-01-40bb8a38.jpg)

ޔަހޫދީ ސިފައިން، ސީރިއާގެ ޝަހަރަކަށް ވަދެގަނެ، އާންމުންގެ ބައެއް ގަޔަށް ބަޑިޖަހާ މަދުވެގެން 13 މީހުން ޝަހީދުކޮށްލައިފިއެވެ.
މި ހަމަލާގައި ޝަހީދުވި މީހުންގެ ތެރޭގައި އަންހެނުންނާ ކުޑަކުދިންވެސް ހިމެނޭކަމަށް އެގައުމުގެ ޚާރިޖީ ވުޒާރާއާ ހަވާލާދީ، އެސޯސިއޭޓަޑް ޕްރެސްއިން ރިޕޯޓުކޮށްފައިވެއެވެ. ސީރިއާގެ "ސަނާ" ނޫހާ ހަވާލާދީ އެސޯސިއޭޓަޑް ޕްރެސް އިން ބުނެފައިވަނީ، ޔަހޫދީ ސިފައިން އެޝަހަރަށް ވަދެގަތީ އެތަނުން ބަޔަކު ރަހީނުކުރަން ކަމަށާއި އާންމުން އެކަމަށް ހުރަސްއެޅުމުން އެމީހުން ގަޔަށް ބަޑިޖަހާ މަރާލީ ކަމަށެވެ.
މިކަމާ ގުޅޭގޮތުން ޔަހޫދީން ބުނެފައިވަނީ ޖަމާ އިސްލާމިއްޔާއަށް ނިސްބަތްވާ ބަޔަކު ހައްޔަރުކުރުމަށް ހުކުރު ދުވަހު އޮޕްރޭޝަނެއް ހިންގާފައިވާ ކަމަށާއި އެއީ، އެމީހުން އައިޑީ އަދި ރޮކެޓު ބޭނުންކޮށްގެން އިސްރާއީލަށް ހަމަލާދޭން ތައްޔާރުވަމުންދިއުމުން ކަމަށެވެ. އަދި ޔަހޫދީ ސިފައިން އެމީހުނާ ކުރިމަތިލުމުން ޔަހޫދީ ސިފައިން ގަޔަށް ބަޑިޖަހާ، ހަ މީހަކު ޒަޚަމްކޮށްލި ކަމަށާއި އެހެންކަމުން ރައްދުގައި ބަޑިޖަހާފައިވާ ކަމަށެވެ. އަދި، އިސްރާއީލަށް ހަމަލާދޭން އުޅުނު މީހުން މި އޮޕަރޭޝަނުގައި ހައްޔަރުކޮށްފައިވާ ކަމަށް އިސްރާއީލުން ބުނެއެވެ.
2024 ވަނަ އަހަރު، ބަޝާރުލް އަސަދުގެ ވެރިކަން ވެއްޓުނު ފަހުން ސީރިއާގެ ދެކުނު ސަރަހައްދުގައި ޔަހޫދީ ސިފައިން އަންނަނީ ހަރަކާތްތެރިވަމުންނެވެ. އަދި މިފަދަ އެތައް ހަމަލާތަކެއްދިނުމުގެ އިތުރުން ސީރިއާގެ މިލިޓަރީ ބޭސްތަކަށް އިސްރާއީލުން އަންނަނީ ވައިގެ ހަމަލާތަކެއްވެސް ދެމުންނެވެ.
ޔަހޫދީންގެ މިފަދަ ހަމަލާތަކާ، ސީރިއާގެ އާންމު ރައްޔިތުން ފުރިހަމަ ހަތިޔާރާއެކު ކުރިމަތިލަމުން އަންނަކަން ފާހަގަކުރެވެއެވެ. އެގޮތުން އޭޕްރީލް މަހު، އެގައުމުގެ އެހެން ޝަހަރަކަށް ޔަހޫދީ ސިފައިން ވަދެގަންނަން އުޅުމުން އެޝަހަރުގައި ދިރިއުޅޭ މީހުންވެސް ވަނީ ހަރިޔާރާއެކު، ޔަހޫދީންނާ ކުރިމަތިލާފައެވެ. އެހެންކަމުން އެފަހަރު، އެޝަހަރަށް ވައިގެ ހަމަލާތަކެއްދީ، ޔަހޫދީން ވަނީ ނުވަ މީހަކު ޝަހީދުކޮށްލާފައެވެ.


-b987d85e.webp)
-8c6613bc.webp)