުތައް އެޅިއެވެ. މީގެ އިތުރުން، ބޭރު ފައިސާގެ ގާނޫނަށް ގެނައި އިސްލާހާއެކު، ބޭންކިންގް ނިޒާމުގެ ތެރެއިން އެމް.އެމް.އޭ އަށް ބޭރު ފައިސާ ވަންނާނެ މަގު ތަނަވަސްކޮށް، ސޮވެރިން ޑިވެލޮޕްމެންޓް ފަންޑު ވަނީ ވަރުގަދަކޮށްފައެވެ.
ދަރަނި އަދާކުރުމުގެ ލާމަސީލު ނަމޫނާ
މިއަހަރުގެ އެޕްރީލް މަހު 500 މިލިޔަން ޑޮލަރުގެ ސުކޫކް ދެއްކީ އެއްވެސް އިތުރު ދަރަންޏެއް ނުނަގައެވެ. މިއީ ރާއްޖޭގެ ތާރީޚުގައިވެސް ފާހަގަކޮށްލެވޭ ކަމެކެވެ. މި ފައިސާ ދެއްކީ ސޮވެރިން ޑިވެލޮޕްމެންޓް ފަންޑުން 175 މިލިޔަން ޑޮލަރު އަދި ރިޒާވުން 350 މިލިޔަން ޑޮލަރު ބޭނުންކޮށްގެންނެވެ. މިއަހަރު ފެށުނުއިރު ދައްކަން އޮތް 1.1 ބިލިޔަން ޑޮލަރުގެ ދަރަނި 535 މިލިޔަން ޑޮލަރަށް ކުޑަކުރެވުމަކީ ފިޗުންވެސް ބަލައިގަތް ބޮޑު ކުރިއެރުމެކެވެ.
ރައީސް މުޢިއްޒުގެ ކާމިޔާބު ޚާރިޖީ ސިޔާސަތުގެ ސަބަބުން ބޭރުގެ އެކުވެރި ގައުމުތަކުގެ އެހީތެރިކަން ރާއްޖެއަށް ލިބި، މާލީ ނިޒާމު ހަމައަކަށް އެޅުވުމަށް ބޮޑު ބާރަކަށް ވިއެވެ. މިއީ ގައުމު ބަނގުރޫޓުވުމުގެ ތުންފަތްމަތީގައި އޮއްވާ، ރައީސްގެ ދުރުވިސްނޭ އިރުޝާދުގެ ދަށުން ކުރެވުނު މުހިންމު މަސައްކަތެކެވެ.
އިގްތިސާދީ ނުރައްކަލުން ސަލާމަތްވުމުގެ އުންމީދީ މިސްރާބަކަށް
ރާއްޖޭގެ އިގްތިސާދީ މިސްރާބު މިއަދު ހުރީ ރަނގަޅު ދިމާލަކަށެވެ. ނުރައްކަލުން އެއްކޮށް ސަލާމަތް ނުވި ނަމަވެސް، ބައިނަލްއަގުވާމީ މާލީ އިދާރާތަކުން މިވަނީ ރައީސް މުޢިއްޒުގެ ސިޔާސަތުތައް ބަލައިގަނެފައެވެ. މިއީ ކުރީގެ ތިން ރައީސުންނަށް ހައްލު ނުކުރެވުނު އިގްތިސާދީ ގޮންޖެހުންތަކުން ގައުމު ސަލާމަތްކުރުމަށް މި ސަރުކާރުން ހޯދި ތާރީޚީ ކާމިޔާބީއެކެވެ.
ދިވެހިރާއްޖޭގެ އިގްތިސާދީ ހާލަތު ފާއިތުވި ތިން ވެރިކަމެއްގައި އޮތީ ނުރައްކާތެރި ފައްތަރެއްގައެވެ. ދަރަނި ބޮޑުވެ، ބޭރު ފައިސާގެ ރިޒާވް ހުސްވުމުގެ ބިރު އޮތީ އިންތިހާއަށެވެ. ނަމަވެސް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވެރިކަމާ ހަވާލުވެވަޑައިގެން، އެޅުއްވި ހަރުދަނާ ފިޔަވަޅުތަކާއެކު، ރާއްޖެ މިއަދު މިވަނީ އިގްތިސާދީ ނުރައްކަލުން ސަލާމަތްވުމުގެ އުންމީދީ މިސްރާބަކަށް ދަތުރު ފަށާފައެވެ.


