އުމަރުގެ ސަރުކާރެއްގައި ކެބިނެޓުގައި 10 ވަޒީރުން


28 ޑިސެމްބަރު 2024 - 02:52
ކުރިއަށް އޮތް 2028 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ކާމިޔާބު ވެއްޖެނަމަ، ސަރުކާރު ހިންގަވާނީ 10 މިނިސްޓްރީއާ އެކުގައި ކަމަށް ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެއެވެ.
އުމަރު މިހެން ވިދާޅުވީ އޮންލައިން ނޫސް 'ސަން'ގެ 'އެޑިޓަރުގެ ސުވާލު' ޕްރޮގްރާމްގައި ބައިވެރިވެވަޑައިގެން ވާހަކަދައްކަވަމުންނެވެ.
އުމަރު ވިދާޅުވީ، އަންނަ ރިޔާސީ އިންތިޚާބު ކާމިޔާބުވެއްޖެނަމަ ސަރުކާރު ހިންގަވާނީ 10 މިނިސްޓްރީއާއި 100 ނުވަތަ 200 އެއްހައި ސިޔާސީ މަގާމު ލައިގެން ކަމަށެވެ.
"ކުރިއަށް އޮތް 2028 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ވެސް އަޅުގަނޑު ވާދަކުރާނަން. އަޅުގަނޑުގެ ސަރުކާރެއްގައި ޓެކްސްތައް ކުޑަކުރެވިގެންދާނެ. ވަރަށް ކުޑަކުޑަ ސަރުކާރަކަށް ވެގެންދާނެ،" އުމަރު ވިދާޅުވިއެވެ.
މީގެ އިތުރުން، އުމަރު ވިދާޅުވީ ދިވެހިރާއްޖެއިން ކޮރަޕްޝަން ފުނޑުފުނޑުކޮށްލައްވާނެ ކަމަށެވެ. "އިސްލާމީ ޝަރީއަތުގައި ހުރި ހުކުމްތައް ކޮރަޕްޝަނާ ދެކޮޅަށް ވެސް އަންނާނެ،" އުމަރު ވިދާޅުވިއެވެ.
ފާހަގަކޮށްލެވޭ ކަމަކީ، މިދިޔަ ރިޔާސީ އިންތިޚާބުގައި ވެސް އުމަރު އަމިއްލަ ގޮތުން ވާދަކުރެއްވި ކަމެވެ. ނަމަވެސް، އެ އިންތިޚާބުގައި އުމަރަށް ލިބިވަޑައިގަތީ 6,293 ވޯޓެވެ.