logoEN
ކުޅިވަރު

ސާންތިގެ ހަނދާނުގައި 8 އަހަރުން ދަށުގެ އެކަޑެމީ މުބާރާތެއް އިފްތިތާޙް ކޮށްފި

ރޭގައި ގަލޮޅު ދަނޑުގައި ބޭއްވި އިފްތިތާޙީ ރަސްމިއްޔާތުގެ ތެރެއިން. ފޮޓޯ: ސްޕޯރޓްސް މިނިސްޓްރީ

ރޭގައި ގަލޮޅު ދަނޑުގައި ބޭއްވި އިފްތިތާޙީ ރަސްމިއްޔާތުގެ ތެރެއިން. ފޮޓޯ: ސްޕޯރޓްސް މިނިސްޓްރީ

އަބްދުﷲ ޣާނިމްއަބްދުﷲ ޣާނިމް

24 ޖޫން 2025 - 08:06

ރާއްޖޭގެ ފުޓްބޯޅައަށް ގިނަގުނަ ޚިދުމަތްތަކެއް ކޮށްދެއްވި އަލްމަރްހޫމް އިހުސާން އަބްދުލް ގަނީ (ސާންތީ)ގެ ހަނދާނުގައި، ސޮކަ ވެޓަރަންސް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ސްވޭމް) އިން އަށް އަހަރުން ދަށުގެ ކުދިންނަށް ޚާއްސަކޮށްގެން "މައިލޯ ސްވޭމް ޖޫނިއާސް" ގެ ނަމުގައި މުބާރާތެއް ރޭގައި ލޯންޗުކޮށްފިއެވެ.

ގަލޮޅު ރަސްމީ ދަނޑުގައި ބޭއްވި މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ކޮމިޝަނަރ އޮފް ސްޕޯޓްސް މުހައްމަދު ތޮލާލެވެ. މި ރަސްމިއްޔާތުގައި ސޮކަ ވެޓަރަންސްގެ އިސްވެރިންނާއި، ސާންތީގެ އާއިލާ މެންބަރުންގެ އިތުރުން މައިލޯގެ އިސްފަރާތްތަކާއި، ފުޓްބޯޅައިގައި ސާންތީއާއެކު ގިނަ މަސައްކަތްތަކެއް ކުރެއްވި ފަރާތްތައް ވެސް ބައިވެރިވިއެވެ.

މި ހަފްތާ ބަންދުގައި ކުރިއަށްދާ މި މުބާރާތުގައި 18 އެކަޑަމީއަކުން 28 ޓީމު ބައިވެރިވެފައިވާއިރު، ކޮންމެ ޓީމެއްގައި 18 ކުދިން ހިމެނެއެވެ. ސޮކަ ވެޓަރަންސްއިން މަޢުލޫމާތު ދެއްވި ގޮތުގައި މުބާރާތުގައި ގާތްގަނޑަކަށް 500 އެއްހާ ކުދިން ބައިވެރިވެފައިވާއިރު، ކޮންމެ ޓީމަކަށްވެސް މަދުވެގެން ހަ މެޗު، ތިން ދުވަހުގެ ތެރޭގައި ކުޅެވޭނެ ގޮތަށް ވަނީ ރޭވިފައެވެ.

ސޮކަ ވެޓަރަންސްގެ ރައީސް އަލީ ޝަމީމް (ކޮޔަރު އައްޔަ) ވިދާޅުވި ގޮތުގައި މި މުބާރާތުގެ އެންމެ ބޮޑު އެއް އަމާޒަކީ ތުއްތު ކުދިންނަށް އެ ކުދިންގެ ހުނަރު ދައްކާލުމުގެ ފުރުސަތު ދިނުމާއި، އެ ކުދިންގެ ހިތްތަކުގައި ފުޓްބޯޅައަށް ލޯބި ޖައްސައި، ފުޓްބޯޅައަށް ގިނަ ކުދިން ނެރެދިނުމެވެ.

މުބާރާތުގައި ބައިވެރިވެފައިވާ އެކަޑަމީތަކުގެ ތެރޭގައި މާޒިޔާ ފުޓްބޯލް އެކަޑަމީ، ކްލަބް ވެލެންސިއާ، އެސްޕަޔާ އެކަޑަމީ، އޮޑި ސްޕޯޓްސް އެކަޑަމީ، ބީޖީ އެކަޑަމީ އަދި އެހެނިހެން ގިނަ އެކަޑަމީތައް ހިމެނެއެވެ.

ކޮމެންޓް

871x217_placeholder