ބަޣާވަތް
27 ޑިސެމްބަރު 2024 - 10:43
''ބަޣާވަތް'' މިއީ އަޅުގަނޑުމެންނަށް ވަރަށް ގިނައިން އިވޭ ލަފްޒެކެވެ. ދުނިޔޭގެ ކޮންމެސް ޤައުމެއްގައި ދޭތެރެ ދޭތެރެއިން ބަޣާވާތެއް ގެނެސްގެން އުޅޭ ވާހަކަތައް ބައިނަލްއަޤްވާމީ ޚަބަރުތަކުން އިވެއެވެ. ރާއްޖޭގައި ވެސް ''ބަޣާވަތް'' މިއީ އާންމު ލަފްޒެކެވެ. ވެރިކަމަށް ލޮޅުން އެރުވުމަށް ދައުލަތާއި، ސަރުކާރުގެ ތެރެއަށް ނޭދެވޭ ނުފޫޒު ވައްދައިގެން ހިންގަމުން އަންނަ ޢަމަލުތަކަށް މި ނަން ނިސްބަތްކޮށް އުޅެއެވެ. ދިވެހި ބަހުގައި ''ބަޣާވަތް'' މާނަކޮށްފައި އޮންނަނީ، އެއީ ޤާނޫނާއި ޚިލާފަށް ސަރުކާރު ބަދަލުކުރުމަށް ކުރާ މަސައްކަތުގެ ގޮތުގައެވެ.
ތާރީޚުގެ ތެރެއިން އަޅުގަނޑުމެންނަށް ފެންނަން ހުރި އެންމެ ނުރައްކާތެރި އަދި ހިތާމަވެރި ހާދިސާތަކުގެ ތެރޭގައި ބަޣާވަތް ހިމެނެއެވެ. ބަޣާވާތަކީ ޤާނޫނީ ގޮތުން އުފެދިފައިވާ ވެރިކަމެއްގެ މައްޗަށް ބަޔަކު ނުވަތަ ޖަމާޢަތަކުން ކުރާ އިންޤިލާބެކެވެ. އަޅުގަނޑުމެންގެ ތެރޭގައި އާންމު މި ލަފުޒު ''ބަޣާވަތް'' ކުރުމަކީ ކޮންކަހަލަ، ކިހާވަރެއްގެ ކަމެއްކަން އިނގުމަކީ މުހިންމު ކަމެކެވެ.
ދިވެހިރާއްޖޭގެ ޤާނޫނުލްއުޤޫބާތުގައި ރަޔަޓްކުރުމާއި ނުވަތަ ބާރުގެ ބޭނުންކޮށްގެން ސަރުކާރު ވައްޓާލުމަށް ހިތްވަރު ދޭ މީހާއާއި، އެއިން ކަމަކަށް އެހީތެރިވެދޭ މީހާއާއި، އެއިން ކަމެއް ކުރާ މީހާ، އެކުރަނީ ކުށެކެއްކަމަށް ބަޔާންކޮށްފައިވާއިރު، ބާރުގެ ބޭނުންކޮށްގެން ސަރުކާރު ވައްޓާލުމުގެ ބޭނުމުގައި 5 މީހުންނަށް ނުވަތަ އެއަށްވުރެ ގިނަ ބަޔަކަށް ހިތްވަރު ދޭ ނުވަތަ އަމުރުކުރާ ނުވަތަ އިރުޝާދު ދޭ، ނުވަތަ ހަދަންވީގޮތް ބަޔާންކޮށްދޭ މީހާ އެކުރަނީ ޖިނާޔަތުގެ 2 ވަނަ ދަރަޖައިގެ ކުށެއްކަމަށް ވަނީ ބަޔާންކޮށްފައެވެ. އަދި ބަޣާވާތެއްގައި ބައިވެރިވުމުގެ ގޮތުން، ބާރުގެ ބޭނުންކޮށްގެން ސަރުކާރު ވައްޓާލުމުގައި މީހަކު ބައިވެރިވެއްޖެނަމަ އެ މީހަކު އެކުރަނީ ޖިނާޔަތުގެ 4 ވަނަ ދަރަޖައިގެ ކުށެކެވެ.
އަޅުގަނޑުމެންނީ މުސްލިމުންކަމުގައި ވީހިނދު، އިސްލާމް ދީނުގައި ބަޣާވާތާއި ގުޅިގެން އޮންނަ ހުކުމަކީ ކޮބައިކަން ވެސް ކޮންމެހެން އެނގެން ޖެހެއެވެ. މިގޮތުން ބަލާއިރު، ކޮންމެ ޤައުމެއްގެ ރައްޔިތުން ވެސް އެމީހުންގެ ކަންކަން ބަލަހެއްޓުމަށް ވެރިޔަކު އިސްކުރާންޖެހޭއިރު، އެއީ އެމީހުންގެ އިމާމެވެ. އިސްލާމީ ފިޤްޙްގައި އިމާމުކަމަށް މާނަކުރަނީ ދައުލަތުގެ އެންމެ އިސްވެރިޔާއަށެވެ. އަދި އެމީހެއްގެ ކިބައިގައި މުސްލިމަކުކަމުގައި ވުމާއި، ބާލިޣުވުމާއި، ބުއްދިސަލާމަތުން ހުރުމާއި، އަދުލުވެރިކަމާއި، ހިތްވަރުގަދަކަމާއި، ރައްޔިތުންގެ މަސްލަޙަތު ދެނެގަތުމުގެ ޤާބިލުކަމާއި، ފިޤްޙީ މައްސަލަތައް ދަތުމުގެ ޢިލްމު ހުރުމާއި އަދި ތަޖުރިބާހުރި މީހެއްކަމުގައިވުމާއެކު އިސްބަޔާންކުރެވުނު ޝަރުޠުތައް ފުރިހަމަވާންވާނެއެވެ. މި ޝަރުޠުތައް ހުރި މީހަކު ދައުލަތުގެ ވެރިޔަކަށް އިސްކުރެވިއްޖެނަމަ އޭނާއަށް ކިޔަމަންގަތުމަކީ އެ ޤައުމެއްގެ ރައްޔިތުންގެ މައްޗަށް ވާޖިބެކެވެ.
މާތް الله سبحانه وتعالى ވަޙީކުރަށްވާފަވެއެވެ. يَا أَيُّهَا الَّذِينَ آمَنُوا أَطِيعُوا اللَّهَ وَأَطِيعُوا الرَّسُولَ وَأُولِي الْأَمْرِ مِنكُمْ (سورة النساء 59) މާނައީ: ''އޭ އީމާންވެއްޖެ މީސްތަކުންނޭވެ! ތިޔަބައިމީހުން ﷲއަށް ކިޔަމަންވާށެވެ! އަދި ރަސޫލާއަށާއި ތިޔަބައިމީހުންގެ ތެރެއިން ވެރިންނަށް ވެސް ކިޔަމަންވާށެވެ!''
އަލް ބާޣީގެ ލުޣަވީ މާނައަކީ އެދުމެވެ. އަދި މި ލަފްޒު އަނިޔާއަށް ނުވަތަ ހައްދުފަހަނައަޅައި ދިއުމަށްވެސް ބޭނުން ކުރެވެއެވެ. މިބަހުގެ އިސްތިލާހުގެ އިބްނު ޢަރަފަތުލް މާލިކީ ވިދާޅުވެފައިވެއެވެ. "ތައުވީލުކޮށްގެން ނަމަވެސް ފާފައެއްގެ މައްޗަށް ގަދަވެގެންފައި ނުވާ ޙާލުގައި އެމީހެއްގެ އިމާމަތް ސާބިތުވެފައިވާ މީހަކަށް ކިޔަމަންވުމުން މަނާވެގަތުމެވެ."
ބަޣާވާތް ކުރުމަކީ ޙަރާމް ކަމެކެވެ. ރަސޫލާ ޙަދީޘް ކުރައްވާފައިވެއެވެ. "ވެރިމީހާގެ ކިޔަމަންތެރިކަމުން ބޭރުވެގެންވާ ޙާލުގައި ޤިޔާމަތް ދުވަހު މާތް الله سبحانه وتعالى ގެ ޙަޟްރަތަށް އަންނަހުށީ އެކަމުގެ މައްޗަށް އެއްވެސް ޙުއްޖަތެއް އޭނާއަށް ނުވާ ޙާލުގައެވެ. އަދި މުސްލިމުންގެ ޖަމާޢަތް ދޫކޮށް އެގޮތުގައި މަރުވާ މީހާ މަރުވާހުށީ ޖާހިލިއްޔަ މަރަކުންނެވެ." (ޞަޙީހުލް މުސްލިމް، ކިތާބުލް އިމާރާ 1850 - 58)
ބަޣާވާތަކީ ވެރިޔަކާ ދެކޮޅަށް ކުރެވޭ ކުށެކެވެ. އިސްލާމްދީނުގައި މި ކުށް ސާބިތުވާނެ ރުކުންތަކާއި ކުށުގެ ޝަރުޠުތައް ބަޔާންކޮށްފައިވީ ނަމަވެސް، މިފަދަ ކުށެއް ކޮށްފައި ސަލާމަތް ނުވެވޭނެކަން ކަށަވަރު ކުރުމަށްޓަކައި މި ކުށްކުރާ މީހުންނަށް ހަރުކަށި އަދަބުވަނީ ކަނޑައަޅާފައެވެ. އިސްވެ ބަޔާންކުރެވުނު ފަދައިން ރާއްޖޭގެ ޤާނޫނުލް ޢުޤޫބާތުގެ 610 ވަނަ މާއްދާގައި ރަޔަޓްކުރުމާއި ބާރުގެ ބޭނުންކޮށްގެން ސަރުކާރު ވައްޓާލުމަކީ ކުށެއްކަމަށް ބަޔާންކޮށްފައިއެވެ. އަދި ހަމަ 611 ވަނަ މާއްދާގައި ވަނަ މާއްދާގައި ކުލީ ސިފައިން ހޯދުމަކީ ކުށެއްކަމަށް ވަނީ ބަޔާންކޮށްފައެވެ.
މައުލޫމާތު ނެގީ: ޢަބްދުއްސައްތާރު ޢަބްދުއްރަޙްމާންގެ ''ޖިނާޔަތު'' ފޮތުން އަދި ދިވެހިރާއްޖޭގެ ޤާނޫނުލްއުޤޫބާތުން