logoEN
ޚަބަރު

ދަނޑުވެރިކަމުގެ ދާއިރާގައި އަންހެނުން ބާރުވެރިކުރުވުމަށް ގިނަ ކަންތައްތަކެއް

މުހައްމަދު މޫސާމުހައްމަދު މޫސާ

09 މާރިޗު 2025 - 02:31

ދަނޑުވެރިކަމުގެ ދާއިރާގައި އަންހެނުން ބާރުވެރިކުރުވުމަށް ގިނަ ކަންތައްތަކެއް ދަނޑުވެރިކަމާއި ދިރޭތަކެއްޗާ ބެހޭ ވުޒާރާއިން އިޢުލާންކޮށްފިއެވެ.

މި ކަންކަން އިޢުލާންކޮށްފައިވަނީ އިއްޔެ ފާހަގަކުރި އަންހެނުންގެ ދުވަހުގެ މުނާސަބަތުގައި ދަނޑުވެރިކަމާއި ދިރޭތަކެއްޗާ ބެހޭ ވަޒީރު ޑރ. މަރިޔަމް މާރިިޔާ ދެއްވި ޚާއްސަ މެސެޖުގައެވެ.

ވަޒީރު ޑރ. މަރިޔަމް މާރިޔާ ވިދާޅުވީ ދަނޑުވެރިކަމުގެ ދާއިރާގައި އަންހެނުން ބާރުވެރިކޮށް، ފުރުޞަތުތައް ފަހިކޮށްދިނުމުގެ ގޮތުން ގިނަ ކަންތައްތަކެއް ކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ. އޭގެ ތެރޭގައި:

1. ދެމެހެއްޓެނިވި ދަނޑުވެރިކަމެއް ކުރެވޭނެ ގޮތަށް ޒަމާނީ ޓެކްނޮލޮޖީގެ ވަޞީލަތްތައް ބޭނުންކޮށްގެން އަންހެނުން އިސްވެ ފަށާ ވިޔަފާރިތަކަށް އެހީވުމަށް ޚާއްސަ ފަންޑެއް ޤާއިމުކުކުރުން.

2. މޫސުމީ ބަދަލުތަކަށް ވިލުންތެރި ދަނޑުވެރިކަމެއް ކުރުމާއި ދަނޑުވެރިކަމުގެ ވިޔަފާރިއާ ގުޅޭގޮތުން އަންހެނުން ތަމްރީންކުރުން.

3. ދަނޑުވެރިކަން ކުރުމަށް ބޭނުންވާ ބިމާއި އެކިއެކި ވަޞީލަތްތައް އަންހެނުންނަށް ލިބޭނެ އިންތިޒާމެއް ހަމަޖެއްސުން.

4. ދަނޑުވެރިކަމުގެ ދާއިރާގައި އަންހެނުންނަށް ހަމަހަމަ ފުރުޞަތުތަކާއި އަންހެނުން ބަލައިގަތުން ކަށަވަރުކުރުމަށް މަސައްކަތްކުރުން.

"މުޅި ޤައުމަށް ކާނާގެ ރައްކާތެރިކަމާއި ތިމާވެށީގެ ދެމެހެއްޓެނިވިކަމާއި އިޤުތިޞާދީ ކެރުންތެރިކަން ހޯދައިދިނުމުގައި އަންހެނުން މުހިންމު ދައުރެއް އަދާކުރޭ. އަންހެނުންނަށް ހަމަހަމަކަމާއެކު މަސައްކަތްކުރާ ދަނޑުވެރިކަމުގެ ދާއިރާއެއް އުފެއްދުމަށް އެންމެން އެކުގައި މަސައްކަތްކުރުމަށް އަޅުގަނޑު ގޮވާލަން." ވަޒީރު ވިދާޅުވިއެވެ.

ވަޒީރުގެ މެސެޖުގައި އަންހެނުންގެ ދުވަހުގެ ތަހުނިޔާ ވިދާޅުވެ، ދަނޑުވެރިކަމާއި މަސްވެރިކަމާއި ވިޔަފާރީގެ ދާއިރާގައި އަންހެނުން އަދާކުރާ މުހިންމު ދައުރު ފާހަގަކުރެއްވިއެވެ.

ދަނޑުވެރިކަމުގެ ދާއިރާގެ އިތުރުންވެސް ގިނަ ދާއިރާތަކަކުން އަންހެނުން ބާރުވެރިކޮށް، އެ މީހުންނަށް ފުރުޞަތުތައް ފަހިކޮށްދިނުމަށް ސަރުކާރުން ދަނީ ގިނަ މަސައްކަތްތަކެއް ކުރައްވަމުންނެވެ.

ކޮމެންޓް

871x217_placeholder