އައްޑޫގެ ސަވާހިލި ފަތުރުވެރިކަމަށް ތަރައްގީކުރުމަށް ހުޅުވާލައިފި

އައްޑޫ ސިޓީގެ ފޭދޫ އާއި މަރަދޫފޭދޫ ކައިރި އޮންނަ ސަވާހިލި ފަޅުރަށް؛ އެ ރަށް ފަތުރުވެރިކަމަށް ގާއިމުކުރުމަށް އައްޑޫ ސިޓީ ކައުންސިލުން ވަނީ ހުޅުވާލައިފަ -- ފޮޓޯ: މިހާރު

08 އޭޕްރީލު 2025 - 07:18
އައްޑޫ ސިޓީގެ ފޭދޫ އާއި މަރަދޫފޭދޫ ކައިރި އޮންނަ ސަވާހިލި ފަޅުރަށް ފަތުރުވެރިކަމަށް ތަރައްގީ ކުރުމަށް އައްޑޫ ސިޓީ ކައުންސިލުން ބިޑަށް ހުޅުވާލައިފިއެވެ.
ސަވާހިލި ފަތުރުވެރިކަމަށް ތަރައްގީކުރަން އެންމެ ފުރަތަމަ ނިންމާފައިވަނީ 2021 ވަނަ އަހަރުގެ 18 ވަނަ ދުވަހު އައްޑޫ ސިޓީ ކައުންސިލުން ބޭއްވި ބައްދަލުވުމެއްގައެވެ. ނަމަވެސް އޭރު އެ މަޝްރޫޢު އެހިސާބުން ހުއްޓި، އަލުން އެ ރަށުގައި ފަތުރުވެރިކަމާއި ގުޅުން ހުރި ވިޔަފާރި ހިންގަން އައްޑޫ ސިޓީ ކައުންސިލުން އިއުލާނު ކުރަން ނިންމާފައިވަނީ، މިދިޔަ އަހަރުގެ ފެބްރުއަރީ 14 ވަނަ ދުވަހުއެވެ.
އައްޑޫ ސިޓީ ކައުންސިލުން މިފަހަރު ބީލަމަށް ހުޅުވާލައިފައިވަނީ ސަވާހިލި ފަޅުރަށުން 858،462 އަކަފޫޓުގެ ބިމަކާއި ފަޅުން ކަނޑައަޅާފައިވާ ސަރަހައްދެކެވެ. އިއުލާނުގައިވާ ގޮތުން އެ މަޝްރޫޢުގެ ދަށުން މަދުވެގެން 10 ކޮޓަރި، ރެސްޓޯރެންޓެއް، ބާ، އިންޑޯ އަދި އައުޓްޑޯ ކުޅިވަރު ވަސީލަތްތައް، ވޯޓަސްޕޯޓްސް ސެންޓަރެއް، ސްޕާ އަދި ވެލްނަސް ސެންޓަރެއްގެ އިތުރުން ސުވިމިން ޕޫލާއި ފަތުރުވެރިންނަށް ހިދުމަތް ދެވޭ އެހެނިހެން ވަސީލަތްތައް ތަރައްގީ ކުރަން ޖެހޭނެއެވެ.
ގިނަވެގެން 50 އަހަރުގެ މުއްދަތަށް ކުއްޔަށް ދެވޭ މި ސަރަހައްދު، ފަތުރުވެރިކަމަށް ތަރައްގީ ކުރުމަށް ނިންމާފައިވަނީ އެހެން ރިސޯޓުތަކާއި ގެސްޓުހައުސްތަކާއި އައްޑޫގައި ފަތުރުވެރިކަމުގެ ސިނާއަތުގައި ހަރަކާތްތެރިވާ އެކި ފަރާތްތަކަށް ވެސް ހިދުމަތް ދެވޭ ގޮތަށެވެ.
އެ މަޝްރޫޢުގެ ބީލަން ފޮތް އައްޑޫ ސިޓީ ކައުންސިލުން އަދި އެ އިދާރާގެ އީމެއިލް މެދުވެރިކޮށް ވިއްކާނީ، މާދަމާއިން ފެށިގެން މި މަހުގެ 20 ވަނަ ދުވަހުގެ ނިޔަލަށް، ކޮންމެ ދުވަހަކު ހެނދުނު 09:00 އިން ފެށިގެން މެންދުރު 14:00 އަށެވެ. 100 އިންސައްތަ ހިއްސާ އޮންނަ ދިވެހި ކުނފުނިތަކަށް ބީލަން ފޮތުގެ އަގަގަކީ 15،000ރ. އެވެ. އަދި ބޭރު ކުންފުނިތަކަށް 1،000 އެމެރިކާ ޑޮލަރެވެ.