ތިނަދޫ ކައުންސިލަށް ވަކިގޮތަކަށް އަމަލުކުރަން އަންގާފައެއް ނުވާނެ: މެމްބަރު ސައުދު


27 ޖޫން 2025 - 10:24
ތިނަދޫ ސިޓީ ކައުންސިލަށް ވަކި ގޮތަކަށް އަމަލުކުރުމަށް އަންގާފައި ނުވާނެ ކަމަށް ވިދާޅުވެ، ރައްޔިތުންގެ މަޖިލީހުގެ ތިނަދޫ އުތުރު ދާއިރާގެ މެންބަރު ސައުދުﷲ ހިލްމީ އިދިކޮޅު އެމްޑީޕީއަށް ރައްދު ދެއްވައިފިއެވެ.
ތިނަދޫ ސިޓީގެ މޭޔަރު ސަޢުދު ޢަލީއާއި ޑެޕިއުޓީ މޭޔަރު ނަޞްރުﷲ ޢަލީ ސަސްޕެންޑްކޮށް ކައުންސިލަރުންނަށް ފިޔަވަޅު އަޅަން ލޯކަލް ގަވަމެންޓް އޮތޯރެޓީ (އެލްޖީއޭ)އިން ނިންމީ މި މަހުގެ 5 ވަނަ ދުވަހުއެވެ.
އެއާއެކު އިދިކޮޅު އެމްޑީޕީންވަނީ އެ ކައުންސިލަރުންނަށް ފިޔަވަޅު އަޅާފައިވަނީ ސައުދުﷲ ބޭނުންވާ ގޮތަށް އެ ކައުންސިލުން އަމަލުކުރަމުން ނުދާތީ އެ އެލްޖީއޭއަށް ހުށަހެޅި ހަގީގަތެއް ނެތް މައްސަލަތަކުގެ މައްޗަށް ބިނާކޮށް ކަމަށް ބުނެފައެވެ.
ސައުދު ވިދާޅުވީ ވަކި ގޮތަކަށް އަމަލުކުރުމަށް ކައުންސިލަށް އަންގާފައިނުވާނެކަމަށެވެ.
ތިނަދޫ ކައުންސިލް ސަސްޕެންޑުކުރުމަށް އެލްޖީއޭއިން ނިންމީ ތިނަދޫ ކައުންސިލާ ގުޅޭގޮތުން ހުށަހެޅިފައިވާ މައްސަލަތަކާ ގުޅިގެން ކުރިއަށް ގެންދިޔަ އިންކްއަރީއަށްފަހުގައެވެ.
އެލްޖީއޭއިން ބުނީ ތިނަދޫ ސިޓީ ކައުންސިލުގެ ވާޖިބު އަދާކުރުމަށް ނުކުޅެދިފައިވާކަމަށާއި، ކައުންސިލުގެ ބާރުތަކާއި ވަސީލަތްތަކުގެ ބޭނުން ނަހަމަ ގޮތުގައި ހިފައި، ކައުންސިލަރުންގެ ސުލޫކީ މިންގަނޑާއި ހިލާފަށް މޭޔަރާއި މެންބަރުން އަމަލުކުރާކަމަށް ބުނެ، އަމިއްލަ ފަރާތްތަކުންނާއި ދައުލަތުގެ އެކި އިދާރާތަކުން މައްސަލަތައް ހުށަހަޅާފައިވާ ކަމަށެވެ. އެފަދަ 19 މައްސަލައެއް ބަލާފައިވާކަމަށްވެސް އެލްޖީއޭއިން ހާމަކުރެއެވެ.
މިފަދަ މައްސަލަތަކުގެ ތެރޭގައި ދައުލަތުން ފޮނުވާ ސިޓީތަކަށް ޖަވާބު ނުދިނުމުގެ މައްސަލަތަކާއި ރަށްވެހިކަން ބަދަލުކުރުމަށް ހުށަހެޅުމުން 5،000 ރުފިޔާގެ ފީއެއް ނެގުމާއި ތިނަދޫ ސަރުކާރުން އަޅާ 200 ހައުސިން ޔުނިޓަށް މިނިސްޓްރީގެ ހުއްދައާ ނުލައި ކުރިމަތިލާން ހުޅުވާލުމުގެ މައްސަލަތައް ހިމެނެއެވެ.
ތިނަދޫއަށް ސިޓީއެއްގެ ދަރަޖަދީ، ސިޓީ ކައުންސިލެއް އުފައްދާފައި ނުވިނަމަވެސް ސިޓީ ކައުންސިލެއްގެ މޭޔަރާއި މެންބަރުންގެ މުސާރައާއި އިނާޔަތް، ކައުންސިލުގެ ރައީސްއާއި މެންބަރުން ނަގާފައިވާ ކަމަށްވެސް އެލްޖީއޭއިން ބުނެއެވެ.