ރިސްކު އޮތް ކުދިންނާ އަޅައިނުލައިފިނަމަ ދެން އެ ކުދިން ފެންނާނީ ޖަލުން - މިނިސްޓަރ


13 މޭ 2025 - 10:50
ކުށަށް އަރައިގަތުމުގެ ރިސްކު އޮތްކަމަށް ރިކޯޑުކުރެވިފައިވާ ކުދިންގެ އަދަދު 1000 އަށްވުރެ ގިނަކަމަށާއި މި 1000 ކުދިންނަށް އަޅާނުލައިފިނަމަ، ކުރިއަށް އޮތްތަނުގައި އެކުދިން ފެންނާނީ ޖަލުން.ކަމަށް ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިޙްސާން ވިދާޅުވެއްޖެއެވެ.އަހާ ފޯރަމްގައި ވާހަކަފުޅުދައްކަވަމުން ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިޙްސާން ވިދާޅުވީ މިހާތަނަށް އައިރު، ކުށުގެ މާޙައުލުގައި އުޅޭކަމަށް 400 އެއްހާ ކުދިން ރިކޯޑުކުރެވިފައިވާ ކަމަށެވެ. އަދި އެފަދަ ކުދިންނާއި ކުށަށް އަރައިގަތުމުގެ ރިސްކު އޮތްކަމަށް ރިކޯޑުކުރެވިފައިވާ ކުދިންގެ އަދަދު 1000 އަށްވުރެ ގިނަކަމަށް ވަޒީރު ވިދާޅުވިއެވެ.
ވަޒީރު ވިދާޅުވީ، ކުށުގެ މާޙައުލުގައި ހަރަކާތްތެރިވަމުންދާ އަދި ކުށުގެ މާޙައުލަށް ހުށައެޅުމުގެ ރިސްކު އޮތް ހުރިހާ ކުޑަކުދިން ހެޔޮ ބައެއްގެ ގޮތުގައި މުޖުތަމަޢަށް ނެރުމަށް ހޯޕް އައިލެންޑްގެ މަޝްރޫޢުގެ ދަށުން ފެށޭނެ ކަމަށެވެ.
ހޯޕް އައިލެންޑަކީ އަޚުލާޤު ރަނގަޅު، މުޖުތަމަޢަށް ފައިދާ ހުރި ބައެއްގެ ގޮތުގައި ކުށްކުރާ ކުދިން މުޖުތަމަޢަށް ނެރުމަށް ބޭނުންވާ ފެސިލިޓީތަކަކާއެކު ތަރައްޤީކުރާ ރަށެކެވެ.ވަޒީރު ވިދާޅުވީ، ކުށުގެ ވެށިން ކުޑަކުދިން ދުރުކުރުމަށް އިޖުތިމާޢީ ގިނަ މައްސަލަތަކެއް ހައްލުކުރަންޖެހޭ ކަމަށެވެ. އެގޮތުން ބޯހިޔާވަހިކަމުގެ ދަތިކަމުގެ މައްސަލަ ހައްލުކުރުމާއި ޤާނޫނުން ކުޑަކުދިންނަށް ލިބޭ ރައްކާތެރިކަމުގެ ނާޖާއިޒު ފައިދާ ނެގުން ހުއްޓުވުން ހިމެނޭކަމަށް ވަޒީރު ވިދާޅުވިއެވެ.
ޖިނާޢީ މައްސަލަތަކުގައި ކުށުގެ ޒިންމާ އުފުލަންޖެހޭ ޢުމުރު 14 އަހަރަށް ދަށް ކުރުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. މިއީވެސް ކުށުގެ މާޙައުލުން ކުޑަކުދިން ދުރުކުރުމަށްޓަކައި ސަރުކާރުން ނިންމެވި މުހިންމު ނިންމެވުމެކެވެ.