ލަންކާއާއި ރާއްޖޭގެ ގުޅުމަކީ އިތުބާރުގެ މައްޗަށް ބިނާވެފައިވާ ވަރުގަދަ ގުޅުމެއް: ރައީސް
4 ފެބްރުއަރީ 2025 - 05:00

ލަންކާއާއި ރާއްޖޭގެ ގުޅުމަކީ އިތުބާރާއި އިހުތިރާމުގެ މައްޗަށް ބިނާވެފައިވާ ވަރުގަދަ ގުޅުމެއްކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މިފަދައިން ވިދާޅުވީ ސްރީލަންކާގެ މިނިވަން ދުވަހާ ގުޅިގެން އެ ޤައުމުގެ ރައީސް އަނުރަ ކުމާރަ ދިސާނާޔަކައާއި ބޮޑުވަޒީރު ޑރ. ހަރިނީ އަމަރަސުރިޔާގެ އިތުރުން އެގައުމުގެ ރައްޔިތުންނަށް ފޮނުއްވި ތަހުނިޔާގެ މެސެޖުގައެވެ.
ސްރީލަންކާގެ ރައީސް ދިސާނަޔަކައަށާއި ބޮޑުވަޒީރު ޑޮކްޓަރ އަމަރަސޫރިޔާއަށް، ރައީސުލްޖުމްހޫރިއްޔާ ވަކިވަކިން ފޮނުއްވި މި ތަހުނިޔާގެ ސިޓީފުޅުތަކުގައި، ސްރީލަންކާއަށް މިނިވަންކަން ހޯދުމުގެ ދަތުރުގައި އެ ޤައުމުގެ ކުރިއެރުމާއި ލާބައަށްޓަކައި ރައްޔިތުން ދެއްކި އަޒުމާއި ސާބިތުކަން ފާހަގަކުރައްވާފައިވެއެވެ.

Ad by Hajj Corporation
ރައީސުލްޖުމްހޫރިއްޔާގެ ސިޓީފުޅުތަކުގައި، ދެ ޤައުމުގެ ރައްޔިތުންގެ މެދުގައި އޮތް ޒަމާންވީ ގާތް ގުޅުމާއި ދެޤައުމުން ހިއްސާކުރާ އެއްގޮތް ސަގާފީ މުޢާމަލާތްތައް އިތުރުވެ، ގާތް ސަރަހައްދީ ދެ ޤައުމުގެ ހައިސިއްޔަތުން އެއް ޤައުމު އަނެއް ޤައުމަށް ދިމާވާ ގޮންޖެހުންތަކާއި ދެޤައުމަށް ފައިދާހުރި ކަންކަމުގައި ގުޅިގެން މަސައްކަތްކުރާކަން އެ މަނިކުފާނު ފާހަގަކުރައްވާފައިވެއެވެ. ދެ ޤައުމުގެ މެދުގައި އޮތް ޒަމާންވީ ގާތް ގުޅުމަކީ، އެކުވެރިކަމުގެ މައްޗަށް ބިނާވެފައި އޮތް، ދެޤައުމު ގަބޫލުކުރާ ހަމަތަކެއްގެ މަތިން އެއް ޤައުމު އަނެއް ޤައުމަށް ކުރާ އިހުތިރާމުގެ މައްޗަށް ބިނާވެފައި އޮތް ގުޅުމެއްކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރައްވާފައިވެއެވެ.
ރާއްޖެއާއި ސްރީލަންކާއާ ދެޤައުމުގެ ދެމެދު އޮތް ގާތް ގުޅުމުގެ މައްޗަށް ބައްލަވާލައްވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ، ދެ ޤައުމަށް ކުރިމަތިވާ ގޮންޖެހުންތަކުގައި ގުޅިގެން މަސައްކަތް ކުރުމާއެކު އިޖުތިމާއީ، އަދި އިޤްތިޞާދީ ކުރިއެރުމަށް ހުރި ފުރުޞަތުތައް ހޯދުމަށާއި ސަރަޙައްދީ ހަމަޖެހުމަށާއި ސުލްޙައާއި ލާބައަށް ދެ ޤައުމު ގުޅިގެން
އެކުގައި މަސައްކަތް ކުރާނެކަމުގެ ޔަޤީންކަން އޮތްކަމުގައި ވިދާޅުވެފައެވެ.
ސްރީލަންކާގެ މިނިވަން ދުވަހުގެ މުނާސަބަތުގައި، ރައީސުލްޖުމްހޫރިއްޔާ ވަނީ އެމަނިކުފާނުގެ ރަސްމީ "އެކްސް" އެކައުންޓުންވެސް މެސެޖެއް ޙިއްސާކުރައްވާފައެވެ.