-01-40bb8a38.jpg)

ސްރީލަންކާއަށް ބޯކޮށް ވާރޭވެހި ފެންބޮޑުވުމުގެ ސަބަބުން އެގައުމަށް ލިބެމުންދާ ގެއްލުމުން އަރައިގަތުމަށް އެހީއެއްގެ ގޮތުގައި ދިވެހިރާއްޖެއިން ފައިސާ އާއި މަސްދަޅުކޭސް ހަދިޔާކުރަން ނިންމައިފިއެވެ.
ޚާރިޖީ ވުޒާރާއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ސްރީލަންކާއަށް މިހާރު ކުރަމުންދާ ވިއްސާރައާ ގުޅިގެން، އެގައުމަށް އެހީގެ ގޮތުގައި 50،000 އެމެރިކާ ޑޮލަރުގެ އިތުރުން 25،000 މަސްދަޅު ކޭސް ހަދިޔާކުރަން ދިވެހި ސަރުކާރުން ނިންމާފައިވާކަމަށެވެ.
ސަރުކާރުގެ މި ނިންމުމަކީ، "ޑިޓްވާ" ތޫފާނުގެ ސަބަބުން ސްރީލަންކާގެ އެކި ހިސާބުތަކަށް ބޯކޮށް ވާރޭވެހި އެގައުމުގެ ރައްޔިތުންނަށް ލިބިފައިވާ ގެއްލުންތަކާއި ދަތިތަކުން އަރައިގަތުމަށް އެގައުމަށް އެހީތެރިވުމުގެ ގޮތުން ނިންމި ނިންމުމެއްކަމަށް ޚާރިޖީ ވުޒާރާގެ ބަޔާނުގައި ބުނެފައިވެއެވެ.
މި އެހީތެރިކަން ރަމްޒުކޮށްދެނީ ދެގައުމުގެ ދެމެދުގައި އޮތް ގާތް، އެކުވެރި ގުޅުމާއި މިފަދަ އުނދަގޫ ދަނޑިވަޅެއްގައި އެގައުމުގެ ރައްޔިތުންނާއެކު ދިވެހި ރައްޔިތުން ތިބިކަންކަމަށް ޚާރިޖީ ވުޒާރާގެ ބަޔާނުގައި ބުނެފައިވެއެވެ. އަދި ރާއްޖޭން އުންމީދުކުރަނީ މި އެހީގެ ސަބަބުން ހާލުގައި ޖެހިފައިވާ ސްރީލަންކާ ރައްޔިތުންނަށް ކޮންމެވެސް ވަރެއްގެ ތަސައްލީއެއް ލިބި، ސްރީލަންކާ ސަރުކާރުން ކުރަމުންދާ މަސައްކަތަށް ކޮންމެވެސް ވަރެއްގެ ލުއިކަމެއް ލިބޭނެކަމަށްކަން ބަޔާނުގައި ވެއެވެ. އަދި މިފަދަ ކަންކަމުން ދައްކުވައިދެނީ ދެގައުމުގެ ދެމެދުގައި އާއި ދެގައުމުގެ ރައްޔިތުންގެ މެދުގައި ހިއްސާކުރާ ގާތް އެކުވެރި ގުޅުންކަމަށް ޚާރިޖީ ވުޒާރާއިން ބުންޏެވެ.
ތޫފާން ޑިޓްވާގެ ސަބަބުން ސްރީ ލަންކާއަށް ކުރަމުންދާ ބޯ ވިއްސާރައިގައި މަރުވި މީހުންގެ ޢަދަދު 69 އަކަށް ވަނީ އަރާފައެވެ. ފާއިތުވި ދެ ދުވަހުގެ ތެރޭގައި ސްރީ ލަންކާއަށް 300 މިލިމީޓަރުގެ ވާރޭ ވެހިފައިވެއެވެ. އެއީ އެގައުމަށް މިހާތަނަށް އެހާ ކުރު މުއްދަތެއްގެ ތެރޭގައި ވާރޭ ވެހިފައިވާ އެންމެ ގިނަ މިންވަރެވެ.




-0e9b50c8.webp)
