5 ވަނަ އަހާ ފޯރަމް އަންނަ ހޯމަ ދުވަހު ބާއްވަނީ
12 ޖުލައި 2025 - 09:23

ހަތަރު ވަޒީރުންނާއެކު އަންނަ ހޯމަދުވަހުގެ ރޭ "އަހާ" ފޯރަމުގެ އައު ޕްރޮގުރާމެއް ކުރިއަށްގެންދާނެކަން ޕަބްލިކް ސާވިސް މީޑިޔާ (ޕީއެސްއެމް)އިން ހާމަކޮށްފިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހާއި ދައުލަތުގެ މީޑިޔާ ޕަބްލިކް ސާވިސް މީޑިޔާ ގުޅިގެން ކުރިއަށްގެންދާ ސިލްސިލާ ފޯރަމްތަކަކީ އާއްމުންނަށް ބޭނުން ސުވާލެއް ވަޒީރުންނާ ކުރެވޭ ގޮތަށް ކުރިއަށްގެންދާ ފޯރަމްތަކެކެވެ.
ޕީއެސްއެމްއިން ބުނި ގޮތުގައި އަންނަ ހޯމަ ދުވަހުގައި އޮންނަ "އަހާ" ފޯރަމުގައި ބައިވެރިވެވަޑައިގަންނަވާނީ ފިނޭންސް މިނިސްޓަރު މޫސާ ޒަމީރާއި، ކޮންސްޓްރަކްޝަން މިނިސްޓަރު ޑރ.އަބްދުﷲ މުއްތަލިބާއި، ޓޫރިޒަމް އެންޑް އެންވަޔަރަމެންޓް މިނިސްޓަރު ޠާރިޤު އިބްރާހީމާއި، ޔޫތު މިނިސްޓަރު އިބްރާހީމް ވަހީދު (އަސްވާޑް)އެވެ.
މި ފޯރަމްގައި ބައިވެރިވެރިވެ އެސްއެމްއެސް މެދުވެރިކޮށް ސުވާލު ފޮނުވާނީ AH ޖެއްސެވުމަށް ފަހު، ހުސްތަންކޮޅެއް ދޫކުރުމަށްފަހު ކުރަން ބޭނުންވާ ސުވާލު ލިޔުމަށްފަހު 300 އަށެވެ.
ދެ ގަޑިއިރަށް ކުރިއަށްގެންދާ ވަޒީރުންގެ މި ފޯރަމަކީ ސަރުކާރުން ކުރަމުން އަންނަ މަސައްކަތްތަކާ ގުޅޭގޮތުން ރައްޔިތުންނަށް މަޢުލޫމާތު ދިނުމުގެ އިތުރުން ރައްޔިތުންގެ ހުރި ސުވާލުތަކަށް ވަޒީރުން ޖަވާބުދެއްވުމަށް ބާއްވާ މިފަދަ 5 ވަނަ ފޯރަމެވެ.